ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި އޮނަރަރީ ކޮންސުލްސް ސްކޮލަޝިޕް ޕްރޮގްރާމް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައު ވާހަކަ ފުޅު ދައްކަވަމުން ރައީސް ވަނީ ރާއްޖެއިން ބޭރުގައި ދިވެހި ރައްޔިތުންނަށް ކޮންސިއުލަ ހިދުމަތްތައް ފޯރުކޮށްދިނުމުގައާއި ރާއްޖޭގެ އިގްތިސާދީ އަދި ސަގާފީ މަސްލަހަތުތައް ކުރިއެރުވުމާއި އެ ޤައުމުތަކުގައި ރާއްޖެ އަދި ދިވެހިން ތަމްސީލުކުރުމުގައި އޮނަރަރީ ކޮންސުލްސް ތަކުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ. އަދި ފެންވަރު ރަނގަޅު ތަޢުލީމަކީ، ރާއްޖޭގެ ޒުވާނުންގެ ބޮޑު އާބާދީ، އެމީހުންގެ މުސްތަޤްބަލަށް ދެކޭ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ޓަކައި ކޮންމެހެން ބޭނުންވާކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ މި ސަރުކާރުގެ ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ޕްރްގްރާމުގެ ދަށުން 12،000 އަށްވުރެ ގިނަ ދަރިވަރުން އަންޑަގްރެޖުއޭޓް ޕްރޮގްރާމްތަކުގައި ބައިވެރިވެފައިވާ ކަމާއި އަދި މިހާރު 2000 އަށްވުރެ ގިނަ ދަރިވަރުން ފުރަތަމަ ޑިގްރީ ޕްރޮގްރާމް ފުރިހަމަކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕްގެ ދަށުން މަތީ ތައުލީމުގެ ސްކޮލަޝިޕްގެ އިތުރު ފުރުޞަތުތައް ފަހިކޮށްދެއްވުމަށް ސަރުކާރުން މަސައްކަތްކުރާނެކަމަށާއި އަދި 2023 ވަނަ އަހަރުގެ ނިޔަލަށް މަދުވެގެން 20،000 ދަރިވަރުންނަށް ހިލޭ މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދެވޭނެކަމުގައި ރައީސް ވިދާޅުވިއެވެ.
އޮނަރަރީ ކޮންސުލްސް ސްކޮލަޝިޕް ޕްރޮގްރާމް ތަޢާރަފްކުރުމުގެ މަސައްކަތް 2019 ވަނަ އަހަރު ފަށާފައި ވަނީ މަތީ ތަޢުލީމު ހާސިލްކުރަން ބޭނުންވާ ހުރިހާ ދަރިވަރުންނަށް ހަމަހަމަ ފުރުޞަތު ތަކެއް ފަހިކޮށްދެއްވުމަށް ރައީސް ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
އޮނަރަރީ ކޮންސުލްސް ސްކޮލަޝިޕް ޕްރޮގްރާމްގެ ދަށުން 2022-2023 އަށް 44 ސްކޮލަރޝިޕް ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މި ފުރުޞަތުތަކަކީ ޖުމްލަ 7 އޮނަރަރީ ކޮންސުލްސް އެއްގެ އެހީތެރިކަމާއެކު ހުޅުވާލާފައިވާ ފުރުޞަތުތަކެކެވެ.