ads
އޮރެންޖު ޖޫސް ތައްޓެއް
އޮރެންޖެއް ފަސް ރުފިޔާއަށް، އޮރެންޖު ފަނި ތައްޓެއް 90 ރުފިޔާ އަށް!
މާލޭގެ ބާޒާރުގައި އޮރެންޖެއް ފަސް ރުފިޔާއަށް ލިބެން ހުރި އިރު، ރެސްޓޯރަންޓަކުން އޮރެންޖު ޖޫސް ތައްޓެއް 90 ރުފިޔާއަށް ވިއްކާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.
Advertisement

ސަތޭކަ ޕަސެންޓު "ފްރެޝް އޮރެންޖު" ކަމަށް ބުނެ ވިއްކި ޖޫސްތަށީގެ މައްސަލަ ބޮޑުވެ ސޯޝަލް މީޑިއާގައި ނުރުހުން ފާޅު ކުރި ފަރާތުން ވަނީ އޭނާއަށް ކުރެވުނު ތަޖުރިބާ ހިއްސާ ކޮށްފައެވެ. 

އައިޝާ ކިޔާ ފަރާތަކުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ރޭގެ ވަގުތެއްގައި އޭނާ އާއި އޭނާގެ ކޮއްކޮ ރެސްޓޯރަންޓަކަށް ކާން ދިއުމުން އެމީހުންނާއި ޖެހިގެން އިން މޭޒުގައި ތިބި އަންހެނުން އެމީހުންނަށް ރެސްޓޯރަންޓުން ދިން ބިލު 300 ރުފިޔާއަށް އަރާފައި އިނުމުން ބިލުގެ ތަފްސީލު ބަލައިދިނުމަށް އެދުނު ކަމަށެވެ. 

"އެ މީހުންގެ އޯޑަރުގައި އިނީ، ދެ "ފްރެޝް ފްރުޓް ޖޫސް" (އޮރެންޖު/ލުނބޯ) އަދި އެއް ފެންފުޅި. އިތުރަށް އިނީ އެކްސްޓްރާ އޮރެންޖު އެޅުމަށް އެދިފައި. ބިލުގެ ތަފްސީލްގައި އިނީ އޮރެންޖު ޖޫސް 90 ރުފިޔާއަށް. އެ ވެސް ސާވިސް ޗާޖާއި، ޖީއެސްޓީ ނުލާ. އެކަމާ ގުޅިގެން ތަނުގެ މުވައްޒަފުން ކައިރީ ސުވާލު ކުރުމުން އެމީހުން ވަނީ އެތަނުގެ ވެރި މީހާއަށް ގުޅާފައި. އެއަށް ފަހު އެތަނުގެ މެނޭޖަރާއި އެ ދެ އަންހެނުން ވާހަކަ ދެއްކި. މެނޭޖަރު މިބުނަނީ، ސަރުކާރުން އެ މީހުން އަތުން ފައިސާ (ޖީއެސްޓީ) ނަގާތީ ހެދޭނެ ގޮތެއް ނެތް ކަމަށް ބުނެފައި." އަންހެން މީހާގެ ޕޯސްޓުގައި އޭނާ ބުންޏެވެ.

މީގެ އިތުރުން އެ އަންހެން މީހާ ބުނީ، އެ ދެ އަންހެނުން އެކަމާ މެދު ނުރުހުން ފާޅު ކުރުމުން އެއް އޮރެންޖު ޖޫސް ބިލުން ކަނޑާލަދޭން ރެސްޓޯރަންޓުން އެއްބަސްވި ކަމަށެވެ. 

މިހާ ބޮޑު އަދަދެއް ރެސްޓޯރަންޓުން ނަގަނީ ސަރުކާރަށް ދައްކަން ޖެހޭ ޖީއެސްޓީ އާއި ހެދިކަމަށް އެ ރެސްޓޯރަންޓުން ބުނި ނަމަވެސް، ޖީއެސްޓީ އަކީ ކަސްޓަމަރުންގެ އަތުން ނެގުމަށް ފަހު އެ ވިޔަފާރިއަކުން ސަރުކާރަށް ދައްކާ ފައިސާ އެވެ. އެހެން ކަމުން މިއީ އެހާ ބޮޑު އަގެއް ނެގުމަށް ދެއްކޭނެ ސަބަބެއް ނޫން ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. 

މިކަމާއި ގުޅިގެން "ސީއެންއެމް" އާއި ވާހަކަ ދެއްކި އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ރެސްޓޯރަންޓު ތަކުން ނަގާ އަގުތަކަކީ އެތަނަކުން ނިންމާ ނިންމުން ތަކެއް ކަމަށާއި، އެހެން ކަމުން އެކަމާ މެދު އެޅޭނެ ފިޔަވަޅެއް ގިނަ ފަހަރު ނޯންނަ ކަމަށެވެ. އެހެން ނަމަވެސް އެ މިނިސްޓްރީއަށް މައްސަލައެއް ހުށަހަޅުމުން އެކަން އޮންނަ އުސޫލުގެ ތެރެއިން ބަލަމުން ގެންދާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. 

ބައެއް ރެސްޓޯރަންޓު ތަކުން ތަކެތީގެ އަގު އިންތިހާއަށް ބޮޑު ކޮށްފައި ވާއިރު، އެކަމާއި ގުޅިގެން އިދާރާތަކަށް އެޅޭނެ ފިޔަވަޅެއް ނެތުމަކީ ގިނަ ބަޔަކު ކުރަމުން އަންނަ ޝަކުވާއެކެވެ.

8%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
15%
ސަތޭކައަކުން ސުމެއް
69%
ވަރަށް ސަލާމް
ކޮމެންޓްސް