މިދިޔަ އަހަރުގެ މާޗުމަހުގެ 11 ވަނަ ދުވަހު ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމީ އަހްމަދު އަބްދުالله ވަޒީފާއިން ވަކިކުރުމުގައި މައުލޫއީ އަދުލުވެރިކަން ގާއިމްކުރެވިފައި ނުވާތީ, ވާޒީފާއާބެހޭ ގާނޫނުގެ ދަށުން އަހްމަދު އަބްދުالله އަދާކުރަމުންދިޔަ މަގާމަށް އަނބުރާ ރުޖޫއަކުރުމަށެވެ. އެ ގޮތުން އޭނާ ވަޒީފާއިން ވަކިކޮށްފައިހުރި މުއްދަތުގެ މުސާރައާއި އިނާޔަތްތަކަށްވާ ފައިސާދީ އޭނާގެ ވަޒީފާ 14 ދުވަސްތެރޭ އަނބުރާ ރުޖޫއަކުރުމަށް އެފަހަރު ޑީޖޭއޭ އަށް އެންގިއެވެ.
ނަމަވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި ނިންމުން ނިންމާފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ ޖުޑީޝަލް ސަވިސް ކޮމިޝަނުން ހައިކޯޓުގައި މި ނިންމުން އިސްތިއުނާފުކުރިއެވެ. ހައިކޯޓުންވެސް ނިންމީ އަހްމަދުގެ ވަޒީފާ އަލުން އިއާދަ ކޮށްދިނުމަށެވެ. އެގޮތަށް ހައިކޯޓުން ޖޭއެސްސީ އަދި ޑީޖޭއޭގެ މައްޗަށް އަމުރުކޮށްފައި ވަނީ މިދިޔަ މާޗު މަހުގެ ނުވަވަނަ ދުވަހުއެވެ.
ޓްރިބިއުނަލްގެ ހުކުމަށް 1 އަހަރު، ހައިކޯޓުގެ ހުކުމަށް 2 މަސް، ސިވިލް ކޯޓުގެ އަމުރަށް ހަފްތާއެއް، އަދިވެސް ތަންފީޒެއް ނުކުރޭ!
ޓްރިބިއުނަލްގެ ހުކުމަށް އަހަރެއް އަދި ހައިކޯޓުގެ ހުކުމަށް ދެމަސް ވެގެން ދިޔައިރުވެސް ވަޒީފާ އިއާދަ ކޮށްދީފައި ނުވާތީ ހުކުމް ތަންފީޒުކޮށްދިނުމުގެ އަމުރަކަށް އެދި އަހްމަދު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން މިމަހުގެ 10 ވަނަ ދުވަހު ވަނީ ބާއްވާފައެވެ.
އެދުވަހު ހެނދުނު 10:30ގައި އޮތް އެއަޑުއެހުމުގައި ސިވިލް ކޯޓުން އަމުރުކޮށްފައިވަނީ ތިން ދުވަސްތެރޭ ވަޒީފާ އަބުރާ އިއާދަކޮށްދިނުމަށާއި، ގެއްލުމުގެ ބަަދަލު 10 ދުވަސްތެރޭ ދިނުމަށެވެ.
ސިވިލް ކޯޓުގެ ތަންފީޒީ އަމުރުގައި ބުނެފައިވަނީ އަހްމަދަށް ވަޒީފާ އަބުރާ ދިނުމަށް ވަޒީފާއާއި ބެހޭ ޓްރިބިއުނަލުން ނިންމާފައި އޮންނަތާ އަހަރެއް ވީއިރުވެސް، އެއަމުރަށް ޖޭއެސްސީން އަމަލުކޮށްފައި ނުވާކަން ސާބިތުވާ ކަމަށެވެ. އެހެންކަމުން ތިން ދުވަސްތެރޭ އަބުރާ ވަޒީފާ އިއާދަ ކޮށްދިނުމަށާއި، ގެއްލުމުގެ ބަދަލު 10 ދުވަސްތެރޭ ދީ ނިންމާލުމަށް އެ ދުވަހު ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އޭގެފަހުން ހަތް ދުވަސްވެ ހަފްތާއެއް ވެގެންދާއިރު، އެ ހުކުމް ތަންފީޒުކޮށްފައި ނުވާކަން އަހްމަދު އަބްދުﷲ ވަނީ "ސީއެންއެމް" އަށް ކަށަވަރުކޮށްދީފައެވެ.
އޭނާ ވިދާޅުވީ، އެއަމުރު ނެރޭ ވަގުތުން ފެށިގެން އެއަމަލު ކުރަންޖެހޭއިރު، އެ ދުވަހުގެ އަޑުއެހުމުގައި ޖޭއެސްސީގެ ފަރާތުން ވަޑައިގެން ވަކީލުންނަށް އަމުރު ވަގުތުން ކޯޓުން ރައްދުކޮށްފައި ވީނަމަވެސް އެދުވަހުވެސް އެކަމާއި ގުޅިގެން ވަކިއެއްޗެއް އޭނާއަށް ނާންގަވާ ކަމަށެވެ. އަދި މިއަދު ވިދާޅުވީ، މީގެ ދެދުވަސް ކުރިން ޑީޖޭއޭ އިން ގުޅާފައި އެކަންކަން ކުރިއަށް ގެންދާކަމަށް ވިދާޅުވި ނަމަވެސް، ތިން ދުވަސްވެގެން ހަފްތާއެއް ވެގެން ދާއިރު، އަދި މިހާތަނަށް އަބުރާ ވަޒީފާ ހަވާލުކޮށްފައި ނުވާކަމަށެވެ.
ކޯޓުތަކުގެ ބެލެނިވެރިފަރާތް ޖޭއެސްސީން ކޯޓުތަކުގެ އަމުރު ތަންފީޒު ކުރަމުން ނުދާނަމަ، ކޯޓުތަކުގެ ހުރުމަތް ހިފަހައްޓާނީ ވަކި ކޮންބައެއްތޯވެސް އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.
އޭނާ ވިދާޅުވީ، ވަޒީފާ އަބުރާ އިއާދަކޮށްދިނުމަށް ވަޒީފާއާއި ބެހޭ ޓްރިބިއުނަލް އިންނާއި، ހައިކޯޓުން ކޮށްފައިވާ އަމުރުވެސް ޖޭއެސްސީން ތަންފީޒު ނުކޮށް "މައްސަލަ މިހާ ދިގުލައިގެން ދިއުމަކީ ޖޭއެސްސީން މީހުން ފްރޭމް ކޮށް ނުހައްގުން ވަޒީފާއިން ވަކިކުރަމުންދާ ކަމުގެ ހެއްކެއް" ކަމަށެވެ. ވަޒީފާ އަބުރާ ދިނުމަށް މީގެ ކުރިން ކޮށްފައިވާ ހުކުމަށް އަހަރެއްވެގެން ގޮސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެކަން ސިވިލް ކޯޓުން އެންމެ ފަހުން ނެރުނު އަމުރުގައިވެސް ފާހަގަކޮށްފައިވެއެވެ.
ކޯޓުގެ އަމުރެއް ތަންފީޒުކުރުން ލަސްވެގެންދާ ސަބަބު ހޯދުމަށް ޖޭއެސްސީ އަދި ޑީޖޭއޭއަށް "ސީއެންއެމް"އިން ތަކުރާރުކޮށް އެކި ދުވަސްމަތިން ގުޅާފައިވާނެއެވެ. ނަމަވެސް ފޯނަށް ޖަވާބު ނުދޭތީ، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒްނާ އާއި، ޖޭއެސްސީގެ ރައީސް ހިސާން ހަސަން އަދި ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ޙުސްނީ ވެސް ވިދާޅުވީ، އެކަމަށް ޖަވާބުދާރީ ވާނީ މީޑިއާ އަށް ކަނޑައަޅާފައިވާ އޮފިސަރު ކަމުން އޭނާގެ ސަމާލުކަމަށް އެކަން ގެންނާނެ ކަމަށެވެ. ނަމަވެސް މި އާޓިކަލް ޕަބްލިޝްކުރުމާއި ހަމަޔަށް އެއިން އެއްވެސް އިދާރާއަކުން އަމުރު ތަންފީޒު ނުކުރާ ސަބަބެއް ސާފުކޮށްދީފައެއް ނުވެއެވެ.
ހައި ކޯޓުގެ ހުކުމާއި، ސިވިލް ކޯޓުގެ އަމުރުވެސް ޑީޖޭއޭ އަދި ޖޭއެސްސީން ބޮލާލާ ޖަހާފައިވާއިރު، ކޯޓެއްގެ ހުކުމެއް ތަންފީޒު ނުކުރުމަކީ އެ ކޯޓެއްގެ ހުރުމަތް ކެނޑުމުގެ ގޮތުގައި ބެލެވޭނެ ކަމެކެވެ.
މައްސަލައިގެ ހުލާސާ
ދެހާސް އަށްވަނަ އަހަރުން ފެށިގެން ފެމިލީ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާގެ މަގާމު އަދާކުރަމުންދިޔަ އަހްމަދު އަބްދުﷲ އެ މަގާމު އަދާކުރަމުންދަނިކޮށް 2019 ވަނަ އަހަރުގެ މާޗުމަހުގެ 26 ވަނަ ދުވަހު ފެމިލީ ކޯޓުގެ ހިއުމަން ރިސޯސް ސެކްޝަނަށް ހާޒިރުކޮށް "އިސްލާހީ ފިޔަވަޅެއްގެ ގޮތުން ވަޒީފާއިން ނިކުތުން މަނާކޮށް އަންގާ ޗިޓު" ހަވާލުކުރިއެވެ.
އެ ޗިޓުގައި 2019 ވަނަ އަހަރުގެ މާޗުމަހުގެ 27 އިން ފެށިގެން އެ އަހަރުގެ އޭޕްރީލް ނުވައެއްގެ ނިޔަލަށް ވަޒީފާއިން ސަސްޕެންޑް ކުރިކަމަށް ބަޔާންކޮށްފައިވެއެވެ. ސަބަބެއްކަމަށް ބުނީ އަހްމަދު އަބްދުالله ވަޒީފާ އަށް ނެރެފިނަމަ އެހެން މުވައްޒަފުންނާއި, ކޯޓުގެ މަސްލަހަތައް ނުރަނގަޅު އަސަރު ކޮށްފާނެކަމަށާއި, އޭނާއާއި ގުޅިގެން ހުށަހެޅުނު މައްސަލައިގައި އޭނާގެ މަގާމުގެ ގޮތުން އޭނާގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުންނަށް ނުފޫޒު ފޯރުވައި ހެކި ފޮރުވުމުގެ ކަންކަން ކުރުން ހުއްޓުވުން ކަމަށެވެ.
އަހްމަދުގެ ފަރާތުން ޓްރިބިިއުނަލަށް ހުށަހެޅި މައްސަލަ
އަހްމަދު ޢަބްދުالله ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާއި ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށާއި، އެ ފަރާތް އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ އިއާދަ ކޮށްދިނުމަށާއި، އެ ފަރާތަކީ އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތެއް ކަމުގައި ނުބެލުމަށާއި، ވަޒީފާ ހަމަޖައްސައި ދޭ ދުވަހާ ހަމައަށް މުސާރައާއި އީނާޔަތްތައް ދޭންޖެހޭނެކަމަށް ކަނޑައަޅައިދީ، އަހްމަދު އަބްދު الله ވަޒީފާއިން ވަކި ކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ހަ މަސްދުވަހުގެ މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބޭނެ ޢަދަދާއި އެއްވަރުގެ ޢަދަދެއް ނަގައިދިނުމަށް އެދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ރައްދުވާ ގޮތަށް އަހްމަދު އަބްދުاللهގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ.
ޓްރިބިއުނަލުން މައްސަލަ ނިންމީ އަހްމަދާއި އެއްކޮޅަށެވެ. އަދި 14 ދުވަސްތެރޭ އަބުރާ ވަޒީފާ ދިނުމަށާއި ހަަ މަސްދުވަސްތެރޭ ގެއްލުމުގެ ބަދަލު ދިނުމަށް ޑީޖޭއޭއަށް އެންގިއެވެ.
އެމައްސަލަ ޖޭއެސްސީން ހައިކޯޓުގައި އިސްތިިއުނާފު ކުރުމުން ހައިކޯޓުންވެސް ހުކުމް ކުރީ ޓްރިބިއުނަލްގެ ހުކުމް ދެމެހެެއްޓުމަށާއި، ވަޒީފާ ރުޖޫއަކުރުމަށް ތާއީދު ކޮށެވެ.
އަހްމަދު ވިދާޅުވިގޮތުން އޭނާ ފްރޭމްކޮށް ވަޒީފާއިން ވަކިކޮށްފައިވަނީ އޭރު ފެމިލީކޯޓުގެ އިސް ގާޒީ ހަސަން ސައީދު އާއި ބެހޭގޮތުން ޖޭއެސްސީއަށް ހުށަހެޅުނު މައްސަލައެއްގައި ހެކި ބަސް ދިނުމުން ކަމަށެވެ. އެމައްސަލާގައި އެ ހަސަން ސައީދު ސަސްޕެންޑުގައި ހުންނެވުމަށްފަހު ވަޒީފާއަށް ނިކުމެ ގާޒީ ހިތްހަމަޖެހިވަޑައި ނުގަންނަވާ އެތައް މުވައްޒަފުންނެއް ވަކިކޮށްފައިވާ ކަމަށް އަހްމަދު ވިދާޅުވިއެވެ.