މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި މިއަދު އެމަނިކުފާނު ގައުމާއި މުހާތަބު ކުރައްވާ ދެއްވި ހިތާބުގައެވެ.
އެ މަނިކުފާނުގެ ހިތާބުގައި މި ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށާއި މަސައްކަތްތެރިންނާއި އެ ފަރާތްތަކުގެ އާއިލާތަކާއި، މަސައްކަތްތެރިންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތްކުރާ މުއައްސަސާތަކާއި ޖަމްއިއްޔާ ޖަމާއަތްތަކަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވިއެވެ. އަދި މަސައްކަތްތެރިން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި ގައުމުގެ ކުރިއެރުމާއި ތަރައްގީއަށްޓަކައި މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ރައީސް ގެ ހިތާބުގައި ރާއްޖޭގައި މަސައްކަތްތެރިންގެ ހައްގުތައް ފުރިހަމައަށް ލިބިދިނުމަށްޓަކައި ފުރިހަމަކުރަންޖެހޭ ބައެއް ކަންކަން އަދިވެސް މުޖުމަތައުގައި ހުރިކަން ފާހަގަކުރެއްވިއެވެ. އެ ގޮތުން ކޮންމެ މަސައްކަތްތެރިއަކަށް އެމީހަކު އެ ކުރާ މަސައްކަތުގެ ހައްގު މިންވަރު، ލިބިދެވޭކަން ކަށަވަރުކުރުމާއި މަސައްކަތް ކުރުވުމަށް ފަހުގައި އުޖޫރަ ނުދީ ލަސްކުރުމާއި، ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ނުދިނުމާއި، ފެންވަރު ދަށް ތަންތަނުގައި މުވައްޒަފުން ގެންގުޅުން ފަދަ މައްސަލަތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި ކަންކަމަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދީފައިވާ މިންގަނޑުތަކާއި އަސާސްތަކާ ވެސް ހިލާފު ކަންތައްތައްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި މަސައްކަތްތެރިންގެ ހައްގުތައް ފުރިހަމައަށް ލިބިދިނުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ ބައެއް މަސައްކަތްތަކަށްވެސް އަލިއަޅުވާލެއްވިއެވެ. އެ ގޮތުން، މިދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން، އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ ގާނޫނީ ގޮތުން ލާޒިމްކޮށް ތަންފީޒުކުރަން ފަށާފައިވާކަމާއި ފަތުރުވެރިކަމުގެ ދާއިރާގައި ދޭ ހިދުމަތްތަކުން، މުވައްޒަފުންނަށް ސާވިސް ޗާޖް ދިނުން ގާނޫނީ އޮނިގަނޑުގެ ތެރެއިން ލާޒިމްކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވި އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައިވެސް، އެންމެ މުހިންމު ދައުރެއް އަދާކުރަނީ، ތަފާތު ދާއިރާތަކުން ރާއްޖޭގައި މަސައްކަތްކުރާ މަސައްކަތްތެރިންކަމާއި މަސައްކަތްތެރިކަމުގެ ދާއިރާއަށް އިތުރު ހަކަތަ ފޯރުކޮށްދެވިއްޖެ ނަމަ، ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމުގެ ދުވެލި އެތައް ގުނައަކަށް ހަލުވިވެގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.