ads
އައިޝަތު ޝައިހާ----
ޝައިހާ މަރު: ކުއްލިއަކަށް ރިހެންފެށި ބޮލާއެކު އައިޖީއެމްއެޗަށް ދިޔަތާ ހަފްތާއެއްތެރޭ މަރު!
ތ. ހިރިލަންދޫ /ރީފް/ އުމުރުން 22 އަހަރުގެ އައިޝަތު ޝައިހާ ކުއްލި އަކަށް ބަލިވެ ގަދަޔަށް ބޮލުގައި ރިއްސާ ވަރުދެރަވެ ހޮޑުލެވޭތީ ރަށު ސިއްހީ މަރުކަޒަށް ދިޔައީ މީގެ ހަފްތާއެއް ހާ ދުވަސް ކުރިންނެވެ. އެމެޖެންސީގައި މާލެ ގެނައިތާ ހަފްތާ އެއް ނުވަނީސް ޝައިހާ ވަނީ އިއްޔެގެ ވަގުތެއްގައި ނިޔާވެފަ އެވެ.

ޝައިހާގެ އާއިލާއިން "ސީއެންއެމް"އަށް ކިޔައިދިން ގޮތުގައި ފުރަތަމަ ރިއްސަން ފެށީ ބޮލުގައެވެ. ބޮލުގެ ރިހުން ގަދަވެ، ދެން ފެށީ ހޮޑުލާށެވެ. ވަރުދެރަވެ، މާބޮޑަށް ބަލިވާހެން ހީވާން ފެށުމުން ރަށު ސިއްހީ މަރުކަޒަށް ޝައިހާ ގެންދެވުނުއިރު، މުޅި މީހާ ހުރީ އެއްކޮށް ރީދޫވެސް ވެފައެވެ. 

ޝައިހާއަށް މިކަން ކަން ދިމާވާން ފެށީ ކުއްލިއަކަށެވެ. މީގެ ކުރިން އެކަހަލަ އެއްވެސް މައްސަލައެއް ޝައިހާއަށް ދިމާނުވާކަމަށް އާއިލާއިން ބުނެއެވެ. 

ރަށު ސިއްހީ މަރުކަޒަށް ދެއްކުމުން ޑޮކްޓަރު ބައްލަވާފައި ވިދާޅުވީ، ޝައިހާގެ ގައިގައި ލޭ މަދުވަމުންދާ ކަމަށާއި، ހަށިގަނޑުގައި ލޭ ހުރީ އެންމެ ހަތް އިންސައްތައިގައި ކަމަށެވެ. އެމަޖެންސީގައި މާލެ ފޮނުވަން ރަށު ސިއްހީ މަރުުކަޒުން ނިންމީ ފަރުވާ ދެމުން ދަނިކޮށް ކުއްލިއަކަށް ފަސް އިންސައްތަ އަށް ލޭމަދުވެ ހާލު ބޮޑުވާން ފެށުމުންނެވެ.

އާއިލާއިން ބުނިގޮތުގައި ޝައިހާގެ ހަށިގަނޑުން ރެޑް ސެލް މަރުވަމުންދާ ކަމަށް ޑޮކްޓަރު އޭރު ލަފާ ދެއްވިއެވެ. އެހެންވެ ހާއްސަ އަވަސް ފަރުވާއެއް ދިނުމަށް އެމަޖެންސީގައި ޝައިހާ މާލެ ފޮނުވާލުމަށް ޑޮކްޓަރު ލަފާދެއްވިއެވެ. 

އައިޖީއެމްއެޗަށް ގެނެސް ޝައިހާ ވަގުތުން އެޑްމިޓް ކޮށް ފަރުވާ ދޭން ފެށިނަމަވެސް ހާލަތު ރަނގަޅުވަމުން ނުދާތީ އާއިލާއިން ދެން އެދުނީ އޭޑީކޭ އަށް ބަދަލުކޮށްދިނުމަށެވެ. 

އެގޮތަށް އައިޖީއެމްއެޗުގައި އެދުމުން އައިޖީއެމްއެޗުން ލަފާދިނީ އިންޑިއާއަށް ދިއުމަށް ކަމަށް އާއިލާއިން ބުނެއެވެ. އައިޖީއެމްއެޗުން އެގޮތަށް ލަފާ ދިނުމުން އާއިލާއިން ދެން ފެށީ އަަވަހަށް އިންޑިއާއަށް ދިއުމުގެ ތައްޔާރީތަކެވެ. ނަމަވެސް ފުރުމުގެ ކަންކަން ކުރަމުންދަނިކޮށް ޝައިހާގެ ހާލު ސީރިއަސްވެ، ނިޔާވީއެވެ. ޝައިހާގެ ދައްތަ ބުނީ ޝައިހާ ނިޔާވީ ހަށިގަނޑުން ލޭ ހުސްވެ ހިތް ހުއްޓިގެން ކަމަށެވެ. 

އުމުރުން އެންމެ 22 އަހަރުގެ ޝައިހާ ކުއްލިގޮތަކަށް ނިޔާވިއިރު، އޭނާގެ އަށް މަހަށްވާ ތުއްތު، ތުއްތު ކުއްޖަކު ވެސް އެބައޮތެވެ. އާއިލާއިން ބުނީ އެހެންވިޔަސް އެމަޖެންސީގައި ޝައިހާ މާލެ ގެންދިޔައީ ހާލަތު ދަށްވަމުން ދިއުމުން ރަނގަޅު ފަރުވާއަކަށް އެދިގެން ކަމަށެވެ. އެ ތުއްތު ދަރިފުޅު ގާތުގައި މަންމަ ނެތްކަމުގެ އިހުސާސް އެ ތުއްތު ދަރިފުޅު މިއަދު ވަރަށް ބޮޑަށް ކުރާ ކަމަށް ޝައިހާގެ ދައްތަ ބުންޏެވެ. 

މި ހިތާމަވެރި ވަގުތުގައި އާއިލާއަށް ކެތްތެރިކަން ދެއްވާ، ޝައިހާގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރަމެވެ. 

11%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
76%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް