ads
ވ.އަންބަރާ
މަސައްކަތް ނުކުރާތީ، ވ.ހުޅިދޫއާއި އަންބަރާ، ގަރާރަކުން ކައުންސިލުގެ ބާރުގެ ދަށަށް!
މަސައްކަތް ނުކޮށް އަދި އެއްބަސްވުމާ ހިލާފު ވެފައިވާތީ ، ވ.ހުޅިދޫއާއި އަންބަރާ، ކައުންސިލުން ފާސްކުރި ގަރާރަކުން އެރަށްތައް ވ.އަތޮޅު ކައުންސިލްގެ ބާރުގެ ދަށަށް ގެންގޮސްފިއެވެ.

ވ.ހުޅިދޫ އަދި ވ.އަންބަރާ ތަރައްޤީކުރުމަށް އެގްރިމެންޓްގައި ބަޔާންކޮށްފައިވާ މުއްދަތަށް އެގްރިމެންޓްކުރެވިފައިވާ މަސައްކަތްތައް ފުރިހަމަކޮށްފައި ނުވާތީއާއި، އެގްރިމެންޓާއި ހިލާފުވެ އަދި ރަށްތައް ތަރައްގީކޮށް ހިދުމަތަށް ފުރިހަމަކުރުމަށް އެގްރިމެންޓްކުރެވުނު މުއްދަތު ހަމަވެފައިވާތީ، އެ އެގްރިމެންޓްތަކުގެ ދަށުން ވ.ހުޅިދޫ އަދި ވ.އަންބަރާ ގައި އެއްވެސް މަސައްކަތެއްކުރުމުގެ ފުރުސަތު އެއްވެސް އަމިއްލަ ފަރާތަކަށް މިހާރު ލިބިފައި ނުވާނެތީ، ވ.ހުޅިދޫ އަދި ވ.އަންބަރާ ފެލިދެއަތޮޅު އަތޮޅު ރައްޔިތުންގެ ބޭނުމަށް ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ ދަށުގައިވާ ދެ ރަށް ކަމުގައި ކަނޑައަޅާ ފެލިދެއަތޮޅު އަތޮޅު ކައުންސިލުން ގަރާރެއް ފާސްކޮށްފިއެވެ.

ބުދަ ދުވަހު ބޭއްވުނު ވ. އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގެ 13 ވަނަ ޖަލްސާއަށް މި ގަރާރު ހުށަހަޅާފައިވަނީ ވ. ތިނަދޫ ކައުންސިލްގެ ފަރާތުންނެވެ. މި ގަރާރާއިމެދު މަޝްވަރާކުރުމަށް ހުޅުވާލި ފުރުސަތުގައި ވ.އަތޮޅުގެ ގުދުރަތީ ވަސީލަތްތައް ސަރުކާރުތަކުން އަމިއްލަ ފަރާތްތަކަށް ކުއްޔަށްދޫކުރުމުގައި ތަފާތު އިހުމާލުތައް ވެފައިވާމަކައި، މިކަމުގެ ނަތީޖާއެއްގެ ގޮތުން އަތޮޅުގެ ގުދުރަތީ ވަސސީލަތްތައް ބޭނުންކުރުމުން އަތޮޅު ރައްޔިތުން މަހުރޫމު ކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ. 

އަދި ވ.ހުޅިދޫ އަދި ވ.އަންބަރާ ތަރައްގީކުރުމަށް އެގްރިމެންޓްގައި ބަޔާންކޮށްފައިވާ މުއްދަތަށް އެގްރިމެންޓްކުރެވިފައިވާ މަސައްކަތްތައް ފުރިހަމަކޮށްފައި ނުވާތީއާއި، މިހާތަނަށް އެރަށް ރަށުގައި ކޮށްފައިވާ މަސައްކަތްތައްވެސް ކޮށްފައިވަނީ އެގްރިމެންޓާއި ހިލާފަށް އަދި ރަށްރަށުގެ ވެއްޓަށް އެއްވެސް ބެލުމެއްނެތި ރަށްރަށަށް ވަރަށްބޮޑަށް އިހުމާލުވެފައިވާތީ އެކަމުގެ ޝަކުވާ ހުރިހާ ރަށެއްގެ ރައްޔިތުންގެ ފަރާތުން ފާޅުކުރަމުންދާކަމަށް މެންބަރުން ފާހަގަކުރެއްވިއެވެ. 

އަދި މިއީ ފެލިދެއަތޮޅުގެ ފަޅު ރައްތަކާއި، ފަޅުތަކާއި، އަދި ފަރުތައް އަދި މިނޫންވެސް އެންމެހައި ގުދުރަތީ ވަސީލަތްތައް ބޭނުންކުރަމުން އަންނަގޮތާއި މެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، ޝަކުވާތަކުގެ މައްޗަށް ބަލައި، އެރައްޔިތުންގެ ޝަކުވާތަކަށް ހައްލުތަކެއް ހޯދުމުގެ ގޮތުން ފެލިދެއަތޮޅު އަތޮޅު ކައުންސިލުން ކޮންމެހެން ފާސްކުރަންޖެހިފައިވާ ފަދަ ގަރާރެއްކަމުގައިވެސް މެންބަރުން ފާހަގަކުރެއްވިއެވެ.

މި ގަރާރު ފެލިދެއަތޮޅު ކައުންސިލުން ފާސްކޮށްފައިވަނީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 13 ވަނަ ޖަލްސާގައި ބައިވެރިވަޑައިގެންނެވި ހުރިހާ މެންބަރުން އިއްތިފާގުންނެވެ.

ގަރާރުގައި ވާ ގޮތުން ދަނޑުވެރިކަން ތަރައްގީކުރުމަށް 2017 ވަނަ އަހަރުގެ ތެރޭގައި ވ.ހުޅިދޫ  ކުއްޔަށްދޫކުރެވިފައިވަނީ "އާރަށް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް" އަށެވެ. "އާރަށް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް"އަށް ވ.ހުޅިދޫ ލިބިފައިވަނީ، ވ.އަތޮޅު "އާރަށް" ކުއްޔަށް ދޫކުރެވިފައިވާ ދުވަސްވަރުގައެވެ.

ރިސޯޓެއްގެ ގޮތުގައި ވ. އާރަށް ތަރައްގީކުރުމަށް އެ ރަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރިކަމުގެ ތުހުމަތުގައި، އެމަނިކުފާނުގެ މައްޗަށް ރިޝްވަތު ނެގުމާއި މަނީ ލޯންޑަރިންގެ ދައުވާތައް އަދި "އާރަށް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް"ގެ ހިއްސާދާރެއްކަމުގައިވާ ވ.ފެލިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފު ނަޢީމުގެ މައްޗަށް ރިޝްވަތުގެ ދައުވާތައް މިހާރު ހިނގަމުންދާއިރު، ވ.އާރަށް ފުރަތަމަ ކުއްޔަށް ދޫކުރެވިފައިވަނީވެސް "އާރަށް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް"އަށެވެ.

ވ. އަންބަރާއަކީ 2004 ވަނަ ޕިކްނިކް އައިލެންޑް އެއްގެ ގޮތުގައި ތަރައްގީކުރުމަށް ފުރަތަމަ ހުއްދަދެވުނު ރަށެކެވެ. ޕިކްނިކް އައިލެންޑް ތަރައްގީކުރުމަށް ދެވިފައިވާ އެގްރިމެންޓް ބާތިލްކޮށް ވ.އަންބަރާގައި ޓުވަރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން 2016 ވަނަ އަހަރުގެ ތެރޭގައި "ހަނދުވަރު އޯޝަން ޕްރިވެޓް ލިމިޓެޑް" އަށް ކުއްޔަށްދޫކުރެވިފައިވާ ރަށެކެވެ. ނަމަވެސް ރިސޯޓް ތަރައްގީކުރުމުގެ އަމަލީ އެއްވެސް އެދެވޭ މަސައްކަތެއް އެ ރަށުގައި ފެށިފައިނުވާ ކަމަށް ގަރާރުގައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް