ads
ފޮޓޯ: ސީއެންއެމް--
ވެދޭ އެހީތައް ކިޔާ ހާމަކުރުމަކީ އަޅުގަނޑުގެ އުސޫލެއް ނޫން: މެމްބަރު ގާބެ
ދާއިރާގެ ތަރައްގީއަށް ކޮށްދޭ މަސައްކަތްތަކާއި އެއްވަރަށް، ރައްޔިތުންނާއި ގާތްގުޅުމެއްވެސް އޮންނަކަމަށާއި، ނަމަވެސް އެވާހަކަތައް ދައްކަމުން ހިނގަން ބޭނުން ނުވާކަމަށް ކެޔޮދޫ ދާއިރާގެ މެމްބަރު ހުސެއިން ގާސިމް (ގާބެ) ވިދާޅުވެއްޖެ އެވެ.

ގާބެ މިގޮތަށް ވިދާޅުވީ، ބަރުލަމާނީ ޕެޓިޝަނުގައި ސޮއިކުރި ދުވަސްވަރު އެމްޑީޕީގެ ބައެއް މެމްބަރުން ދޮރުން ދޮރަށް ހިނގިއިރު ރައްޔިތަކު ދައްކާފައިވާ ވީޑިއޯއް އާއްމުވެ، އެ ވީޑިއޯގައި ގިނަ ތުހުމަތުތަކެއް މެމްބަރު ގާބެ އަށް ކުރައްވާފައިވާތީއެވެ. 

"ސީއެންއެމް"އާ ވާހަކަދައްކަވަމުން މެމްބަރު ވިދާޅުވީ، އެ ވީޑިއޯއަކީ ކިހިނެއް ނެގިފައި އޮތް، އަދި ކިހިނެތް ދައުރުވެފައި އޮތް ވީޑިއޯއެއްކަންވެސް އެނގޭ ކަމަށާއި، އެއީ ސިޔާސީ ވާދަވެރިކަމުގައި އޭނާގެ ގަދަރު ކުޑަކޮށްލުމަށް ކުޅޭ "ސިޔާސީ ހަޑި ގޭމެއް" ކަމަށެވެ. 

އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި މައިންބަފައިން ކުއްލިއަކަށް މަރުވެ، އެހިތްދަތި ކަމުގައި އުޅުނު ދުވަސްވަރު ދާއިރާގެ މެމްބަރުގެ ހައިސިއްޔަތުން ގާބެ ހާލު ބަލާ ނުލާކަމަށް އެ ވީޑިއޯގައި ބުނާތީ، އެކަމަށް ރައްދުދެއްވާ އޭނާ ވިދާޅުވީ، އެ ހުރިހާ ކަމެއްވެސް ވަރަށް ގާތުން ބެލި ކަމަށާއި، ވެދެވެން އޮތް އެހީތެރިކަންވެސް ވެދީފައިވާނެ ކަމަށެވެ. 

"އެ ވީޑިއޯގައި ވާހަކަދެއްކެވި ފަރާތާ އަޅުގަނޑަކާ ވާހަކައެއް ނުދެކެވޭ. އެކަމަކު އެއާއިލާގައި އަޅުގަނޑު ދަންނަ ފަރާތައް އަޅުގަނޑު ބަރާބަރަށް ގުޅާ އެދަނޑިވަޅުގައި ހާލު ބަލަމުންދިޔައީ. އަޅުގަނޑަށް ހީވަނީ އޭނާއާއި ސީދާ ވާހަކަ ދެކެވިފައި ނެތުމުން އޭނާއަށް ނުބައިކޮށް އަޅުގަނޑާއިމެދު ހީކުރެވިފައިވަނީހެން. ނަމަވެސް އަޅުގަނޑު އެ ދަނޑިވަޅުގައި ބަރާބަރަށް އެކަން ބަލަމުންދިޔައިން" ގާބެ ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ، އެއީ ރަކީދޫ އާއިލާއެއް ކަމަށާއި، ރަކީދޫގެ ކޮންމެ ރައްޔިތެއް ކައިރީ އެހިނަމަވެސް އެ ރަށާއި ބާއްވަމުން އަންނަ ގުޅުން ރަނގަޅަށް ސާފުކޮށްދޭނެ ކަމަށެވެ. މެމްބަރު ކަމަށް ވާދަކުރެއްވިއިރު، ސަރުކާރުގެ ފަރާތުން އޭނާ ވައުދުވެފައިވާ ކަންކަންވެސް ދަނީ ކޮށްދެމުންކަން އޭނާ ފާހަގަކުރެއްވިއެވެ. 

އެގޮތުން އެއްވެސް ވެރިކަމެއްގައި މާބޮޑު ތަރައްގީއެއް ނައިސްއޮތް ރަކީދޫއަށް އޭނާ އިސްވެ ހުންނަވާ ގިނަކަންތައްތަކެއް ކޮށްދީފައިވާނެ ކަމަށް ވިދާޅުވިއެވެ. އޭގެތެރޭގައި 2007ވަނަ އަހަރު ބަންދުކުރި ރަކީދޫ ސްކޫލް އަލުން ހުޅުވައި އެކުދިންނަށް ވެސް ރަށުގައި ތިބެގެން ކިޔެވޭނެ ގޮތެއް ހޯދައިދޭން މަސައްކަތް ކޮށްދޭނެ ކަމަށް އޭނާ ވެފައިވާ ވައުދާއި އެއްގޮތަށް މިހާރު އެމަގު ފަހިކޮށްދެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

އަދި ދާއިމީ ހައްލެއް ނެތް ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އެމަސައްކަތްވެސް ފެށިގެން ކުރިއަށްދާ ކަމަށާއި، ކައުންސިލް އިދާރާގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. 

މީގެ އިތުރުން އޭނާ ވިދާޅުވީ، އޭނާއަކީ ދާއިރާގެ ރަށްރަށަށް އެންމެ ގިނަ ދަތުރުތައް ކުރައްވާ މެމްބަރުކަމަށް ވާނެ ކަމަށް ވެސް ގަބޫލުކުރެވޭ ކަމަށެެވެ. ނަމަވެސް އެއިން ކޮންމެ ވާހަކައަކީ ދައްކަމުން ހިނގަން ބޭނުންވާ ވާހަކަތަކެއް ނޫންކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ހަގީގަތުވެސް ކޮށް އުޅޭ ކަމެއް ނޫން ކޮށްދޭ ކަންތައްތަކުގެ ވާހަކަ ދެއްކުމަކީ އެކަމަކު މިފަދަ ވާހަކަތަކެއް ދެކެވޭތީ ތިވިދާޅުވާ ވާހަކައަށް އެއްޗެއް ބުނަންޏާ ބުނެވޭނީ، ދާއިރާ ރައްޔިތުންނަށް އެގިލައްވާނޭ އަޅުގަނޑުގެ ގޮތް." އޭނާ ވިދާޅުވިއެވެ.
33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް