
މި ހަގީގީ ހަދިސާ، ވާހަކަ އެއްގެ ގޮތުގައި ގެނެސް ދިނުމުގެ ބޭނުމަކީ ދިވެހި މުޖުތަމައުގެ އެތައް އާއިލާ އެއް މިއަދު ތަހައްމަލު ކުރަން ޖެހިފައިވާ މަސްތުގެ ވަބާގައި ގިނަ އާއިލާއެއް ވަކި ހިއްޕާލާފައިވާ މިންވަރާއީ، އޭގެ ސަބަބުން ހަލާކުވަމުންދާ މި ޖީލުގެ ޒުވާނުންނަށް އަގުހުރި ފިލާވަޅަކަށް މިކަން ވާނެ ކަމުުގެ އުންމީދުގައެވެ.
އުމުރުން 28 އަހަރުގެ އެ ޒުވާނާ އަކީ މައިންބަފައިންގެ ލޯބިލިބިގެން ބޮޑުވި ޒުވާނެކެވެ. މަންމަޔަކާއި ބައްޕައެއްގެ ތިބި ހަތް ދަރިންގެ ތެރެއިން އެ ދެމެފިރިން އެންމެ ލޯބިވި އެއް ދަރިއަކީ އޭނާއެވެ.
އެ ދެމެފިރިން ހިތުގެ ފިނިކަން ކަމުގައިވި އެ ފިރިހެން ދަރިފުޅުގެ އުޅުމަށް ބަދަލުތަކެއް އަންނަން ފެށިއެވެ. އެއީ ކުއްލިއަކަށް ދިމާވާން ފެށި ކަމަކަށްވާތީ އެދެމެފިރިން މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ. ދަރިފުޅު ބޭނުން ކޮންމެ ކަމެއް ބޭނުން އެއްޗެއް ހޯދައިދެމުން އެ ދެމަފިރިން ދިޔައެއީއެވެ.
ދުވަހެއް ދުވަހަކަށް ދަރިފުޅަށް އަންނަމުން ދިޔަ ބަނދަލު އެ މައިންބަފައިންނަށް ވަޒަން ކުރެވުނަސް އެއޭގެ ނަތީޖާއެއް އެ މައިންބަފައިންނަކަށް ވަޒަނެއް ނުކުރެވުނެއެވެ. އޭގެ ނަތީޖާ އަކަށް ވެގެން ދިޔައީ އުމުރުން އެންމެ 25 އަހަރުގައި މަސްތުގެ އަޑި ނޭގޭ ކަނޑަށް އަހުމަދު ވެއްޓި ގޮތް ނޭގޭ ބިޔަ ބާނީ ތަކުގައި ތާށިވެ ސަލާމަތް ވާނެ ވަކި ގޮތެއް، ދާނެ ވަކި މަންޒިލެއް ނެތި މުޅި އުމުރު ފަނާ ކުރަން ޖެހުމެވެ.
ރައްޓެހިންގެ އަވާގައިޖެހި މަސްތުން އާވާރާ ވެފައިވާ ދުނިޔެ އަށް އޭނާ ގެބިގަތެވެ. އެހާހިސާބުން އޭނާގެ ރަނގަޅު ރައްޓެއްސެއް ރަހުމަތް ތެރިއެއް ނެތެވެ. ގާތްކުރީ ހުސް ނުބައި މަގު ކިޔައިދިން ރަށްޓެހިންނެވެ.
އެއާއެކު އޭނާ މަޝްހޫރުވީވެސް ނުވަތަ މުޖުތަމައުގެ ތެރޭގައި ލޭބަލްވީވެސް ހަކުރު ބޯ މީހެއްގެ ގޮތުގައެވެ. މަންމަ ރައްކާ ކޮށްފައިވާ ވަކި ލާރި ކޮޅުވެސް އެކި ގޮތް ގޮތުން ނެގުމަކީ އޭނާގެ އާދައަކަށް ވިއެވެ. "މަންމާ ލާރިއެއް ދީ" އެތައް ދުވަހަކު އަހުމަދު ބުނެއެވެ. ލޯބިވާތީ މަންމައަށްވެސް ދެވުނީއެވެ. ނަމަވެސް އެ މަންމަ ކިތަންމެ ވަރަކަށް ދިން ނަމަވެސް އަހުމަދު ބޭނުންވާ ކަމެއް ނުފުދެވެ.
އޭނާ މަންމަގެ ފައްޓަރުބަޔާއި، ރައްކާ ކޮށްފައިވާ ވަކި ލާރި ކޮޅަށްދާންދެން ސިއްރުން ނަގަމުން ދިޔަ އިރު، ދަރިފުޅުގެ ހުރިހާ ކަމެއް އެ މަންމަ ސިއްރު ކުރަމުން ދިޔައީ ދަރިފުޅުދެކެވާ ލޯބިން ނުވަތަ ކޮންމެވެސް ދުވަހަކުން ދަރިފުޅުގެ އުޅުން އިސްލާހު ވާނެ ކަމުގެ އުންމީދުގައެވެ. އޭގެ ސަބަބުން އެ ލޯބިވާ ދަރިފުޅު މަރުގެ ތުންފަތްމައްޗާއި ގާތްވަމުން ދިޔަކަމެއް މަންމައަށް ރެއަކާ ނުލިއެެވެ.
އަމިއްލަ މަސައްކަތަކުން ލާރިއެއް ނުލިބޭ، ލޯމެރިފަވާ ދަރިފުޅު ފެނުމުން މަންމަގެ ހިތަށް ކެތް ނުވަނީ އެވެ. އަހުމަދު ބޭނުން ވަނީ އަބަނދު ލާރިއެވެ. ނުދީފިއްޔާ އެ މަންމަ އަށް ބިރު ދައްކައިގެން ވެސް އޭނާ ލާރި ހޯދައެވެ.
އެއީ އަހުމަދުގެ ދިރިއުޅުމެވެ. އޭނާގެ އުފަލެވެ. އެ މަންޒަރު ބަލަން އެ މަންމަޔާއި އާއިލާއަށް ކެތް ނުވި ނަމަވެސް ދެންކުރިމަތިލާން ޖެހުނީ އެއަށްވުރެ ބޮޑު ހިތްދަތި ކަމަކާ އެވެ.
އަހުމަދުގެ ހާލު ކުއްލި ސިރިއަސްވެ އޭނާ ރަށު ސިއްހީ މަރުކަޒަށް ގެންދެވުނެވެ. އެމެޖެންސީގައި ރަށު ސިއްހީ މަރުކަޒުން ފަރުވާދޭތާ ހަ ދުވަސް ވެގެންދިޔައިރު، އަހުމަދު ގައިގައި އަޅަމުން ދިޔަ ވޭން ލޮލަށް ފެނި އާއިލާއަށް ކެތްނުވެގެން މާލެއަށް ދަތުރު ހެދި އެވެ.
މާލޭގެ ހޮސްޕިޓަލަށް އަހުމަދު ގެނެވި ޑޮކުޓަރު އޭނާ އަށް ފަރުވާ ދެމުން ދިޔައެވެ. މާލެ އިން އަހުމަދަށް ދިން ފަރުވާތައް ބައިވަރެވެ. ޑޮކްޓަރު އެތައް ޓެސްޓެއް ހެދި އެވެ.
ޓެސްޓުތައް ބެލުމަށްފަހު ޑޮކްޓަރު ދެއްވި ޖަވާބަކީ މަސްތުވުމަށް އޭނާ އަމިއްލަ ހަށިގަނޑަށް އިންޖެކްޓު ކުރިކުރުމުގައި މުޅި ހަށިގަނޑު ގައި އިންފެކްޝަންނެއް އުފެދިފައިވާ ކަމަށެވެ. އެހާލުގައި ފަރުވާދެމުންދަނިކޮށް އަހްމަދު މަރުވީ ސިކުނޑި އަށް ލޭ އެޅިގެންނެވެ.
