މިކަމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، މައްސަލައާ ގުޅިގެން އުމުރުން 59 އަހަރުގެ ދިވެހި އަންހެންމީހާ މާރިޗް 24 ވަނަ ދުވަހުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ބަންދު ކުރުމަށް އަމުރުު ކުރިކަމަށެވެ.
މިމައްސަލަ ހުށަހެޅުމާއެކު، ސީރިއަސް އަދި އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރިއަށް ގެންގޮސް، މައްސަލައާ ގުޅިގެން ސުވާލުކުރަންޖެހޭ އެންމެހާ ފަރާތްތަކާ ސުވާލުކޮށް، ހެއްކާއި ގަރީނާ ހޯދުމުގެ މަސައްކަތް ވަނީ ކޮށްފައި ކަމަށާއި، އެގޮތުން،
މި މައްސަލައިގެ ތަހުގީގުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދާފައިވާ އެންމެހާ ހެއްކާއި ގަރީނާ، އަދި މައްސަލައާ ގުޅުންހުރި އެންމެހާ ލިޔެކިޔުންތަކާއެކު،
ޖިނާއީ ދައުވާއެއް ކުރުމާމެދު ގޮތެއް ނިންމައިދިނުމަށް އެދި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ހުށަހެޅީ އިއްޔެ ކަމަށެވެ.
ނަމަވެސް މައްސަލައިގެ ތަހުގީގުގައި ހޯދާފައިވާ ހެއްކާއި ގަރީނާ ވަޒަންކުރުމަށްފަހު، ޖިނާއީ ދައުވާއެއް ކޮށްގެން ކުށް ސާބިތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާކަމަށް ބަޔާންކޮށް މިއަދު ޕީޖީ
އޮފީހުން މައްސަލަ ވަނީ އަނބުރާ ފޮނުއްވާފައި ކަމަަށް ފުލުހުން ބުނެއެވެ.
އެހެންކަމުން، އެމައްސަލައިގެ ތުހުމަތުގައި ހައްޔަރުގައި ހުރި މީހާ މިރޭ ވަނީ ބަންދުން ދޫކޮށްލާފައެވެ.
ފުލުހުން ބުނީ، މި މައްސަލައިގެ ތަހުގީގަށް ލިބުނު ހުރިހާ މައުލޫމާތެއްގެ ވަށައިގެންވާ އެންމެހައި ކަންކަން ބަލައި، އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދުމަށް މި މައްސަލައިގެ ތަހުގީގުގައި ފުލުހުން މަސައްކަތްކޮށްފައި ވާނެ ކަމަށެވެ.
ނަމަވެސް، މިމައްސަލައިގައި ހައްޔަރުކުރި މީހާ ފިޔަވާ އިތުރު މީހެއް ނުވަތަ ބައެއްގެ މައްޗަށް ތުހުމަތުކުރެވޭ ވަރުގެ އެކަށީގެންވާ ހެއްކެއް ނުވަތަ ގަރީނާއެއް ތަހުގީގަށް ލިބިފައެއް ނުވާކަމަށް ވެސް ފުލުހުން ބުނެއެވެ.
ހެކި ނެތިގެން ޕީޖީ އޮފީހުން އެމައްސަލަ އަބުރާ ފޮނުވާލުމުން އަންހެން މީހާ މިރޭ ދޫކޮށްލިއިރު، ޖިންސީ ގޯނާގެ ތުހުމަތުކޮށް ޝަރީއަތް ނިމެންދެން އެ އަންހެން މީހާ ބަންދުކުުރުމަށް ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރު އަންހެން މީހާގެ ފަރާތުން އިސްތިއުނާފު ކުރުމުން އެމައްސަލާގައި ހައިކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ އޭނާގެ ބަންދުގައި ބަހައްޓަން ހިތަދޫ ކޯޓުން ނިންމީ ފުލުހުން ހުށަހެޅި ހެކިތަކަށް ރިއާޔަތްކުރުމަށްފަހު މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރަނގަޅަށް ކަމަށެވެ.
އާއިލާއިން ތުހުމަތުކުރާ ގޮތުގައި އެ އަންހެންމީހާ އާއި އެ ޖިންސީ ގޯނާގެ މައްސަލައާއި އެއްވެސް ގުޅުމެއް ނެތެވެ. ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ ކުއްޖާގެ ކާފަކަމަށް ބުނެ އައްޑޫގައި ސިލްސިލާ މުޒާހަރާތަކެއްވެސް ކުރިއެވެ.
މުޒާހަރާތަކުގައި ގޮވާލާފައިވަނީ އަންހެންމީހާ ވަނީ ފްރޭމްކޮށްފައި ކަމަށާއި، އޭނާ ވަގުތުން ދޫކޮށްލުމަށްފަހު ކުއްޖާގެ ކާފަ ހައްޔަރުކުރުމަށެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ އެމައްސަލާގައި އިތުރު މީހެއްގެ މައްޗަށް ތުހުމަތުކުރެވޭވަރުގެ ހެއްކެއް ނުލިބޭ ކަމަށެވެ.