ads
ސުކޫލް ޓީޗަރުން
ޓީޗަރުންގެ މުސާރަޔާއި އިނާޔަތް އަންނަ ހަފްތާގައި އާންމުކުރަނީ
ސުކޫލުތަކުގައި މަސައްކަތް ކުރައްވާ އެންމެހާ މުއައްޒަފުންގެ މުސާރަޔާއި އިނާޔަތް ތަކަށް ގެންނަ ބަދަލު އަންނަ ހަފްތާގައި އާންމު ކުރާނެ ކަމަށް ޕޭކޮމިޝަނުން ބުނެފި އެވެ.
Advertisement

ތައުލީމީ ދާއިރާގައި މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ނިންމަވާފައި ވާކަމަށް، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. އެބަދަލާ އެކު ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ އިތުރުގަޑިއާ ނުލައި 12،628 ރުފިޔާ އިން 19،740 ރުފިޔާއަށް އަރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެ އެވެ.

މުސާރަ އާއި އިނާޔަތްތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ޕޭ ކޮމިޝަނުން ކުރަމުން އަންނަ އިރު، މި އަހަރުގެ މެއި މަހު މުސާރަޔާއި އިނާޔަތް ތަކުގެ އާ އޮނިގަނޑު އެކުލަވާލާނެ ކަމަށް އެ ކޮމިޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ. އަދި ފިނޭންސް މިނިސްޓްރީން ވެސް ވަނީ މުސާރައިގެ އާ އޮނިގަނޑަށް ގެންނަ ބަދަލުގެ ތަފްސީލު ވަރަށް އަވަހަށް ހިއްސާ ކުރާނެ ކަމަށް ބުނެފަ އެވެ. 

މެއި މަސް ފެށުމާއި ގާތްވެފައިވާއިރު އެމަސައްކަތް އޮތް ހިސާބެއް ސާފުކޮށްލުމަށް މުސާރަ އާއި އިނާޔަތްތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުންދާ ޕޭކޮމިޝަނަށް "ސީއެންއެމް" އިން ގުޅާލުމުން ޕޭ ކޮމިޝަނުގެ މީޑިއާ އޮފިސަރު މުހައްމަދު ޝަނޫން ވިދާޅުވީ، އަންނަ ހަފްތާގައި ޓީޗަރުންނާއި، އިދާރީ މުވައްޒަފުން ހިމެނޭހެން، މުއައްޒަފުންގެ މުސާރަޔާއި އިނާޔަތް ތަކަށް ގެންނަ ބަދަލު އާއްމުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ވާނީ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސް އެމަސައްކަތް ނިންމާފަ، އަންނަ ހަފްތާގެ ތެރޭގައި އެ އޮނިގަނޑު އާއްމުކުރާނަން" ޕޭ ކޮމިޝަނުގެ މީޑިއާ އޮފިސަރު ޝަނޫން ވިދާޅުވިއެވެ.

މިމަހުގެ ހަތްވަނަ ދުވަހު މީޑިއާއަށް ދިން އިންޓަވިއުއެއް ގައި މިނިސްޓަރު ވިދާޅުވީ ތައްޔާރު ކުރަމުން އަންނަ މުސާރައިގެ އާ އޮނިގަނޑާއި އެކު ދިވެހި ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި އެންމެ ރަނގަޅު މުސާރައެއް ލިބިގެންދާނީ ޓީޗަރުންނަށް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދިވެހި ޓީޗަރުން ހޯދުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެން ދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅު ވިއެވެ.

އަލަށް އެކުލަވާލާ އޮނިގަނޑުގެ ސަބަބުން ކުރިން ޓީޗަރުންގެ ގޮތުގައި ތިބި ތަޖުރިބާކާރު ގިނަ ޓީޗަރުން އަލުން ދާއިރާއާއި ގުޅޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވި އެވެ.

97%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
3%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް