ads
މީގެ ކުރިން ގެނެސްފައިވާ އެމްބިއުލާންސްތަކެއް-----
ރަށްރަށަށް ފޮނުވަން ގެނައި 96 އެމްބިއުލާންސް ހެލްތް މިނިސްޓްރީއާއި ހަވާލުކޮށްފި
އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި އެސްޓީއޯއާއި ހަވާލުކުރި ހުރިހާ(96) އެމްބިއުލާންސް ހެލްތް މިނިސްޓްރީއާއި ހަވާލުކޮށް ނިންމާލައިފި އެވެ.

އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސްއާއި  (އެސްޓީއޯއާއެކު ހެލްތު މިނިސްޓްރީން ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 10ވަނަ ދުވަހު ސޮއިކޮށްފަ އެވެ.

އެ އެއްބަސްވުމުގެ ދަށުން އެސްޓީއޯއިން މިހާތަނަށް އެކި ޝިޕްމެންޓުތައް ރާއްޖެ ގެނެސް މިއަދު ވަނީ އެންމެ ފަހު އެމްބިއުލާންސްތައް ހެލްތު މިނިސްޓްރީ އާއި ހަވާލުކޮށްފައެެވެ.

މިޕްރޮޖެކްޓްގެ ނިންމުން ފާހަގަ ކުރުމުގެ ގޮތުން އެސްޓީއޯ ހެޑް އޮފީސް ގައި މިއަދު ބޭއްވި ހަފްލާގައި ހެލްތް މިނިސްޓަރު އަހުމަދު ނަސީމް އާއި 96 ވަނަ އެމްބިއުލާންސް ހަވާލުކޮށްދެއްވާފައިވަނީ އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ހުސައިން އަމްރު މުހައްމަދު ރަޝާދު އެވެ.

ރައްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭނުންވާ އެމްބިއުލާންސް ހޯދައި ދިނުމަށްޓަކައި ހެލްތް މިނިސްޓްރީއިން އެސްޓީއޯ އާއި ހަވާލު ކޮށްފައިވަނީ 10 ޖޫން 2021 ގައެވެ. އެދުވަހުން ފެށިގެން، އެކި މުއްދަތުތަކަށް ބަހާލައިގެން މިއަދާއި ހަމައަށް 96 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ހެލްތް މިނިސްޓްރީއާއި  ހަވާލުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އަތޮޅުތަކަށް އެމްބިއުލާންސް ގެނެއުމަށް އެސްޓީއޯއާއި ހަވާލުކޮށްފައިވަނީ މާލޭގައި އެމްބިއުލާންސްގެ ހިދުމަތް ދިނުން ލަސްވުމުގެ ސަބަބުން އުމުރުން 10 އަހަރުގެ ކުޑަކުއްޖަކު ނިޔާވި ހާދިސާއެއް މިދިޔަ އަހަރު ހިގުމުންނެވެ. 

އެދުވަހުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ، އެމްބިއުލާންސްގެ ހިދުމަތް އިތުރަށް ފުޅާވެގެން ދިޔުމުން އަތޮޅުތެރޭގައި މިހާރު ކުރިމަތިވަމުންދާ ގިނަ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ. އަދި އެމްބިއުލާންސްގެ ހިދުމަތަކީ ކޮންމެ ރަށަކަށް ވެސް މުހިންމު ހިދުމަތެއްކަން ފާހަގަކުރައްވައި، ބައެއް ރަށްތަކުގައި އެމްބިއުލާންސް ހަލާކުވެ ހިދުމަތް މެނދުކެނޑިފައި އޮތުމުގެ ސަބަބުން ގިނަ ދަތިތައް ކުރިމަތިވަމުންދާކަމަށް ވެސް މިނިސްޓަރު ނަސީމް ވިދާޅުވި އެވެ. 

ނަމަވެސް އަދިވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި އެމްބިއުލާންސް ނެތުމުގެ ސަބަބުން ބަލި މީހުން އުފުލުމުގައި ތަކުލީފުތަކެއް އުފުލަން ޖެހިފައި ވެއެވެ. އެގޮތުން ބައެއް ފަހަރު ގާޑިޔަލުގައި ނޫނީ ބަރޯގައި ނުވަތަ ޕިކަޕެއްގައި ބަލިމީހުން އުފުލަން ޖެހިފައި އެބަހުއްޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް