ads
ށ. ނަރުދޫ، ހުސެން އާދަމްފުޅު...
ގަބުރުތައް އުފުލި ބިރުވެރި ހަނދާނާއެކު، ހިދުމަތުގެ ރަން 44 އަހަރު!
ރަށާއި އަތޮޅަށް އެނާ އަގު ނުކުރެވޭ ފަދަ ހިދުމަތް ތަކެއް ކޮށް ދީފިއެވެ. އުފާވެރި ކަމާއި އާރޯ ކަން އޭނާ އޭނާގެ ރަށަށް ގެނެސްދީފިއެވެ. މިއަދުގެ ޖީލަށް އޭނާ ކޮށްދިން ކަންތައް އަދިވެސް އެ ރަށު ފަސްގަނޑުން ފެންނަން އެބަ ހުއްޓެވެ. އެއީ ހިކުމަތް ތެރި ކަމާއިކު މަސައްކަތްކުރި ހިންގުން ތެރި ކަތީބެކެވެ.
Advertisement

އުމުރުން 82 އަހަރުގެ ށ. ނަރުދޫ، ހުސައިން އާދަމްފުޅުގެ އުމުރުން މިހާރު 82 އަހަރު ނަމަވެސް، އަދި ވެސް ހިތުމަތުން އެއްކިބާވެއްޖެ ކަމަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ. އަދި ވެސް ރަށުގައި ހިނގާ ބޮޑެތި ކަންކަމުގައި އޭނާގެ ހިޔާލާއި މަޝްވަރާ ބޭނުން ވެ އެވެ. މިއަދު އަބުރުވެރި ކާފައެއްގެ ގޮތުގައި ގޭގައި އެ އިންނެވީ ނަރުދޫގެ އެންމެން އެ ދަރިއަކަށް ފަހުރުވެރިވާ ރަށުގެ ހިދުމަތުގެ މޭސްތިރިޔާ އެވެ.

އުމުރުން 18 އަހަރުގައި، ޒަވާޖީ ހަޔާތެއް ފަށާ މިއަދާ ހަމަޔަށް ހަތަރު ކާއިވެއްޏެއް އާދަމްފުޅު ކުރެއްވި އެވެ. ތިން ބަނޑަށް އޭނާ އަށް 12 ދަރިން ލިބިވަޑައިގެންފައިވާއިރު، އޭނާގެ ދަރިންނަކީ އޭނާ ފަދައިން ރަށަށް ހިދުމަތް ކުރުމުގައި، ދެމި ތިބި އޭނާގެ މިސާލުން މިސާލު ނަންގަވައިގެން ތިއްބެއްވި ދަރިންނެވެ. މިއަދު އާދަމްފުޅު އެކަމާ އުފާވެ ފަހުރުވެރިވެ ވަޑައިގަންނަވަ އެވެ.

your imageއާދަމްފުޅު އޭނާގެ ކާފަދަރިން އަދި އަނބިކަބަލުންނާއިއެކު----

އޭނާ ބޭނުން ވަނީ އޭނާގެ ރަށަށް އޭނާ ހިދުމަތް ކުރެއްވި ފަދައިން ދަރިންގެ ފަރާތުން ވެސް އެހިދުމަތް އާލާ ކުރުމަށެވެ. އެ ދަރިން ބައްޕަ އެދޭ ފަދަ ދަރިންގެ ގޮތުގައި ތަރުބިއްޔަތު ވެފައިވުމީ އާދަމްގެ އުއްމީދުގައި ޖެހުނު އެންމެ ބޮޑު ކުލަ ކަމުގައި ވެސް އާދަމްފުޅު ވިދާޅު ވިއެވެ. މިއަދު ނަރުދޫ ކައުންސިލްގެ، ކައުންސިލް ރައީސް އަކީވެސް އާދަމްފުޅުގެ ދަރިފުޅެއްކަމަށްވާ މުހައްމަދު މުސްތަރުޝިދު އެވެ.

ރަށަށާއި އަތޮޅަށް 44 އަހަރު، މެދުކެނޑުމެއް ފޫހި ކަމެއް ހިދުމަތެއް ކޮށް ދެވުނީތީ ވަރަށް އުފާވޭ

ޔަގީނެވެ. ތިމާގެ ގައުމަށާއި ރަށަށް ހިދުމަތެއް ކޮށްދީފި އެއްވެސް މީހަކީ ބާކީވެދާނެ މީހެއް ނޫނެވެ. އެމީހެއްގެ ނަން ރަން އަކުރުރުން ފަވާލެވޭ ނެވެ. 

އާދަމްފުޅު އޭނާގެ ހިދުމަތުގެ ކުރު އެހެނަސް ފޮނި ވާހަކަ ތައް "ސީއެންއެމް" އާ ހިއްސާ ކުރައްވަމުން ދިޔައިރު، އޭނާގެ ހަޔާތުގެ އެތައް ސޮފުހާ ތަކެއްވެސް ހިއްސާކުރެއްވިއެވެ.

އެގޮތުން ހިދުމަތުގެ ވާހަކަ ހިއްސާ ކުރައްވަމުން އާދަމްފުޅު ވިދާޅުވީ ނަރުދޫ ސްކޫލް ހަތް އަހަރު ވަންދެން ހިންގެވި ކަމަށާއި، އަތޮޅު ކޮމެޓީގެ މެމްބަރެއްގެ ގޮތުގައި ވެސް އެތައް ދުވަހަކު އުޅުއްވި ކަމަށެވެ. އަދި އިތުރުން އެ އަތޮޅު ކޮމަންޑޫ ސުކޫލްގެ ޓީޗަރެއްގެ ގޮތުގައި މެދު ނުކެނޑި ދެ އަހަރު ކިޔަވައިދެއްވި ކަމަށެވެ.

އޭގެ ފަހުން ރަށަށް ބަދަލުވެ 1973 ވަނަ އަހަރު މޭ މަހުގެ ފަސް ވަނަ ދުވަހު ރަށުގެ ކަތީބު ކަމާއި ހަވާލުވެވަޑައިގެން، ރަށް ހިންގުމުގެ ކަންތަކުގައި ފޫހިކަމެއް ވަރުބަލި ކަމެއް ނެތި އޭނާ އުޅުއްވި އެވެ.

your imageށ. ނަރުދޫ، ހުސެން އާދަމްފުޅުގެ އަދި ކުރީގެ ރައީސް ނަޝީދު އާއި ބައްދަލުކުރެއްވުމުގެ ތެރެއިން...

މުޅި ދުވާލުދާ ހަތަރުދަމު ހިދުުމަތުގައި ދެމިހުންނެވުނީ އޭރު ރަށުގެ ރައްޔިތުންގެ އެއްބާރުލުން ވެސް ފުރިހަމަ އަށް ލިބިފައި ވާތީ ކަން އާދަމް ފާހަގަ ކުރެއްވިއެވެ. އޭރު ގޮވާލާ ކޮންމެ ގޮވާލުމަކަށް ރައްޔިތުން ނިކުންނަކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. އޭރު އެންމެން މަސައްކަތް ކުރީ އެއް ހިތެއްގާ އެއް އަޒުމެއްގައި ކަމަށް ވިދާޅުވި އެވެ.

"އެދުވަސް ހިތައް އައިމަ ހަމަ ހިތައް އަންނަނީ ހާދަ އެކުވެރިއޭ އޭރު އެންމެން، ކަތީބު ކަމާ އޭރު ހަވާލުވި އިރު ރަށުގެ އާބާދީއަކީ 113 މީހުން. ރަށުގައި ހުރީ 33ގޭ. ރާނާފައި ހުރީ އެންމެ ފަސް ގެ. ފުރަތަމަ ކަމަކަށް ވެސް ވިސްނީ ހުރިހާ ގެއެއްގައި އުވަޖަހާ ގެތައް ޒީނަތްތެރި ކުރުމަށް. އެގޮތުން ރައްޔިތުންގެ އެހީތެރިކަމަށް އެދުނީ. އެންމެންގެ ވެސް އެއްބާރުލުން އޭރު ލިބުނު. މިއަދު ވެސް އެންމެ އުފާވަނީ އެފަދަ ކަމެއް ކުރެވުނީތީ،" ހުސައިން އާދަމްފުޅު ވިދާޅުވި އެވެ.

އޭގެ ފަހުން މާލެއަށް ދަތުރު ކުރައްވައި އެކި ފަރާތްތަކުން އެހީތައް ހޯދައިގެން ރަށުގެ ހުރިހާ ގެއެއްގައި އުވަޖެހާ މަގުފާރުތައް ހަދައިދިނީ ވެސް އާދަމްފުޅު އިސްވެ ހުންނަވައިގެންނެވެ. އަދި ހަމަ އެދަނޑިވަޅު ރައްޔިތުން ގޮވައިގެން ރަށު ސްކޫލާއި ރަށުގެ އޭރު މިސްކިތް ވެސް މަރާމަތް ކޮށް ހަދާފައި ވެއެވެ.

" އޭރު ރަށުގައި އުވަޖަހާފައި ތިބި ގޭ ތަކުގެ ތެރެއިން އާސާރީ ގޮތުގައި ބެހެއްޓުމަށް، އެއް ގެއެއް މިހާރު ވެސް ހުންނާނެ އެހުރި ގޮތަށް،" އޭނާ ފާހަގަ ކުރެއްވި އެވެ.

your imageރަށަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާ ރިޓަޔާ ވެފައި ހުންނެވި ނަމަވެސް މިހާރުވެސް އާދަމްފުޅު ރަށަށް ހިދުމަތް ކުރާ ހިތްވޭ

ހަނދާނުން ނުފިލާނެ ހަނދާންއަކަށް އޮތީ ވަޒީފާއިން ވަކިކުރި ހަނދާން

ރަށަށް ހިދުމަތް ކުރެއްމުގެ ދިގު މާޒީގައި ދެމިގެން ދިޔައިރު، އޭނާ އެ ހަނދާނެއް ނުފިލާ އެންމެ ހިތި ހަނދާނެއްގެ ގޮތުގައި، ފާހަގަ ކުރެއްވީ ރަށާއި ޖެހިގެން އޮތް ފަޅުރަށް (ނަރު ރިނބުދޫ) ލިޔެގެން އުޅުނު މީހާ އަތުން (ނަރު ރިނބިދޫ ދީފައި އޮތް މީހާ) އަތޮޅު އޮފީހުން އޭރު އެ ރަށް ނަގާ، ނަރުދޫ އޮފީހާއި ހަވާލުކުރި ހިސާބުން، ބޮޑު މައްސަލަ ގަޑަކަށްވެ ދެން ހިނގައި ދިޔަ ކަންތައް ކަމަށެވެ. 

"އެ މައްސަލައިގައި އަޅުގަނޑު ވަޒީފާއިން ވެސް ވަކިކުރި. ނަމަވެސް މާގިނަ ދުވަހެއް ނުވެ ވަޒީފާ ލިބުނު،" އެއީ ހިތުން ނުފިލާ ދުުވަސް ތަކެއް އެހަނދާން އަދި ވެސް ހުރޭ އާދަމް ވިދާޅުވި އެވެ.

މާގިނަ ދުވަހެއް ނުވެ އަނެއްކާ ވެސް ވަޒީފާ ލިބި، އޭގެ ފަހުން އެތައް ދުވަހަކު ސަރުކާރަށް ހިދުމަތް ކުރެއްވުމުގައި ހުންނެވުމަށް ފަހު،  މުސްކުޅި ކުރައްވާ ހިދަުމަތުން ރިޓަޔާ ކުރެއްވީ އެވެ. ނަމަވެސް ހަގީގަތުގައި އަދިވެސް އޭނާ ރައްޔިތުންނާއި، ރަށުގެ މަސައްކަތްތަކާއި ދުރަކަށް ވަޑައިގެން ނުގަންނަވަ އެވެ. އޭނާގެ ހިތް އޮތީ އަދިވެސް ހިދުމަތްތަކުން ފުރިފައެވެ. ހިދުމަތް ކޮށްދޭ ހިތުންނެވެ. 

އެންމެ ބިރުގަތީ ކޮލަރާ ދުވަސްވަރު އެތައް ގަބުރެއް އުފުލަން ޖެހުމުން

ވެރިކަމުގެ ދިގު ތާރީހުގައި، އާދަމް އާ ދިމާވި އެންމެ ބިރުވެރި އަދި ހިތްދަތި ވަގުތަކީ އޭނާ ވިދާޅުވިގޮތުން ކޮލަރާ ދުވަސްވަރު ދުވާލެއްގެ މައްޗަށް 30 ނުވަތަ 40 މީހުންގެ ގަބުރު އަމިއްލަ އަތްމައްޗަށް ކަހަލަ ގޮތަކަށް މަރުވެ ވަޅުލަން ޖެހުނު ބިރުވެރި ހާދިސާ އެވެ.

"އޭރު ކޮންމެ އަކަސް ސަރުކާރުން ފޮނުވީމަ ދާންޖެހޭ. ކޮލެރާގެ ބަލިމަޑުކަން ރާއްޖެ އައިސް އެ ބަލި ވަނީ މުޅި ރާއްޖޭގައި ވަށާލާފައި. އޭރު އަޅުގަނޑުގެ ދަރިން ވެސް ވަރަށް ކުޑަ. ނަމަވެސް އަޅުގަނޑަށް އެންގީ ފޯކައިދޫ އަށް ދާން. އެރަށުގައި އޭރު އޮތީ ބަލިމަޑުކަން އިންތިހާއަށް ފެތުރިފައި. ދޭނެ މާ ބޮޑު ފަރުވާއެއް ނެތި މީހުން ދިޔައީ މަރުވަމުން. ބިރު ވެސް ގަނޭ އެހެން ނަމަވެސް ބަލިމީހުން ބެލުމާއި، މަރުވާ މީހުން ކަންފުންކޮށް ވަޅުލުމުގެ ކަންތައްތަކާއި އެކޮޅުގެ އޮތް ޓިމާއި ގުޅިގެން ކުރަމުން ދާން ޖެހުނު،" އާދަމް އޭނާގެ ކަތީބު ކަމުގެ ދިގު ތާރީހުގެ ބިރުވެރި ދުވަސްތައް ހިއްސާކުރައްވަމުން ވިދާޅުވި އެވެ.

އެގޮތުގައި  ވަރަކަށް ގިނަ މަސް ތަކެއް އުޅެން ޖެހުނު ކަމަށާއި، ނަމަވެސް ވަރަށް އަވަހަށް ބަލީގެ ފަރުވާ ފެނި އެކަމުން ސަލާމަތް ވެވުނު ކަަމަށް އާދަމްފުޅު ވިދާޅުވި އެވެ.

ބިރުވެރި ދުވަސްތަކާއި ހިތްދަތި ދުވަސްތަކާއި އެއް ވަރަށް އުފާވެރި ހަނދާންތައް ވެސް އާދަމްފުޅުގެ ހަނދާނުގައި އެބަހުއްޓެވެ. އޭނާގެ އުފާވެރި ދުވަސްތައް ހިއްސާ ކުރައްވަމުން އާދަމް ވިދާޅުވީ، އޭރު ވަރަށް ގިނައިން އަތޮޅު ފެންވަރުންގައި، ކުޅިވަރު ކުޅޭ ކަމަށެވެ. ދަނޑި ޖެހުމާއި ބޮޑުބެރު ޖެހުމާއި ތާރަ ޖެހުމަކީ އާއްމު ކަމަކަށް ވެފައި، ވަރަށް ގިނައިން ކައިރި ރަށްރަށަށް އެކަމުގައި ދަތުރު ކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.

"އުފާވޭ ފޯކައިދޫ އަންހެން ވެރިން ކިޔާފައި އިން މަރުހަބާއެއް މިހާރު ވެސް ހަނދާން ވީމަ. ގަހަނާ އަޅުވާ ވަރަށް ގިނަ ހަދިޔާ ވެސް ދިން އެ މަރުހަބާގެ ތެރެއިން. އެގޮތަށް ހަމަ ކޮމަންޑޫގެ ރައްޔިތުން ވެސް މިހާރު ވެސް ވަރަށް ގަދަރު ކުރޭ. އުމުރުގެ މިހާތަން ގުނަމުން ދާއިރު ވަރަށް އުފާވޭ. އާދަމް ވިދާޅުވި އެވެ.

މިއަދު އާދަމް އެ އިންނެވީ ނަރުދޫ ހިދުމަތުގެ މޭސްތިރިޔާގެ ގޮތުގައެވެ. ގޭގައި އިންނެވިޔަސް އާދަމްފުޅު އިންނެވީ، އުމުރުގެ އެންމެ ފަހު ވަގުތާއި ޖެހެންދެން ވެސް ނަރުދޫ ރައްޔިތުން އެދުނު ކޮންމެ ކަމެއްގައި އެހީތެރިކަން ފޯރުކޮށްދޭން ކަމަރު ބަންނަވައިގެންނެވެ.
85%
ކަމުގޮސްފި
3%
އަޑުއެހިތާ މިހުރީ
4%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް