ads
ފޮޓޯ: ސީއެންއެމް--
މައިންބަފައިންގެ ކުއްލި މަރާއިއެކު އެގުނީ، އޯގާތެރިކަމުގެ ކަންފުޅެއްވެސް ނެތްކަން!
ކޮންމެ އިންތިހާބެއްގައިވެސް އަމިއްލަ މަންފާއަށްޓަކައި ނިކަމެތި ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައި ކޮންމެ ފަހަރަކުވެސް އެ ރައްޔިތުން އިމޯޝަނަލް ކޮށްގެން ވޯޓު ކޮޅު ހޯދުމަށް ސިޔާސީ މީހުން ވަރަށް ގިނަ ވާހަކަ އެރައްޔިތުން ކައިރި ދައްކައެވެ. އެހެން ނަމަވެސް ރައްޔިތު މީހާ ކިބިއިން ސަލާންޖަހައިގެން ވޯޓު ފޮށްޓަށް އެފަދަ އެތައް ރައްޔިތެއްގެ ވޯޓު އަޅައިގެން ސަރުކާރަށް އައުމަށް ފަހު ވައުދުތައް ނުފުއްދޭތާ ރައްޔިތެއްގެ ހާލު ބަަލައިލަންވެސް މި ބޭފުޅުންނަށް ވަނީ ބޮޑު ކަމަކަށެވެ.
Advertisement

އަނެއްކާވެސް މިއޮތީ އެފަދަ އިންތިހާބެއް ބޯމަތިވެފައެވެ. ސިޔާސީ ޕާޓީއަކަށް މުހިންމު އެތެރޭގެ އިންތިހާބެކެވެ. ވަަރަށް ފޯރިގަދައެވެ. އަނެއްކާވެސް ހަމަ އެއްކަލަ ރައްޔިތުމީހާގެ މަތިން ހަނދާންވާން މި ސަޔާސީ ބޭފުޅުން ފަށާއިފި އެވެ. 

ބަހާރު މޫސުމަށް ޖަމާވާ ދޮންދޫނިތަކެއްހެން އައި ނައިތަނެއް ވެސް ނޭނގި ރައްޔިތު މީހާގެ ކުޑަކުޑަ ޖިފުޓީގައި އެއިނީ އެ ޖިފުޓިގަނޑު ކުޑަކަމުން ހައިރާންވެފައެވެ. އެ ރައްޔިތުމީހާގެ ދިރިއުޅުމުގައި ހުރި މައްސަލަތަކާއި ދިރިއުޅެމުންދާ ހާލު އަޑުއަހާފައި ފެންކަޅިވެފައެވެ. 

ދުވަހަކު ނުވެސް ވަންނަ ގޭގެއަށް ވަދެ އެވާހަކަތައް އަޑުހަން ދަންވަންދެންވެސް އިންނަނީ އެވެ. ހަމަ އަލަށް އިވޭ ވާހަކަތަކެއްހެން ދެކޮޅަށް ބޯހޫރާލަ ހޫރާލާ “ޕިސްޕިސް” ކިޔާލަ ކިޔާލައެވެ. އަނެއްކާވެސް މި އިންތިހާބުގައި އެމީހުންގެ ނާށިގަނޑަށް ފާހަގަ ޖަހާ ކަރުދާސް ކޮޅެއް ވައްޓާލައިފިނަމަ ކޮށްދޭނެ ކަންކަން ކިޔާލަދޭއިރު ރައްޔުތުމީހާ ސޮނިވެއްޓޭވަރުވާނެ ކަން ޔަގީނެވެ. 

އެފަދަ ވާހަކައެކެވެ. ވ. އަތޮޅުގެ ރަށްތަކަށް ކެމްޕެއިންތެރޭ ކުރި ޒިޔާރަތެއްގެ ތެރެއިން ވޯޓު ހޯދަން ދިއުމުން މިފަހަރު ރައްޔިތަކު ކުރި ސުވާލަކީ "އެދުވަހު ތިބަޔަކު ކޮބައި ހެއްޔޭ އެވެ؟" ބުނީ މިހާރު އެއްވެސް ބަޔަަކަށް އިތުބާރު ނުކުރާ ކަމަށާއި، މިހާރު މިއުޅެނީ އެކަނި ކަމަށެވެ. 

އެހެން އޭނާ ބުނަންޖެހުނު ސަބަބުތައްވެސް ވަރަށް އަސަރާއިއެކު ތަފްސީލުކޮށްދެމުންދިޔައެވެ. ހިތުގައި އޮތް އިހުސާސްތަކާއި، ޝުއޫރުތައް ރޮމުން ބޭރުކުރަމުން ކިޔައިދިނީ ކެޔޮދޫ ދާއިރާގެ މެމްބަރު ހުސެއިން ގާސިމް (ގާބެ)ގެ ސަބަބުން އެހެން ހުރިހާ ސިޔާސީ މީހުންނަށް އޭނާގެ ހިތުގައި ދެވިފައިވާ ގަދަރާއި ލޯބި ކެނޑުނު ވާހަކައެވެ. ފޫހިވި ވާހަކައެވެ. އެހީއަކަށް އެންމެ ބޭނުންވި ދުވަހު ގާބެ ކަންތައް ކުރި ގޮތުގެ ވާހަކައެވެ. 

ހިތުގައި އޮތް ހިތްދަތި ޝުއޫރުތައް ބޭރުކުރަމުން އެ އަންހެން މީހާ ބުނަމުންދިޔައީ، މަންމައަށް ސްޓްރޯކެއް ޖެހިގެން 11 މަހާއި ހަމަސް ދުވަހު މާލޭގައި ބާއްވާފައި އޮތްއިރު، ދާއިރާގެ މެމްބަރު ގާބެ، ގުޅާވެސް ނުލާ ކަމަށާއި، އެންމެ ފަހަރަކު ހާލުވެސް ބަލާ ނުލާ ކަމަށެވެ. 

އެންމެ ފުރަތަމަ މާލެއަށް ކޮވިޑް އެރި ދުވަހަކީ ސްޓޯރޯކެއް ޖެހިގެން މަންމަ މާލެ ގެންގޮސް އައިސީޔޫއަށް ލީ ދުވަސް ކަމަށާއި، އޭގެ އަނެއް ދުވަހު މަންމައަށް ކޮވިޑް ޖެހުނު ކަމަށެވެ. ހޮސްޕިޓަލުން ނުނިކުމެ، ދައްތައާއި ދެބެން ކުޑަކުޑަ އައިސީޔޫ ތެރޭ އެތައް މަހެއް ހޭދަކުރިއިރު ގާބެ ގުޅާ ނުލާކަމަށް އޭނާ ބުންޏެވެ.

އެދަނޑިވަޅުގައި ރީތިކޮށް ހިނގާބިގާވެ އުޅުނު ބައްޕަވެސް ކުއްލިއަކަށް ނިޔާވެ، ބައްޕަގެ މަރަށް ތިން މަސް ވީ ދުވަހު މަންމަވެސް ނިޔާވި ކަމަށް އޭނާ ބުންޏެވެ. 

" މިގޮތަށޭ އަހަރެމެން އުޅުނީ ތިބުނާ ގާބެ ކީއްވެހޭ އަހަރެމެންގެ އިހުސާސްތައް ދެނެ ނުގަތީ؟ އެހެންވީމަ އަހަރެމެން އިތުބާރުކުރާ އެއްވެސް ބަޔަކު ނެތޭ. އެކަކުވެސް ނުދިޔައޭ ކޮބައިތޯ ބަލާލަންވެސް. އަހަރެމެން ދެކިލަންވެސް ނުދިޔަ. އެހެންވީމަ އެދުވަހުން ފެށިގެން ވަރަށް ފޫހިވެއްޖެ. އިތުބާރު ގެއްލިއްޖެ. މިހާރު މިތިބީ އެކަނިވެރިވެފަ." އޭނާ ބުންޏެވެ.

ބައްޕަ ނިޔާވެގެން ވެސް މާލެ ގެންދަން އެދުމުން ވަޅުލެވޭނީ ފެލިދޫގައޭ ބުނިކަމަށާއި، ނަމަވެސް އެއްބަނޑު ހުރިހާ އެންމެން ތިބިތަނަކީ މާލެ ކަމަށްވުމުން ފެލިދޫގައި ބައްޕަ ވަޅުލާން ބޭނުން ނުވާތީ، ބައްޕަގެ ގަބުރު ހިފައިގެން ދިޔައީ އަމިއްލައަށް ލޯންޗެއް ކުއްޔަށް ހިފައިގެން ކަމަށް އޭނާ ބުންޏެވެ. 

"ބުނީ ފެލިދޫގައޭ ވަޅުލެވޭނީ އަހަރެން ބުނީ އެއްބަނޑު އެއްބަފާ ހުރިހާ ކުދިން ތިބީ މާލޭ ގައޭ. އަހަރެން ލާރި ދީގެން ލޯންޗު ކުއްޔަށް ހިފައިގެން މިތަނުން ސީ އެމްބިއުލާންސްގައި އަހަރެން ބައްޕަގެ ގަބުރު ހިފައިގެން އަހަރެން ދިޔައިން މާލެ. ވިސްނާލަބަލަ. ކީއްވެހޭ ހަމްދަރުދީ ނުވަންވީ؟" އޭނާ ރޮމުން ކިޔައިދެމުންދިޔައެވެ.

އޭނާ ބުނީ ރަކީދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާތާ، އަދި ސަރުކާރަށް ހިދުމަތް ކުރާތީ ބަރާބަރު 38 އަހަރު ވެެއްޖެ ކަމަށާއި، އޭނާ ނޭނގޭނެ ރައްޔިތަކު ވ. އަތޮޅުގައި ނޫޅޭނެ ކަމަށެވެ. އޭނާ ބުނީ ބޭނުންވެގެން އުޅެނީ ލާރި ނޫން ކަމަށާއި، ބޭނުންވަނީ ހިތްހެޔޮ ކަމާއިއެކު ވާހަކަ ދައްކާލާ ހާލު ބަލައިލާ އުޅުން ކަމަށެވެ. އެވަރު މެމްބަރަށް ނުކޮށްދެވުނުކަން އޭނާ ހިތާމައާއިއެކު ފާހަގަކުރިއެވެ. 

"މެމްބަރު ގާބެ، ކީއްވެހޭ އަޅުގަނޑުމެންނަށް މިކަން މިގޮތަށް ހަދަން ޖެހުނު ސަބަބަކީ؟ ކޮބައި ހެއްޔެވެ؟ އަޅުގަނޑު ބޭނުމެއް ނޫން ލާރިއެއް. އަޅުގަނޑުމެނަށް ލާރި ލިބޭ. އަޅުގަނޑުމެން ބޭނުންވަނީ އޯގާތެރިކަމާއިއެކު ހިތްހެޔޮ ކަމާއިއެކު ވާހަކަދައްކާލުން. މިއީ ބޭނުންވާ އެއްޗަކީ؟" ހިތުގައި ޖެހި އިދެ އަދި ހިތްހަމަ ނުޖެހި އިދެ އޭނާ ބުންޏެވެ.

މެމްބަރު ގާބެގެ ބަސް: އެންމެ ކައިރިން އެކަންކަން ބެލިން، ގުޅާ ހާލުވެސް ބެލިން!

މި ހިތްހަމަ ނުޖެހުންތައް މިހެން ހުރިއިރު، މެމްބަރުގެ ވާހަކަތައް ތަފާތެވެ. މެމްބަރު ގަބޫލުުކުރައްވާ ގޮތުން ތުހުމަތުތަކާއި، ޝަކުވާތައް އެގޮތަށް އެހުރީ މައުލޫމާތު މުޅިން ސައްހަކޮށް އޭނާއަށް ލިބިފައި ނެތުމުންނެވެ. ނޫނީ އޭނާއަށް ނޭނގޭތީއެވެ. 

ގާބެ "ސީއެންއެމް" އަށް ވިދާޅުވީ، ބައްޕަ މަރުވެގެން މާލެ ގެންނަން އޮތް ދުވަހުވެސް އެކަން ވަރަށް ގާތުން ބެލި ކަމަށާއި، މަންމަ އެޑްމިޓްކޮށްގެން ހޭދަވި ދުވަސްތަކުގައިވެސް ހާލު ބަލާ ގުޅާ ހެދި ކަމަށެވެ. އެކަން އޭނާއަށް ނޭނގިފައި އޮތީ ސީދާ އޭނާއާއި ވާހަކަދެއްކިފައި ނެތުމުން ކަމަށް ވެދާނެ ކަމަށާއި، އެކަމަކު އެއާއިލާގައި ގާބެ ވާހަކަދައްކާ މީހުންނަށް ގުޅާ އެ ހާލަތުގައި ހާލު އަހުވާލު ބަލާ ވެދެވެން އޮތް އެހީތެރިކަމެއްވެސް ފޯރުކޮށްދިން ކަމަށް ގާބެ ވިދާޅުވިއެވެ. 

ގާބެ ބުނީ އެފަދަ ކޮންމެ ވާހަކަތަކަކީ އެއްވެސް އިރެއްގައި ފާޅުގައި ދައްކާ އުޅޭ ވާހަަކަތަކެއް ނޫން ކަމަށާއި، ކޮށްދޭ ކަންކަން ފާހަގަކުރަމުން އެވާހަކަދައްކަމުން ވެސް ނުހިނގާ ކަމަށެވެ. ކޮށްދޭ ކަންކަން ކޮށްދެނީ ހިތުން އެދިގެން ކަމަށާއި، އެކަން ވ.އަތޮޅުގެ ރައްޔިތުންނަށް އެގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

15%
ކަމުގޮސްފި
12%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް