
ދިވެހިންނަށް ފެހި ޤާނޫނުއަސާސީގެ ދަށުން 2008 ވަނަ އަހަރު ކުރިމަތިވި ފުރަތަމަ އިންތިހާބުގައި ރައްޔިތުންގެ ވޯޓުން އިންތިހާބު ކުރި ވެރިކަމެއް ބަދަލުވި ދުވަހެވެ.
ރައީސް ނަޝީދުގެ އިސްތިއުފާ ސިޓީ އެމަނިކުފާނުގެ އަތުން ލިޔުއްވީ މިހާރުގެ ފޮރިން މިނިސްޓަރަށް އަދި އޭރުގެ މަޖިލީހުގެ ރައީސަށް އެޑްރެސް ކޮށެވެ.
އެތައްބަޔަކު ރޮށްވާލި ސިޓީ އަކަށް އެ ސިޓީ ވިއިރު، އެ ސިޓީ ވީ ޖުމްހޫރީ މައިދާނަށް އެވަގުތު އެއްވެ ތިބި މީހުން ހެއްވާލި އެއްޗަކަށެވެ.
“ރައްޔިތުންގެ މަޖިލީހުގެ ރައީސް
އަބްދުﷲ ޝާހިދުއަށް،
ރާއްޖޭ ހާލަތު މިއަދު އޮތް ގޮތުން. އަޅުގަޑު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި އިތުރަށް ހުރެއްޖެ ނަމަ ރާއްޖެ އަށާ ރައްޔިތުންނަށް ނުހަނު ގެއްލުން ވެދާނެ ކަމަށް އަޅުގަނޑަށް ފެންނަ ކަމުން. އަޅުގަޑު ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާދީފީމެވެ. ...”
އެކަންތައް ގަނޑަށް އަށް އަހަރު ފުރުނީ އެވެ. މިއަދު މިއޮތީ ކޯލިޝަން ސަރުކާރެއްގެ ވެރިކަމެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވީ އެމްޑީޕީގެ ބޭފުޅެކެވެ.
މިވީ އަށް އަހަރުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ މަޝްރަހު ބަދަލުވެގެން ދިޔަ ގޮތް ތިބޭފުޅުން ބައްލަވާށެވެ.
އެދުވަހު ރައީސް ނަޝީދުގެ ވެރިކަމާއި ދެކޮޅަށް އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުން އަނެއްކާވެސް އެ ތިއްބެވީ ހަމަ އެމަނިކުފާނުގެ އަތުގައި ހިފައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ދިފާއުކުރައްވާށެވެ.
ރައީސް ނަޝީދުގެ ވެރިކަމަށް ފަހު ގެނައި ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ފިޔަވާ، 7 ފެބްރުއަރީ 2012 ގައި އިސްކޮށް ތިބި ހުރިހާ ސިޔާސީ ވެރިން ހުރަގެޔަށް ލީއެވެ. އެބޭފުޅުންގެ ބުރަކަށްޓަށް “ވަޅިޖެހީ” އެވެ. އެ ވެރިކަން ނިމުމަކަށް ގެނައުމަށް އެބޭފުޅުންނަށް ރައީސް ނަޝީދު އާއިއެކު މަސައްކަތް ކުރުމަށް މަޖުބޫރު ވީއެވެ.
އެމްޑީޕީގެ ވެރިކަމެއް ނިމުމަކަށް ގެނައިބޭފުޅުން އަނެއްކާވެސް ހަމަ އެމްޑީޕީގެ ވެރިކަމެއް މިގައުމުގައި ގާއިމު ކުރީއެވެ.
މިހިނގާދިޔަ ސިޔާސީ ހާޖާނުގަނޑުން ވިސްނުނީ ހަމަ އެންމެ އެއްޗެކެވެ. މަގުމަތިން ވެރިކަމެއް ބަދަލުކޮށްގެން އެއްވެސް ބަޔަކަށް މޮޅެއް ނުލިބުނު ކަމެވެ. ގައުމު ހިންގުމުގެ ނިޒާމު ހަރުދަނާކުރަން ޖެހޭ ކަމާއި ވެރިކަން ކުރަން ހުންނަ މީހާގެ އެޑްމިނިސްޓްރޭޝަނާއި ދައުލަތުގެ މުއައްސަސާތަކާއި މަސްހުނި ކޮށްފިނަމަ ލިބޭނެ ގެއްލުން ވެސް ފެނި ވަޒަން ކުރެވުނެވެ.
އެހެންކަމުން ދައުލަތުގެ މުއައްސަސާތައް ގާނޫނީ އިމުގެ ތެރެއިން ހިންގުމުގެ ފުރުސަތު ހުރިހާ ފަރާތަކުން ވެސް ދޭން ޖެހޭނެ އެވެ. އެހެން ނޫން ނަމަ ގަނޑުބަނޑުވުން ނޫން ކަމެއް ނުވާނެ އެވެ. ރާއްޖޭގެ ތާރީހުގައި މިކަން ހިނގާފައިވަނީ މި ބީދައިން މި މަގުންނެވެ. މި ފަދަ އެތައް ކަމެއްގެ ހިތި ރަހަ ދިވެހިންގެ ކަރުބުޑުގައި ލައްވާލި އެ ހާދިސާއިން ޖެހެނީ އަދި ވެސް އިބުރަތް ހާސިލް ކުރާށެވެ. ނަމަވެސް އެކަމުގައި ހިނގި ނަމަ ހިނގާފައިވާ ގޯހެއް ބަލައި ފިޔަވަޅު އެޅުމަކީ ގައުމެއްގެ ނަޒަރުން ބަލާއިރު ބުއްދިވެރި ކަމަކަން ނުވާނެ ބާއްވައެވެ.