ads
ދިވެއްސެއްގެ ވާހަކަ: ދީން ގަބޫލުނުކުރާކަން އެގުނީ ކައިވެނިކުރި ފަހުން
މިއީ މާލޭގައި ދިރިއުޅެމުންދާ ޒުވާން ފިރިހެނެއްގެ ދިރިއުޅުމުގެ ހިތްދަތި ހަނދާންތަކެެއްގެ ވާހަކައެވެ. އޭނާގެ މިވާހަކަތައް އާޓިކަލްއެއްގެ ޒަރިއްޔާއިން ގެނެސްދޭން އަޅުގަނޑު ގަސްދުކުރީ މިއިން އިބްރަތެއްވެސް ލިބިދޭތީ އާއިއެކުއެވެ. މި އާޓިކަލްގައި އެވާހަކަތައް ހިމަނާފައި މިވަނީ އޭނާ ކިޔައިދިން ގޮތަށެވެ.

އެއީ މީގެ 14 އަހަރު ކުރިއެވެ. އުމުރުން އޭރު 21 އަހަރެވެ. އަހަރެން މާލޭގައި ހުރީ ރަނގަޅު ވަޒީފާއެއްގައި ވަރަށް ހިތްހަމަ ޖެހިގެންނެވެ. އުމުރުގެ ހަނގުކަމުން ދިރިއުޅުމާއި މުސްތަގުބޮލާއިމެދު ވަރަށް ފޮނި އުންމީދުތަކެއް ކުރީމެވެ. އެ ހުވަފެންތަކުގައި ކުލަ ނުޖެހި އުޅެނިކޮށް އަހަރެންގެ މައިންބަފައިން ބޭނުންވީ އަހަރެން މީހަކާ އިންނާށެވެ. އެވެސް މައިންބަފައިން ބޭނުންވި އެމީހުންގެ ޒަމާންވީ ރަށްޓެއްސެއްގެ ދަރިއަކާއެވެ. އެމީހުން ބުނި މީހަކާއެވެ.

އެ އަންހެން ކުއްޖާގެ ބައްޕައަކީ އަހަރެން ބައްޕަގެ ޒަމާންވީ ރަށްޓެއްސެކެވެ. އެކަމަކު އެއީ އެހެން ރަށެއްގެ މީހެކެވެ. އަހަރެންނަކީ ފެށުނީންސުރެ މައިންބަފައިންގެ ބަސް ގަބޫލުކުރާ ކުއްޖަކަށް ވުމުން ވަރަށް ބަހަނާއަށްފަހުވެސް އެންމެ ފަހުން ޖެހުނީ މައިންބަފައިންގެ ކުރިމަތީ “ނިކަމެތިކަމުގެ ވަރަ” ތިރިކޮށްލާ އެމީހުންގެ އެދުން ފުރިހަމަ ކޮށްދޭށެވެ.

އެހެންވެ ކައިވެނިކުރީއެވެ. ކައިވެނިކޮށްގެން އާއްމުކޮށް ފިރިމީހާގެ ކައިރީގައި އަނބިންތިބޭ ނަމަވެސް އަހަންނަށް ޖެހުނީ މާލޭގައި އަދާކުރަމުންދިޔަ ރަނގަޅު ވަޒީފާ ދޫކޮށްލާފައި އަންހެން ކުއްޖާގެ ރަށަށް ގޮސް އެތަނުގައި ދިރިއުޅެން ފަށާށެވެ. 

އެރަށަށް ގޮސް ކައިވެންޏަށް މަހެއްވީއިރު، ގިނަ މައްސަލަތަކެއް ޖެހެން ފަށާފިއެވެ. އަންހެނުންގެ އާއިލާގެ ފަރާތުންވެސް، ހުދު އަބިމީހާގެ ފަރާތުންވެސް އެއްވެސް އެހީތެރިކަމެއް ނުލިބެއެވެ. ނަފްސާނީ ވާވަރަށް ފުރުއްސާރައާއި އުނދަގޫތައް ކުރިމަތިކުރުވަން ފެށިއެވެ. އަނބިމީހާގެ އާއިލާއިން ރާވަައިގެން ކުރި އެތައް ކަމަކަށްފަހު ކައިވެންޏަށް މަހެއްވީއިރު، ކައިވެނި ރޫޅިއްޖެއެވެ. ގެއިންވެސް އަހަރެން ބޭރުކޮށްލިއެވެ.

އަނބުރާ އަހަރެން އައީ މާލެއެވެ. މަޖުބޫރުން ކުރި ކާވެންޏަކަސް އެ ކައިވެނީން ލިބުނު ދެރައާއި ހިތާމަ ވަރަށް ބޮޑެވެ. އެފަދަ ކައިވެންޏަކުން ލިބުނު އިބުރަތްވެސް ބޮޑެވެ. މައިންބަފައިން ބޭނުންވާ މީހަކާއި ގަދަކަމުން ދެމީހަކު ގުޅުވައިގެން ދިރިއުޅެން މަޖުބޫރު ކުރުވުމުން ހަލާކުވަނީ އަމިއްލަ ދަރިފުޅުގެ ދިރިއުޅުންކަން ގަބޫލުކުރެވި، އެފަހުން އަހަރެންގެ ހަޔާތުގެ ބައިވެރިއަކު އިހްތިޔާރުކުރުމުގައި މައިބަފައިން ބަހެއް ނުކިޔައެވެ. އެކަން އަހަންނަަށް ދޫކޮށްލީއެވެ.

ދެވަނަ ކައިވެނި: ބޭވަފާތެރި އަންބެއް!

ދެވަނަ ކައިވެންޏެއް އަހަރެން ކުރީ އަހަރެއް ފަހުންނެވެ. އެއީ މާބޮޑު ބެލުންތަކެއް ބެލުމެއްނެތި ކުރި ކައިވެންޏެކެވެ. ކުރީގެ ކައިވެނީގެ ސަބަބުން ލިބުނު ހިތްދަތިކަމުން އަރައިގަންނަން މަސައްކަތް ކުރުމުގެ ތެެރެއިން ދިމާވި ކުއްޖެކެވެ. އަހަންނަށްވުރެ ބޮޑަށް އަހަރެން ފަހަތުން ލޯބިވެގެން ރަށްޓެހިވާން ބޭނުންވެގެން އުޅުނީ އޭނާއެވެ. ކައިވެނިކުރަން ވެސް ބޭނުންވީ އޭނާއެވެ. އަހަރެންވެސް އެކަމަށް އިންކާރު ނުކުރީ ދިރިއުޅުމަށް ވަފާތެރި ބައިވެރިއަކާއި، އެކުގައި ހިނގާނެ މީހަކު އޭރު ބޭނުންވެގެންނެވެ. 

ނަމަވެސް އެ ކަައިވެންޏަށް އަހަރެއް ވުމާއި ހަމަޔަށް ދިޔަައިރު، އެވަފާތެރިކަމެއް އަހަންނަަކަށް ނުލިބުނެއެވެ. ކުރިމަތިން ފެންނަމުންދިޔައީ، އަދި ފަޅާ އަރަމުންދިޔައީ އަނބިމީހާގެ “ނުބައިކަމާއި، ބޭވަފާތެރި”ކަމެވެ. ހިލޭ ފިރިހެނުންނާއި ގުޅުން ބާއްވާ، ބޭވަފާތެރިކަމުގެ އިންތިހާ އެވެ. އެ މަންޒަރު ބަލަން ކެތްނުވެގެން އަހަރެއްވީއިރު، އަހަރެން އެ ދިރިއުޅުމާއި ދުރަށް ދިޔައީމެވެ.

ތިން ވަނަ ކައިވެނި: ދީން ގަބޫލުނުކުރާ އަންބެއް!

ނުހުއްޓި ދުނިޔެމަތީގައި މާތްﷲ އަހަރެން އިމްތިހާން ކުރައްވަމުންދިޔަކަމުގެ އިހުސާސް އަހަންނަށް ކުރެވެއެވެ. ދިރިއުޅުމުގައި ވަފާތެރި ރަނގަޅު ބައިވެރިއެެއްގެ އުންމީދު ކަނޑާލައިގެން ހުންނަތާ އަހަރެއް ފަހުން އަހަރެންގެ ހަޔާތައް ދެން އައީ އަހަރެން އެންމެ ލޯބިވީ މީހާއެވެ. ފުރަތަމަ ނަޒަރުން އޭނާ ދެކެ އަހަންނަށް ލޯބިވެވުނެވެ. އޭނާގެ ރީތިކަމާއި ހިތްހެޔޮ ކަމަށް އަހަރެންގެ ހިތް ލިބެމުންދިޔަ މިންވަރު އަހަންނަށްވެސް އަންދާޒާ ނުކުރެވެއެވެ.

އަހަންނަށް އަޅާލައެވެ. ހުރިހާ ހިތާމައެއްގައި އުފަލުގައި ބައިވެރިވެއެވެ. އަހަރެންގެ ހުރިހާ ކަމެއްގައި އަހަންނާއިއެކު އަތުގައި ހިފައިގެން ހުރި މިންވަރުން ނާކާމިޔާބު ދެ ކައިވެނިން ލިބުނު ހިތްދަތިކަންވެސް ހަނދާން ނައްތާލެވުނެއެވެ. މީހުންގެ މައްޗަށް ގެއްލުނު އިތުބާރުވެސް އަނބުރާ ކުރެވުނުހެން ހީވިއެވެ. ހަޔާތުގައި އަހަރެން އެންމެ ބޭނުންވި ފަދަ ބައިވެރިއެކެވެ.

ދެމީހުން ވެސް އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވީވަރަކީ ގުޅުމަށް އަހަރެއް ނުވަނީސް ކައިވެންޏަކާއި ހަމަޔަށް ދިއުމެވެ. ފޮނި އުންމީދުތަކާއިއެކު ކުރި ކައިވެންޏެކެވެ. އޭރު އަހަރެންގެ އުމުރުން 25 އެވެ. އޭނާގެ އުމުރުން 23 އަހަރެވެ. 

އަހަރެމެން ދެމީހުން ކައިވެނިކުރީ ރަމަޟާން މަހެއްގައެވެ. ކައިވެނީގެ ފުރަތަމަ ދުވަހު ހެނދުނު ހޭލަައިގެން ބޭރަށް ނިކުންއިރު، އަންހެނުންނާއި، އަންހެނުންގެ އާއިލާގެ މީހުން ތިބީ ސައިބޯށެވެ. ރޯމާ ދުވާލު އެގޮތަށް ކާން ތިބިތަން ފެނުމުން މުޅި މީހާއަށް ލިބުނީ ޝޮކެކެވެ. 

އަންހެނުންނަކީ މާލޭ ކުއްޖެކެވެ. މުއްސަދި އާއިލާއެކެވެ. އަހަރެން ހީކުރީ އަހަންނަށް އަންހެނުންނާއި ބެހޭ ހުރިހާ ކަމެއް އެނގޭ ކަމަށެވެ. ނަމަވެސް އެންމެ ބޮޑު ހަގީގަތް އަހަރެންގެ ކުރިމަތީ ފޮރުވިފަައި އޮތްކަމާއި، އޭނާ އާއި ބެހޭގޮތުން ދަސްކުރަން އޮތް ބައިވަރު ކަންކަން އަދިވެސް ވަރަށް ގިނަކަން އަހަންނަށް އެގުނީ އެދުވަހު އެވެ. 

އެދުވަހު އަހަންނަށް އެގުނު ގޮތުގައި އަނބިމީހާއާއި، އޭނާގެ އާއިލާ މީހުންނަކީ އެެއްވެސް ދީނެއް ގަބޫލުނުކުރާ ބައެެއް ކަމެވެ. ކުޑައިރުންސުރެ އެ އަންހެންކުއްޖާވެސް ބޮޑުވަމުން އައީ މަައިންބަފައިންގެ އެ ވިސްނުމުގެ މަތިން ކަމުން އޭނާވެސް ދީނެއް ގަބޫލެއް ނުކުރެއެވެ. ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ދިރިއުޅޭ ދިވެއްސަކަަސް އެމީހުން އިސްލާމްދީނެއްވެސް ގަބޫލުނުކުރެއެވެ. އެއްވެސް އަޅުކަމެއް ނުކުރެއެވެ.

އެހެންކަމުންނާއި، ވިސްނުމުގެ ތަފާތުކަމުން ފަސް އަހަރުފަހުން އަހަރެން އެ ކައިވެންޏާއިވެސް ދުރަށް ދިޔައީއެވެ. އެ ކައިވެނީގައި ހޭދަކުރި އެ ފަސް އަހަރުތެރޭ އަހަރެންގެ އަނބިމީހާއަށް ވިސްނާދެވޭތޯ އަހަރެން ވަރަށް މަސައްކަތް ކުރީމެވެ. ހަމަމަގަށް އެޅުވޭތޯ އެކި ގޮތްގޮތުން މަސައްކަތް ކުރީމެވެ. 

އަނބިމީހާ އަހަރެން ދެކެ ވަރަށް ލޯބިވެއެވެ. އަހަރެންވެސް އޭނާދެކެ ލޯބިވެއެވެ. ދެމީހުންގެ ދެމެދުގައި ހުރި ތަފާތުތަކާއިއެކުވެސް އެކަކު އަނެކަކާއި އަހަރެމެން ޒުވާބެެއް ނުކުރަަމެވެ. އަހަރެންގެ ޝަކުވާތައް އަންނަނީ ކީއްވެކަން އޭނާ ގަބޫލުކުރެއެވެ. އަދި އޭނާގެ އުޅުން އެހެން ހުރީ ކީއްވެކަން އަހަރެންވެސް ގަބޫލުކުރަމެވެ. ނަމަވެސް އޭނާއާއިއެކު އުޅެން އަހަރެން ދެދުނިޔޭގައިވެސް ބޭނުމެވެ. އެކަމަކު އަހަރެން އޭނާގެ އަތުގައި ހިފައިގެން ސުވަރުގެ ވަންނާނީ ކިހިނެތް ހެއްޔެވެ؟ 

ހިތްހަމަނުޖެހުންތަކާއި ކަންބޮޑުވުންތަކުގެ ޝަކުވާ ދަންނަވަން ހުރި ފަރާތަކީވެސް މާތްﷲ ކަމަށްވާއިރު ހަޔާތުގެ އަޑިގުޑަންތަކުގައި އޭނާ ފަހަތުލައިގެން ދުއާ ކުރާނެ ފުރުސަތެއްވެސް އޭނާ ނުދެއެވެ. 

ކިތަންމެ ލޯބިވިޔަސް މިފަދަ ކަންކަމާއި ހުރެ ދިރިއުޅުން ކުރިއަކަށް ނުދެއެވެ. ފަސް އަހަރަށްފަހު ދެމީހުން މަޝްވަރާކޮށް ވަކިވީ އެހެންވެއެވެ.

މިހާރު އަހަރެންގެ އުމުރުން 35 އަހަރެވެ. އިތުރު މީހަކާއި އަހަރެން ނީންނަމެވެ. ހަގީގަތުގައި ރަނގަޅު ގުޅުމަކަށް އިތުބާރެއްވެސް ނެތީއެވެ. ކެހި ލިބިލިބި ވަރުބަލިވީއެވެ. 

ނަމަވެސް ނާކަމިޔާބުވި ތިން ކައިވެނިންވެސް އަހަންނަށް ލިބުނު ވަރަށް މުހިންމު ފިލާވަޅެއް އެބައޮތެވެ. ހަޔާތުގެ ބައިވެރިއަކު އިހުތިޔާރު ކުރަނީ މައިންބަފައިން ވިޔަސް އަދި ހުދު ތިމާވިޔަސް އެމީހަކު ފުރަތަމަ ދަސްކުރަން ފުރުސަތު ދޭށެވެ. މީހާގެ ގޮތް ދެނެގަންނާށެވެ. ވާހަަކަދައްކާށެވެ. 

މީހެއްގެ ގޮތް ސިކުންތަކުންވެސް ދަސްވެދާނެއެވެ. އަދި 10 އަހަރުންވެސް މީހެއްގެ ގޮތް ނޭނގިދާނެއެވެ.

އެޑިޓަރުގެ ނޯޓް:

މި އާޓިކަލްގައި މިވަނީ ދިވެއްސެއްގެ ދިރިއުޅުމުގައި ހިނގި ހަގީގީ ހާދިސާއެކެވެ. ސީއެންއެމްއިން "ހަގީގީ ހާދިސާ" މި ނަމުގައި ގެނެސްދެމުންދާ އާޓިކަލްތަކުގައި ހިމެނޭ މީހުންގެ ޒާތީ މައުލޫމާތުތައް ރައްކާތެރި ކުރުމުގެ ގޮތުން ވާހަކައިގައި އެމީހުންގެ އަސްލު ނަން ނުވަތަ ރަށް ހާމަކޮށްފަ ނުވަނީ އެވެ.

21%
ކަމުގޮސްފި
34%
އަޑުއެހިތާ މިހުރީ
34%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް