ads
ޕީއެންސީ އަސާސީ ގަވާއިދުން ދެވަނަ ދައުރަކަށް ޓިކެޓު ލިބެނީ ރައީސް މުއިއްޒަށް
ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ވެރިކަން ކުރާ ޕީއެންސީ އިން ޕްރައިމަރީއެއް ނުބާއްވާނެ ކަމަށާއި އެ އަހަރު ވެސް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކަށް ވެގެންދާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
Advertisement

ޕީއެންސީން މިއަދު ބޭއްވި އެ ޕާޓީގެ އެތެރޭގެ އިންތިހާބާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ، ޕީއެންސީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ހިނގަމުން އަންނަ ވެރިކަމުގައި އެ ޕާޓީގެ މެމްބަރަކު ރައީސްގެ މަގާމުގައި ހުންނެވި ނަމަ އެ ބޭފުޅަކަށް ޕްރައިމަރީއަކާ ނުލައި ދެވަނަ ދައުރަކަށް ވެސް ޓިކެޓު ލިބިވަޑައިގަންނަވާނެ ކަމަށެވެ.

އެހެންވެ، އެ އުސޫލުން ބަލާ ނަމަ ޕީއެންސީގެ 2028 ގެ ރިޔާސީ ޓިކެޓު ލިބިވަޑައިގަންނަވާނީ ރައީސް މުއިއްޒަށް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަސާސީ ގަވާއިދު ބުނަނީ ޕީއެންސީގެ ޓިކެޓުގައި ނިކުމެވަޑައިގެން ރާއްޖޭގެ ވެރިކަމަށް އަންނަވާ ބޭފުޅަކު އެ މަގާމުގަ ހުންނަވާ ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ބޭނުންފުޅު ވަންޏާ ރިޔާސީ ޕްރައިމަރީ އަކާ ނުލާ އެ ޓިކެޓު އެ ބޭފުޅަކަށް ލިބިވަޑައިގަންނަވާނެ ކަމަށް،" ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައިވެސް ހުންނެވި އަބްދުއްރަހީމް ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ މިއަދު އިއުލާން ކުރައްވައިފަ އެވެ. އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ އެ ޕާޓީން ފަސް ބޭފުޅަކު ރިޔާސީ އިންތިހާބުގައި ވާދަކުރަން ޝައުގުވެރިވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެއީ ކޮން ބޭފުޅުންނެއްކަން ވިދާޅެއްނުވެ އެވެ.

އޭގެ ކުރިން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ 2028ގައި އެ މަނިކުފާނު ވެރިކަމަށް ވާދަކުރައްވާނެކަން އިއުލާންކުރައްވައިފަ އެވެ.

ޔާމީން ނިކުންނެވުމަކީ ޕީއެންސީ އަށް އޮތް ގޮންޖެހުމެއްތޯ ސުވާލު ކުރުމުން އަބްދުލްރަހީމް ވިދާޅުވީ މި ވެރިކަމުގައި ބާކީ އަދި ހަތަރު އަހަރު އެބައޮތް ކަމަށާއި އެ ސުވާލަށް ޖަވާބުދޭން އަދި މާ އަވަސް ކަމަށެވެ. އެގޮތުން ނޭނގި ތިއްބާ ސިޔާސީ މަސްރަހު ބަދަލުވެގެން ގޮސްދާނެ ކަމަށާއި ނަމަވެސް ފަސް އަހަރަށް ފަހު ދެން އޮންނަ ރިޔާސީ އިންތިހާބަށް ނިކުންނައިރު މިހާރަށް ވުރެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތާއީދު ބޮޑުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް