ސާރާ ވަނީ ދާދި ފަހުން ކަރީނާ ކަޕޫރުގެ ޗެޓް ޝޯއަށް ގޮސްފައެވެ. އެޝޯ ތެރެއިން ސާރާ ކައިރި ކަރީނާ ވަނީ އެންމެ ފުރަތަމަ ލޮލުގައި އަޅައިގަންނަނީ މީހެއްގެ ކޮން ސިފައަކަށްތޯ އަހާފައެވެ.
އެސުވާލަށް ޖަވާބު ދެމުން ސާރާ ބުނީ މީހަކު މަޖާވެފައި، އެމީހެއްގެ ސެންސް އެފް ހިއުމާ ރަނގަޅު ނަމަ އޭނާއަށް ވަރަށް ކަމުދާނެ ކަމަށެވެ. އަދި އޭނާ ރީތި މީހަކު ކޮންމެހެން ބޭނުން ނުވާ ކަމަށް ވެސް ސާރާ ވަނީ ބުނެފައެވެ.
ލޯބިވެރިންގެ ދުވަހު ސިނަމާތަކަށް އަންނަ ފިލްމު، "ލަވް އާޖް ކަލް"ގައި ސާރާ އާއި ކާތިކް އާރިޔަން އެކުގައި ފެނިގެންދާއިރު މިދިޔަ އަހަރުގެ ފަހުކޮޅުއްސުރެ ކާތިކް އާއި ސާރާގެ މެދުގައި ގުޅުމެއް އޮންނަކަމަށް ބުނެ އަޑުތައް ވަނީ އަރާފައެވެ.
ނަމަވެސް ސާރާ ވަނީ ކާތިކް އާއި އޭނާ އާ ދެމެދު އެއްވެސް ލޯބީގެ ގުޅުމެއް ނެތް ކަމަށް ބުނެފައެވެ.
އުމުރުން 23 އަހަރުގެ ސާރާ އެންމެ ފަހުން ފެނިފައި ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ނެރުނު ފިލްމު "ސިމްބާ" އިންނެވެ. ރޯހިތު ޝެޓީ ޑައިރެކްޓުކޮށް ނެރުނު އެ ފިލްމުގައި އޭނާ ފެނިގެން ދިޔައީ ރަންވީރު ސިންގްއާ އެކު އެވެ.
ސާރާ މިހާތަނަށް ކުޅެފައިވާ ދެ ފިލްމަަށް ވެސް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނުއިރު މިފަހަކަށް އައިސް ބޮލީވުޑަށް ތައާރަފުވި އެންމެ ކާމިޔާބު އެއް ތަރިއަކީ ސާރާ ކަމަށް ބުނުމަކުން ގޯހަކަށް ނުވާނެ އެވެ.