ads
ސުކޫލް ޓީޗަރުން: ފޮޓޯ| މިހާރު
އާ އޮނިގަނޑާއެކު އިންސާފުވެރި މުސާރައެއް ލިބެން ޖެހޭ: ޓީޗަރުން
ސުކޫލްތަކުގައި ކިޔަވައިދެމުން އަންނަ ޓީޗަރުންނަށް މުސާރަ ދިނުމުގައި މިހާރުވެސް ބޮޑެތި މައްސަލަތައް އެބަހުރި ކަމަށާއި އެހެން ކަމުން އަލަށް އެކުލަވާލާ މުސާރަ ދިނުމުގެ އޮނިގަނޑު ބިނާވާން ޖެހޭނީ ގިނަ ވަގުތު މަސައްކަތުގައި އުޅޭ ޓީޗަރުންނަށް މުސާރައިގެ ފަރަގު ބޮޑުވާ ގޮތަށް ކަމަށް ބައެއް ޓީޗަރުން ބުނެފިއެވެ.

ސުކޫލުތަކުގައި މަސައްކަތް ކުރައްވާ އެންމެހާ މުވުއްޒަފުންގެ މުސާރަ އާއި އިނާޔަތް ތަކަށް ގެންނަ ބަދަލު އަންނަ ހަފްތާގައި އާންމު ކުރާނެ ކަމަށް ޕޭ ކޮމިޝަނުން ބުނެފިވާއިރު، މިހާރު އޮތް އޮނިގަނޑުގެ ސަބަބުން އެއްވެސް އިންސާފެއް ނެތް ކަމަށް ބައެއް ޓީޗަރުން އަންނަނީ ބުނަމުންނެވެ. 

އެގޮތުން ބައެއް ޓީޗަރުން ބުނި ގޮތުގައި، މިހާރު އޮންނަ އުސޫލަށް ބަލާއިރު، ސުކޫލަށް ނައިސް ސަލާމުގައި ތިބޭ ޓީޗަރުންނާއި، ގަވައިދުން ސްކޫލަށް އައިސް ދަރިވަރުންނަށް ކިޔަވައިދިނުމުގައި އުޅޭ ޓީޗަރުންނަށް ލިބެނީ ހަމަހަމަ މުސާރައެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ބައެއް ފަހަރު މާޔޫސްވާކަމަށް ބައެއް ޓީޗަރުން ވަނީ ބުނެފައެވެ. 

"ސީއެންއެމް" އާ ވާހަކަ ދެއްކި މާލޭގެ ބޮޑު ސުކޫލެއްގެ ޓީޗަރަކު ބުނީ، މަސް ނިމި މުސާރަ ދޭއިރު، ގިނަ ފަހަރު މާޔޫސްކަން އިހުސާސް ކުރެވޭ ކަމަށާއި، ކިޔަވައިދިނުމަށް ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަން ނުކުރާހެން ހީވާ ކަމަށެވެ. އަދި ބައެއް ފަހަރު މުސާރަ ދޭއިރު، ފެންވަރު ރަނގަޅު މަސައްކަތް ކުރާ ޓީޗަރުންނަށް ވުރެ ސުކޫލުގައި ގިނަ ވަގުތު ހޭދަ ކުރާ ޓީޗަރަށް ބޮޑު މުސާރަ ލިބޭ ކަމަށެވެ. 

"ހުރިހާ ޓީޗަރުންނަކީ ވެސް ވަރަށް މުހިއްމު ބައެއް. އެހެން ނަމަވެސް ބައެއް ފަހަރު މުސާރަ ދޭއިރު، މި ބަލަނީ ސުކޫލުގައި ހޭދަ ކުރީ ކިހާ ވަގުތެއްތޯ. ކުރި ކަމެއް ނުބަލާ. ބައެއް ޓީޗަރުން އިތުރު ގަޑީގެ ފައިސާ ހޯދުމަށް ބޭކާރު ގޮތުގަ އެބަތިބޭ ސުކޫލު ތެރޭގައި. ސްކޫލަށް ހާޒިރުނުވެ ސަލާމުގައި ގިނައިން ތިބޭ ޓީޗަރުން ވެސް އެބަ އުޅޭ. އެހެންކަމުން އަލަށް އެކުލަވާލާ އޮނިގަނޑުގައި ކުރާ މަސައްކަތައް މުސާރަ ކަނޑައެޅޭ އުސޫލެއް އޮތުމަކީ މުހިއްމު ކަމެއް. އޭރުން މިކަން އިންސާފުވެރިކޮށް ހިނގާނީ." ސީއެންއެމް އާ ވާހަކަ ދެއްކި ޓީޗަރަކު ބުންޏެވެ.

މީގެ އިތުރުން ބައެއް ޓީޗަރުން ބުނީ، ސްކޫލުގެ އިސްވެރިންނާއި ހާއްސަ ގުޅުން އޮންނަ ޓީޗަރުންނަށް ސްކޫލު ތެރޭ ކަންކަން ކުރަން ފަސޭހަވެގެން ދާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ވެސް ބައެއް ޓީޗަރުން ނާޖާއިޒް ފައިދާ ނަގާކަމަށް އެފަރާތުން ވަނީ ބުނެފައެވެ. 

ތައުލީމީ ދާއިރާގައި މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ނިންމަވާފައި ވާކަމަށް، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. އެބަދަލާ އެކު ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ އިތުރުގަޑިއާ ނުލައި 12،628 ރުފިޔާ އިން 19،740 ރުފިޔާއަށް އަރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެ އެވެ.

މުސާރަ އާއި އިނާޔަތްތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ޕޭ ކޮމިޝަނުން ކުރަމުން އަންނަ އިރު، މި އަހަރުގެ މެއި މަހު މުސާރަ އާއި އިނާޔަތް ތަކުގެ އާ އޮނިގަނޑު އެކުލަވާލާނެ ކަމަށް އެ ކޮމިޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ. އަދި ފިނޭންސް މިނިސްޓްރީން ވެސް ވަނީ މުސާރައިގެ އާ އޮނިގަނޑަށް ގެންނަ ބަދަލުގެ ތަފްސީލު ވަރަށް އަވަހަށް ހިއްސާ ކުރާނެ ކަމަށް ބުނެފަ އެވެ. 

މެއި މަސް ފެށުމާއި ގާތްވެފައިވާއިރު އެމަސައްކަތް އޮތް ހިސާބެއް ސާފުކޮށްލުމަށް މުސާރަ އާއި އިނާޔަތްތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުންދާ ޕޭކޮމިޝަނަށް "ސީއެންއެމް" އަށް މީގެ ކުރިން މައުލޫމާތު ދެމުން ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިސަރު މުހައްމަދު ޝަނޫން ވިދާޅުވީ، އަންނަ ހަފްތާގައި ޓީޗަރުންނާއި، އިދާރީ މުވައްޒަފުން ހިމެނޭހެން، މުވުއްޒަފުންގެ މުސާރަ އާއި އިނާޔަތް ތަކަށް ގެންނަ ބަދަލު އާއްމުކުރާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް