ads
އިންޑޮނޭޝިއާގައި ކައްކާ ތެޔޮ އެކްސްޕޯޓުކުރުން ހުއްޓާލަނީ، އަސަރު ރާއްޖެއަށް ވެސް ކުރާނެ!
ދުނިޔޭގައި އެންމެ ގިނައިން ކައްކާ ތެޔޮ އުފައްދާ، ގައުމުތަކަށް އެކްސްޕޯޓު ކުރަމުންދާ އިންޑޮނޭޝިއާއިން ތެޔޮ އެކްސްޕޯޓު ކުރުން ވަގުތީ ގޮތުން ހުއްޓާލަން ނިންމައިފި އެވެ.
Advertisement

އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އެގައުމުން ކައްކާ ތެޔޮ އެކްސްޕޯޓް ކުރުން ހުއްޓާލާނެއެވެ. އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ ވިދާޅުވީ އެ ނިންމުން ނިންމަން ޖެހުނީ އެ ގައުމުގެ އެތެރޭގައި ތެލުގެ އަގުތައް ތިރިކޮށް، ބޭނުންވާ މިންވަރަށް އެގައުމުގެ ބާޒާރުތަކުން ތެޔޮ ލިބޭނެކަން ޔަގީންކުރުމަށް ކަމަށެވެ.

އަދި އެގައުމުގެ ފިނޭންސް މިނިސްޓަރު ސްރީ މުލްޔާނީ އިންދްރަވަތީ ވިދާޅުވީ އެ ނިންމުމުގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކަކަށް އަސަރުކުރި ނަމަވެސް އެ ނިންމުމަކީ އެ ގައުމުގެ އިގްތިސާދު ދަމަހައްޓަން މުހިންމު ނިންމުމެއް ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު ތެޔޮ އުފައްދާ ގައުމުގެ މި ނިންމުމާއިއެކު ހުރިހާ ބާވަތެއްގެ ކައްކާ ތެލުގެ އަގު ބޮޑުވެގެން ދާނެއެވެ. އޭގެތެރޭގައި ޕާމް އޮއިލް، ސޯއީ އޮއިލްގެ އިތުރުން ސަންފްލާވާ އޮއިލް އާއި، ރެޕެސީޑް އޮއިލްގެ ފަދަ އެނޫންވެސް ކައްކަން ބޭނުންކުރާ އެކި ބާވަތުގެ ތެލުގެ އަގުތައް ބާޒާރުގައި ބޮޑުވެގެން ދާނެއެވެ.

ޔޫކްރެއިންގެ ހަނގުރާމައާއި ގުޅިގެން ތެލާއި ތަކެތީގެ އަގު ބޮޑުވެފައިވާ މިވާ ދަނޑިވަޅުގައި އިންޑޮނޭޝިއާގެ މި ނިންމުމާއެކު ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މިހާރުވެސް ވަނީ ބޮޑުވެފަ އެވެ. އަދި ވޭތުވެދިޔަ ހަ މަހުގެ ތެރޭގައި، ތެލުގެ އަގުތައް 50 އިންސައްތައަށް ވަނީ އުފުލިފަ އެވެ.

މި ނިންމުމާއިއެކު ރާއްޖެ ހިމެނޭހެން އޭޝިއާގެ ހުރިހާ ގައުމުތަކަކަށް އަދި ދުނިޔޭގެ ހުރިހާ ސަރަހައްދުތަކަކަށް އަސަރުކުރާނެ ކަމަށް ތަޖުރިބާކާރުން ވަނީ ލަފާކޮށްފައެެވެ. 

މި ނިންމުމާއި ގުޅިގެން އިންޑިއާއާއި، ބަގްލަދޭޝް އަދި ޕާކިސްތާން އިން މެލޭޝިއާއިން ގަންނަ ތެލުގެ މިންވަރު އިތުރު ކުރިނަމަވެސް، އިންޑޮނޭޝިއާގެ މި ނިންމުމުގެ ސަބަބުން ގައުމުތަކަށް ކުރާނެ ނޭދެވޭ އަސަރު ކުޑަ ނުކުރެވޭނެ ކަމަށް އިންޑިއާގެ ސޮލްވެންޓް އެކްސްޓްރެކްޓާސް އެސޯސިއޭޝަން(ސީ)ގެ ރައީސް އަތުލް ޗަތުރުވެދީ ވިދާޅުވިއެވެ. 

އިންޑިއާއިން އެގައުމަށް އެތެރެކުރާ ކައްކާ ތެލުގެ ދެބައިކުޅަ އެއްބަޔަކީ އިންޑޮނޭޝިއާއިން އެތެރެކުރާ ތެލެވެ. ޕާކިސްތާން އާއި ބަގްލަދޭޝްއިން 80 އިންސައްތައިގެ ކައްކާ ތެޔޮ އެތެރެކުރަނީ އިންޑޮނޭޝިއާއިންނެވެ.

ޕާކިސްތާންގެ އެޑިބަލް އޮއިލް ރެފިނާސް އެސޯސިއޭޝަން(ޕެއޯރާ)ގެ ޗެއާމަން ރަޝީދު ޖަންމޯދު ވިދާޅުވީ، އިންޑޮނޭޝިއާގެ އެ ނިންމުމުގެ ނޭދެވޭ އަސަރު ހުރިހާ ގައުމަކަށް ކުރާނެ ކަމަށެވެ. 

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް