މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ ރަނގަޅަށް ކަމަށް ހައިކޯޓުން އިއްޔެ ވަނީ ކަނޑައަޅާފަ އެވެ.
އާޒިމާގެ ގާނޫނީ ވަކީލް ނިހާޔަތު "ސީއެންއެމް" އަށް ވިދާޅުވީ އިސްތިއުނާފް ކުރަން އޮންނަ މުއްދަތުގެ ތެރޭގައި ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ.
ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ކުރީގެ ރައީސް ޔާމީނަށް ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި އެ ކުށަށް މަގުފަހި ކޮށްދިން މީހަކީ އާޒިމާ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.
އޭނާގެ މައްޗަށް އެ ދައުވާތައް ނުކުރެވޭނެ ކަމަށް އާޒިމާ ފާހަގަކުރައްވާ މައިގަނޑު ސަބަބަކީ ވޮޑަމުލާ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމްގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާކަމަށް ސްޕްރީމް ކޯޓުން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ހުކުމް ކުރުމުންނެވެ.
އަދި އެކުށް ޔާމީންގެ މައްޗަށް ސާބިތުނުވެ މިނިވަންވެފަައިވުމެވެ. އެހެން ނަމަވެސް ހައިކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ، މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދެވޭތޯ ބަލަނީ ކުށުގެ އުންސުރުތައް ސާބިތުވާ ވަރުގެ ހެކި ހުރިތޯ ފަނޑިޔާރަށް ގަބޫލު ކުރެވޭނަމަ އެވެ.
އަދި ޝަރީއަތުުގައި ވާހަކަ ދައްކަވަމުން އާޒިމާ ފާހަގަ ކޮށްފައިވަނީ އެ މައްސަލައިގެ އެއްވެސް ހިސާބެއްގައި އާޒިމާގެ ނަން ވެސް އައިސްފައިނުވާ ކަމަށެވެ.
އެހެން ނަމަވެސް މި މަރުހަލާއަކީ ހެކިތަކުގެ އެންމެ ފުނަށް ވަޒަން ކުރަން ޖެހޭ މަރުހަލާއެއް ނޫން ކަމަށާއި، މި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ވަނީ އިއްޔެ ހުކުމްކޮށް ނިންމާފަ އެވެ.