އާއިލާއިން ބުނާގޮތުން ރަނގަޅަށް ހުރިއިރު، މަންމައާއި އޭނާއަށް ވާހަކަ ދެއްކުނު އެންމެ ފަހު ފަހަރު ބުނި ބަހަކީވެސް "މަންމާ އަހަންނަށް ލާރިއެއް ދީ" އެވެ. އޭނާ ނިމިދިޔައީ އެކަމުގައި ރެއާ ދުވާލު އުޅެމުންދަނިކޮށެވެ. މާތްﷲ ހަރާމްކުރެއްވި އެ ބޮޑު ފާފައިގެ މަތީގައި ދެމިހުއްޓައެވެ. އެއާއެކު އަދި ވައްކަން ފަދަ އިތުރު ފާފަތަކެއްވެސް ޖަމާކޮށްގެންނެވެ. ހަގީގަތުގައި ހަޔާތުގެ ވަކި ހިސާބަކުން އޭނާވެސް އެކަމުން ސަލާމަތްވާން ބޭނުންވެފައި ހުރެދާނެއެވެ. އެ ވިސްނުމުގައި ހުރެދާނެއެވެ. އެކަމަށް އޭނާގެ ސިކުޑިއާއި، އިހުސާސްތައް އަދި އެ ބޭނުން ނުކުރުމުން ވާ އުނދަގޫތައް ތަން ނުދެނީއެވެ.
އޭ އަހްތާއެވެ. އަހަރެމެން އަތުގައި ނެތީ ވަގުތެވެ. އެންމެ ކައިރީގައި އޮތީ މަރެވެ. މަރުވުމަށްފަހު މާތްﷲގެ ހަޒްރަތުގައި ޖަވާބުދާރީވާންޖެހޭއިރު، އަހަރެމެން އެކަމަށް ތައްޔާރުވެވިފައި ނެތްނަމަ އެއީ އެންމެ ބޮޑު ބަދު ނަސީބެވެ. އިސްލާހުވާނީ މާދަމާ ކަމަށް ނިންމައިގެން ހުއްޓާ ޅަ އުމުރުގައި މަރު އައިސް ގެންދަނީއެވެ.
ސިކުންތަކުން ސިކުންތަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް ބަޔަކު މަރުވަމުން ދާއިރު، މިފަހަކުން އޭގެ ތެރެއިން ބޮޑު އިންސައްތައެއް ޒުވާން އުމުރުފުރާ އެބަ ހިއްސާކުރެއެވެ. އެއް މަހުން ފެށިގެން 16، 17، 18 ވެސް މެއެވެ. އެދަނީ އެވެ. އަހްތާއެވެ. ވަގުތު އޮއްވާ އެ ވަގުތުގެ ބޭނުންކޮށް މަރަށް ތައްޔާރުވާށެވެ. ހެޔޮ ކަންކަން ތިބާގެ ދަތުރު އޮޑިއަށް އަޅާ ބަރާކޮށްގެން އެ ދައުވަތައް ތައްޔާރުވެގެން ހުންނަ މީހެއްގެ ގޮތުގައި ނޫނީ ނުދާން އަޒުމު ކަނޑައަޅާށެވެ. މުޖުތަމައުގައި އާއްމުވަމުންދާ މިފަދަ ނުބައި ވަބާތަކުން ތާހިރުވާން އަދިވެސް ތިބާއަށް ފުރުސަތު އެބައޮތެވެ.
އެޑިޓަރުގެ ނޯޓް:
މި އާޓިކަލްގައި މިވަނީ ރާއްޖޭގައި ހިނގި ހަގީގީ ހާދިސާއެކެވެ. ސީއެންއެމްއިން "ހަގީގީ ހާދިސާ" މި ނަމުގައި ގެނެސްދެމުންދާ ވާހަކަތަކުގައި ހިމެނޭ މީހުންގެ ޒާތީ މައުލޫމާތުތައް ރައްކާތެރި ކުރުމުގެ ގޮތުން ވާހަކައިގައި ބޭނުންކޮށްފައިވާނީ އެމީހުންގެ އަސްލު ނަމެއް ނޫނެވެ.