
މެއި ހައެއްގައި ދިން ނުރައްކާތެރި ހަމަލާއިން ލިބުނު ޒަޚަމްތައް ފަސޭހަވެއްޖެ ކަމަށާއި އެހެންނަމަވެސް ޒަޚަމްތަކުން ލީ ލަކުނު ދުވަހަކުވެސް ނުފިލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އިންޑިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ދޫރްދާޝަން ނިވްސްއަށް ދެއްވި އިންޓަރވިޔުއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިންޑިޔާގެ ޑީޑީ ޓީވީއަށް ދެއްވި އިންޓަރވިޔުގައި ރައީސް ނަޝީދު ވިދާޅުވީ ހަމަލާގައި އެ މަނިކުފާނަށް ލިބިވަޑައިގެންނެވި އަނިޔާތައް މިހާރު ފަސޭހަ ވެއްޖެ ކަމަށެވެ. އަދި އެކަމާ ގުޅިގެން އިތުރަށް ޑޮކްޓަރަށް ދައްކަން ނުޖެހޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ، އަމިއްލަފުޅު ގެކޮޅުން ނުކުމެ ވަޑައިގެން ހިންގަވާފައިވާ ދަނިކޮށް ސައިކަލެއްގައި އެއްޗެއް ހަރުކޮށްގެން ރައީސް ނަޝީދަށް ދިން ނުރައްކާތެރި ހަމަލާއަށް އަހަރެއްވާން ކައިރިވެފައިވާއިރު، އެ ކަމުގެ އަޑީގައި ތިބި މީހުން އަދިވެސް ނުހޯދޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާއަށް ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭން ބޭރުން ފަރުވާ ހޯއްދެވިއެވެ. އެންމެ ފުރަތަމަ އޭޑީކޭ ހޮސްޕިޓަލިގައި ފަރުވާ ހޯއްދެއްވުމަށް ފަހު ރައީސް ނަޝީދު ދެން ވަޑައިގެންނެވީ ޖަރުމަންވިލާތަށެވެ. އޭނގެ ފަހުން އިނގިރޭސިވިލާތުގައިވެސް އެ މަނިކުފާނުވަނީ ފަރުވާ ހޯއްދަވާފައެވެ.