ޑރ މުއިއްޒުގެ އިތުރުން އިސްލާމިކް މިނިސްޓްރީންވެސް ބުނީ މިހާރު މިސްކިތުގެ ދެފަރާތުގައި ހުރި ޖާގަ ފިޔަވައި ޕާކިންއަށް އިތުރު ޖާގައެއް އެމިސްކިތުގައި ހިމެނިފައި ނުވާ ކަމަށެވެ.
މުއިއްޒު ސީއެންއެމްއަށް ވިދާޅުވީ ސަލްމާން މިސްކިތް އިމާރާތް ކުރުމަށްޓަކައި ހެދި ކޮންސެޕްޓުގެ ތެރެއިން ސައޫދީ ރަސްގެފާނު އެޕްރޫވް ކުރެއްވި ކޮންސެޕްޓުގައި ޕާކިންއަށް ވަކިހާއްސަ ތަނެއް ލެވިފައި ނުވާކަމަށެވެ.
"ފުރަތަމް އިނީޝިއަލް ސްޓޭޖްގަ ހެދި ކޮންސެޕްޓެއްގަ ޕާކިން ޒޯނެއް ހަދާ ވާހަކަ ދައްކާފައޮތީ. އެކަމަކު އޭގެފަހުން ޑިޒައިނަށް ވަރަށް ގިނަ ބަދަލުތަކެއް އައިސް އެންމެފަހުން ފައިލް ކުރި ޑިޒައިނުގަ ޕާކިން އަށް ޖާގައެއް ނެތް" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ކޮންސެޕްޓްތައް ހެދުމަށްފަހު ފައިނަލް ކުރެވޭ ކޮންސެޕްޓަށް ފައިސާ ލިބުމުން ދެން އެ ޑިޒައިނަށް ބަދަލު ނުގެނެވޭ ކަމަށާއި، ސަލްމާން މިސްކިތުގެ ކަންކަން ވެސް ވެފައި ވަނީ އެހެން ކަމަށެވެ.
"ސައުދީ ރަސްގެފާން ހިލޭއެހީ ދެއްވަން ނިންމެވި ހިސާބުން ބަދަލެއް ނުގެނެވޭ " މުއިއްޒު ވިދާޅުވިއެވެ.
އެހެންނަމަވެސް މޭޔަރު ވިދާޅުވީ އޭރުވެސް ޕާކިން މައްސަލައަށް ހައްލު ގެނައުމަށްޓަކައި މިސްކިތުގެ މަސައްކަތް ކުރަމުންދިޔަ އެމްޓީސީސީ ސޯމިލު ހުރި ބިން ބޭނުން ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެތަނުގައި ތިން ފްލޯއަށް ނުވަތަ ފަސް ފްލޯއަށް އިމާރާތެއް ހަދަން ނިންމާފައިވާ ކަމަށާއި އެބިން ހޯދުމަށް އޭރު އެމްޓީސީސީއަށް ސިޓީވެސް ފޮނުވާފައިވާކަމަށެވެ.
މުއިއްޒު ވިދާޅުވީ މިސްކިތުގެ ދެފަރާތުގައި ހުރި ޕާކިން އޭރިޔާއަކީ އާންމު ދުވަސްތަކުގައި ނަމާދަށްދާ މީހުންނަށް އެކަށީގެންވާ ގޮތަށް ހުރި ޖާގަކަމަށެވެ. ސޯމިލު ބިން ނަގައިގެން ތަރައްގީ ކުރަން ނިންމާފައި އޮތީ މީހުން ގިނައިން އަންނަ ދުވަސްދުވަހު ޕާކްކުރެވޭނެ ޖާގަ ބެހެއްޓުމަށް ކަމަށެވެ. އަދި އެތާނގައި ތިންހާހެއްހާ ސައިކަލާއި ކޮންމެވެސް ވަރަކަށް ކާރު ޕާކް ކުރެވޭނެ ޖާގަ ހެދޭނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިޔާ އޮފިޝަލް އިސްމާއީލް އަފްރާހް ވިދާޅުވީ ޕާކިން މައްސަލަ ހައްލު ކުރުމަށް އެމްޓީސީސީ ސޯމިލު ހުރި ބިންނަގަން އަދި ނިންމާފައިނުވާ ކަމަށެވެ. ޕާކިން މައްސަލަ ހައްލު ކުރަމުން ގެންދާނީ ފުލުހުންނާ ގުޅިގެން އެހެން މިސްކިތްތަކުގައިވެސް އެކަންކުރަމުން ގެންދާ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"އަދި އިތުރު ހާއްސަ ގޮތްތަކެއް މިނިސްޓްރީން ނިންމާފައެއް ނުވޭ" އަފްރާހް ވިދާޅުވިއެވެ.