ސޯޝަލް މީޑިއާ އެކި ޕްލެޓްފޯމްތަކުގައި، އެކި އެކައުންޓްތަކުން ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އައިއެސް ޖަމާއަތައް ތާއީދުކޮށް، އެ ޖަމާއަތުގެ ލިޔެކިއުންތަކާއި ފޮޓޯއާއި ވީޑިއޯ އިންޓަނެޓް މެދުވެރިކޮށް ފަތުރައި ޝާއިއުކޮށް، ޓެރަރިޒަމްގެ އަމަލެއް ރާވައި ހިންގައިފާނެކަމުގެ އިންޒާރުދެމުންދާކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައި، އޭނާގެ މައްޗަށް ފަސް ދައުވާއެއް ކުރުމަށް އިއްޔެ ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.
2. އިންޓަނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިޔުންތައް ފެތުރުން
3. ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށްވުން
4. ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުން.
5. ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުން
އޭނާ ވަނީ މި ހުރިހާ ދައުވާތަކަށްވެސް އިންކާރުކޮށްފައެވެ. އިއްޔެ އޭނާގެ ބަންދާއިމެދު ގޮތް ނިންމުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، ތުހުމަތުތަކަށް ހޫދު އިންކާރު ކުރި ނަމަވެސް އެއަށް ބާރު ލިބިދޭ ވަރުގެ ހެކިތަކެއް ދައުލަތުން ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން ޝަރީއަތް ނިމެންދެން ހޫދު ބަންދު ކުރަން އަމުރު ކުރައްވާ ކަމަށެވެ.
ހޫދުއާ ގުޅޭ މައުލޫމާތު ރާއްޖެއާ ހިއްސާކޮށްފައިވަނީ ބޭރުގެ އިންޓެލިޖެންސް އޭޖެންސީތަކުން ނެވެ. އުމުރުން 30 އަހަރުގެ ހޫދު ހައްޔަރު ކޮށްފައިވަނީ މި ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހުއެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ޔޫރަޕުގެ ދެ ގައުމެއްގެ އިދާރާއަކާއި އެމެރިކާގެ އެފްބީއައިއާ ގުޅިގެން ދިވެހި ފުލުހުން ރާއްޖޭގައި ހިންގި އޮޕަރޭޝަނެއްގައެވެ. ހޫދަކީ 2013 ވަނައަހަރު ޖޫންމަހު 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކޮށްގެން ހައްޔަރުކުރި ހަމީހުންގެ ތެރޭގައިވެސް ހިމެނޭ މީހެކެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުން ހޫދަކީ 2015 އިން ފެށިގެން ޓެލެގްރާމާއި އެ ނޫންވެސް އެންކްރިޕްޓް ކޮށްފައިވާ މެސެޖިން ޕްލެޓްފޯމްތައް ބޭނުންކޮށްގެން އައިސިސްގެ ޕްރޮޕަގެންޑާ ފަތުރަމުން ދިޔަ މީހެކެވެ.
އެގޮތުން ބޭރުގެ ގުރޫޕުތައް މެދުވެރިކޮށް ޓެރަރިޒަމްގެ އަމަލުތައް ރާވައި ހިންގުމަށް ގޮވާލައި އެކަމަށް ހިތްވަރުދީ ޓެރަރިޒަމްގެ އަމަލެއް ހިންގަފާނެ ކަމުގެ ބިރު ދައްކައި އިންޒާރުވެސް ދީފައިވެ އެވެ.
ފުލުހުން ބުނީ ޔޫރަޕްގެ ބައެއް ގައުމުތަކުގެ އިސް ވެރިންނާއި އާންމުންގެ ފުރާނައަށް ނުރައްކާވާ ފަދަ ހަމަލާ ދިނުމަށް ގޮވާލައި, އެފަދަ ކަންކަން ކުރުމަށްވެސް ހިތްވަރު ދީފައިވާ ކަމަށެވެ.