ވާދޫގައި ހުޅުވި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ބީއެމްއެލް އިން ބުނީ އެ އޭޓީއެމް ސެންޓަރުގެ ހިދުމަތާއެކު މިވަގުތު ގދ. އަތޮޅު ތިނަދޫ އަދި ގައްދޫގައި ސެލްފް ސާވިސް ބޭންކިން އާއެކު ގާއިމްކޮށްފައިވާ ދެ ބްރާންޗު މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދެމުން ދާނެ ކަމަށާއި، އޭގެ އިތުރުން ފަރެސްމާތޮޑާ އަދި ވާދޫގައި ދަނީ ސެލްފް ސާވިސް އޭޓީއެމް ސެންޓަރުތައް ގާއިމްކުރެވި ހިދުމަތްދެމުން ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވި ގޮތުގައި، މުޅި ރާއްޖެއަށް ބޭންކިން ވިއުގަ ފުޅާކޮށް ބޭންކިން ހިދުމަތްތައް ރާއްޖޭގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އެ ބޭންކުން ދަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ކަމަށެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކު ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗާއި، 81 ސެލްފްސާވިސް ބޭންކިން ސެންޓަރާއި، 139 އޭޓީއެމް އާއި، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު، ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށް ދިނުން ކަމަށް ވެސް ބެންކު އޮފް މޯލްޑިވްސް އިން ބުނެއެވެ.