އެގޮތުން މިދިޔަ ޖެނުއަރީ މަހު ވެލާ އިން ވަނީ އެ ރިސޯޓުގެ ކޮންމެ މުވައްޒިފަކަށް ސާވިސް ޗާޖުގެ ގޮތުގައި 3,006 ޑޮލަރު ނުވަތަ 46,356 ރުފިޔާ ދީފަ އެވެ. ސާވިސް ޗާޖު އެންމެ ރަނގަޅަށް ދެމުން ގެންދާ ރިސޯޓުތަކުގެ ލިސްޓްގައި މިދިޔަ ޑިސެމްބަރު މަހު ވެލާ އޮތީ ތިންވަނައިގަ އެވެ. ޑިސެމްބަރު މަހު ސާވިސް ޗާޖުގެ ގޮތުގައި ވެލާއިން ކޮންމެ މުވައްޒަފަކަށް ދީފައިވަނީ 931 ޑޮލަރު ނުވަތަ 14,368 ރުފިޔާ އެވެ.
ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓަކީ ރާއްޖޭގައި އަބަދުވެސް އެންމެ ގިނަ އިން ސާވިސް ޗާޖުދޭ އަދި ރާއްޖޭގައި ހިންގަމުން ގެންދާ އެންމެ މަތީ ފެންވަރުގެ ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ރިސޯޓެކެވެ.
ސާވިސް ޗާޖުގެ ގޮތުގައި ޖެނުއަރީ މަހު ދެވަނަ އަށް އެންމެ ބޮޑު އެއްޗެއް ދީފައިވަނީ ޝެވަލް ބްލާންކް ރަންދެލި ރިސޯޓުންނެވެ. އެ ރިސޯޓުގެ ކޮންމެ މުވައްޒިފަކަށް ޖެނުއަރީ މަހު ސާވިސް ޗާޖުގެ ގޮތުގައި ވަނީ 2,533 ޑޮލަރު ނުވަތަ 39,063 ރުފިޔާ ލިބިފަ އެވެ. މިލިސްޓްގައި މިދިޔަ ޑިސެމްބަރު މަހު ރަންދެލި އޮތީ އެއްވަނައިގަ އެވެ. ޑިސެމްބަރު މަހު ސާވިސް ޗާޖުގެ ގޮތުގައި ރަންދެލި ރިސޯޓުން ކޮންމެ މުވައްޒަފަކަށް ދީފައިވަނީ 1,903 ޑޮލަރު ނުވަތަ 29,348 ރުފިޔާ އެވެ.
ސާވިސް ޗާޖުގެ ގޮތުގައި ޖެނުއަރީ މަހު ތިންވަނަ އަށް އެންމެ ބޮޑު އެއްޗެއް ދީފައިވަނީ ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުންނެވެ. ވަން އެންޑް އޮންލީގެ ކޮންމެ މުވައްޒިފަކަށް ޖެނުއަރީ މަހު ސާވިސް ޗާޖުގެ ގޮތުގައި ވަނީ 2,465 ޑޮލަރު ނުވަތަ 38,010 ރުފިޔާ ލިބިފަ އެވެ. މިލިސްޓްގައި މިދިޔަ ޑިސެމްބަރު މަހު ވަން އެންޑް އޮންލީ އޮތީ އައްވަނައިގަ އެވެ. ޑިސެމްބަރު މަހު ސާވިސް ޗާޖުގެ ގޮތުގައި ވަން އެންޑް އޮންލީގެ ކޮންމެ މުވައްޒަފަކަށް ދީފައިވަނީ 822 ޑޮލަރު ނުވަތަ 12,675 ރުފިޔާ އެވެ.
ރިސޯޓްތަކުގެ މުވައްޒަފުންނަށް ސާވިސް ޗާޖު ދެމުންދާ ގޮތުގެ ލިސްޓް ތައްޔާރުކުރަނީ ރިސޯޓުތަކުގެ މުވައްޒަފުންދޭ މައުލޫމާތުގެ މައްޗަށް "މޯލްޑިވްސް ސާވިސް ޗާޖް" ވެބްސައިޓުންނެވެ.
މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް ރާއްޖޭގައި 151 ރިސޯޓް ހިންގަމުން ގެންގޮސްފައިވާއިރު މުވައްޒަފުންނަށް ސާވިސް ޗާޖު ދޭ ގޮތުގެ ތަފްސީލްތައް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ހާމަކޮށްފައިވަނީ އެންމެ 67 ރިސޯޓުންނެވެ.
ގިނަ ރިސޯޓްތަކުން މުވައްޒަފުންނަށް ސާވިސް ޗާޖު ދެނީ ވަރަށް ބޮޑަށް އޮޅުވާލައިގެން ވަރަށް ކުޑަ އަދަދެއް ކަމަށް ރިސޯޓްތަކުގެ މުވައްޒަފުން އަބަދުވެސް ގެންދަނީ ބުނަމުންނެވެ. ރާއްޖޭގެ ފަތުރުވެރިކަން ދުވަހުން ދުވަހަށް ފުޅާވަމުންދާއިރު ސާވިސް ޗާޖުގެ މައްސަލައަށް އެދެވޭ ހައްލެއް އެއްވެސް ސަރުކާރަކަށް އަދި ހޯދައިދެވިފައެއް ނުވެ އެެވެ.