ads
ފޮޓޯ: ރައީސް އޮފީސް
ރައީސް ސޯލިހު ހާއްސަ އިނާމާބެހޭ ކޮމިޓީ އަލުން އެކުލަވައިލައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމާބެހޭ ކޮމިޓީގެ މުއްދަތު ހަމަވުމާ ގުޅިގެން، އެ ކޮމިޓީ އަލުން އެކުލަވައިލައްވައި، އެ މަނިކުފާނު އެ ކޮމިޓީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި، ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި، މުއްދަތު ހަމަވެގެންދިޔަ ކޮމިޓީގެ މެންބަރުން ކޮށްދެއްވި އިހުލާސްތެރި މަސައްކަތްޕުޅުތަކަށްޓަކައި އެ ކޮމިޓީގެ ހުރިހާ މެންބަރުންނަށް ޝުކުރު އަދާކުރެއްވިއެވެ.

ހާއްސަ އިނާމާބެހޭ ކޮމިޓީ އަލުން އެކުލަވައިލެއްވިއިރު، ކުރިން ކޮމިޓީގައި ހިމެނިވަޑައިގެންނެވި ފަސް ބޭފުޅަކު ކޮމިޓީގައި ވަނީ ހިމަނުއްވާފައެވެ. ކޮމިޓީގެ ޗެއާޕަރސަނަކަށް ހަމަޖެއްސެވީ، ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާއެވެ. ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، ޑޮކްޓަ އަބްދުލްއަޒީޒް ޔޫސުފާއި، ޑޮކްޓަ އަހުމަދު އަލިމަނިކާއި، އާއިޝަތު ޝާހީނާއި، މަރްޔަމް ޝިފްޒާނެވެ. ކޮމިޓީއަށް އަލަށް އައްޔަން ކުރެއްވި ދެ ބޭފުޅުންނަކީ، ޑޮކްޓާ އަބްދުލްމުހްސިން މުހައްމަދާއި، އަލްއުސްތާޒާ އާއިޝަތު ސަމާހެވެ.

ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި، ހާއްސަ އިނާމު ދެއްވުމުގައި މިހާތަނަށް އަމަލުކުރައްވަމުން ގެންދެވި އުސޫލުތަކާ ބެހޭގޮތުން އިތުރަށް ކޮމިޓީގައި މަޝްވަރާ ކުރައްވައި، ގެންނަވަންޖެހޭ އިތުރު ބަދަލުތައް ގެންނެވުމަށް އެދިވަޑައިގެންނެވިއެވެ. އަދި މި އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރާ އަހަރު ކަމަށްވާތީ، ފަތުރުވެރިކަމުގެ ދާއިރާއިން އާދަޔާހިލާފު ކުރިއެރުންތަކެއް ހާސިލުކޮށްފައިވާ ފަރާތްތަކަށްވެސް މި އަހަރު މި އިނާމު އެރުވިދާނެ ގޮތްތަކެއް ކަނޑައެޅުއްވުމަށް އިސްކަންދެއްވުމަށްވެސް ރައީސް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ހާއްސަ އިނާމާބެހޭ ކޮމިޓީގެ ޗެއާޕަރސަން ޑޮކްޓަ އިބްރާހީމް ޒަކަރިއްޔާ މޫސާ ދެއްކެވި ވާހަކަފުޅުގައި، ކޮމިޓީއަށް ރައީސް ދެއްވި އިތުބާރާއި ޔަގީންކަން އެގޮތުގައި ދަމަހައްޓަވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި ރައީސް ދެއްވި އިރުޝާދާ އެއްގޮތަށް މަސައްކަތްތައް ކުރައްވަމުން ގެންދަވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

ހާއްސަ އިނާމަކީ، އިލްމާއި، ހުނަރާއި، އުފެއްދުންތެރިކަމުގެ ގޮތުން ހިތްވަރާއެކު ހޯދާ ކާމިޔާބީތަކަށް ގައުމީ ފެންވަރުގައި ރައީސް ދެއްވާ އިނާމެކެވެ. މި އިނާމު ދެއްވުމުގެ މަގްސަދަކީ، ރާއްޖެއަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީއާއި، ހުނަރާއި، މަސައްކަތްތެރިކަމާއި، އުފެއްދުންތެރިކަމާއި، ހިތްވަރާއެކު އިލްމީގޮތުން މަތީ ވަނަތަކާއި ޝަރަފު ހާސިލުކުރާ ފަރާތްތަކުގެ ކާމިޔާބީ އިހްތިފާލުކޮށް، އެފަރާތްތަކުގެ އަގު ވަޒަންކޮށް، ހިތްވަރުދީ، ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތަކާއި މަސައްކަތްތެރިކަމާއި ހުނަރުވެރިކަން މިސްރާބު ކުރުމުވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް