ސުކޫލްތަކުގެ ބެލެނެވެރި ފަރާތް ކަމުގައިވާ އޭޑިއުކޭޝަން މިނިސްޓރީން ދިޔައީ ޓީޗަރުން ލިބުމާއި ޓީޗަރުނަށް ވާން ބޭނުންވާ ފަރާތްތަށް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ދުވަހެއް ދުވަހަކަށް ޓީޗަރަކަށް ވާން ޝައުގު ވެރިކަން ހުންނަ ފަރާތްތަށް މަދުވެ ބައެއް ސުކޫލުތަކަށް ރަނގަޅު ޓީޗަރުން ނުލިބޭ ހިސާބަށް ދިޔައެވެ. ހާއްސަކޮށް ރާއްޖޭގެ ކުޑައާބާދީ ތަކުގައި ހުންނަ ސުކޫލު ތަކަށް މި މައްސަލަ ބޮޑުކަން ފާހަގަ ކުރެވުނެވެ.
ސަބަބެއްވެސް އޮތެވެ. ސުކޫލްތަކުގައި ހޭދަވާ ވަގުތުވެސް ގިނައީ އެވެ. މުސާރަ ކުޑައީ އެވެ. މިއީ ސުކޫލުތަކުން ކިޔަވައިގެން ނުކުންނަ ދަރިވަރުން ޝަކުވާ އަކަށް ވިކަމެކެވެ.
" އަހަރެން ގުރޭޑް އަށެއް، ނުވައެއްގަ އުޅުނު އިރު ވަރަށް ބޮޑަށް ޓީޗަރަކަށް ވާން ބޭނުންވި. އެކަމަކު ފަހުން ވިސްނުނީ ސުކޫލުގައި ވަރަށް ގިނައިރު ހޭދަކުރަން ޖެހޭ ކަން. އެކަށީގެންވާ ވަރުގެ މުސާރައެއް ނުލިބޭ ކަން. ކަމެއް ވެއްޖިއްޔާ ބެލެނެވެރިންގެ ކަންތައް ވެސް އެހާ ބޮޑުކަން،" ސުކޫލު ނިންމި ދަރިވަރަކު ބުންޏެވެ.
ރާއްޖޭގެ ސުކޫލު ތަކުގެ ހާލަތު ދިޔައީ ދުވަހެއް ދުވަހެއް ދަށްވަމުން ނެވެ. ސަރުކާރާއި އެޑިއުކޭޝަން މިނިސްޓްރީން އަޅާލި ނަމަވެސް މި މައްސަލަ އަށް ހައްލެއް ލިބޭނެ އެއްވެސް ކޮޅެއް ނުފެނި ސުކޫލުތަކުގެ ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުވާތަނެއް ނުފެނެއެވެ. ޓީޗަރުން ލިބުމުގެ ދަތިތަކާއި ހެދިއެވެ.
މި ފާހަގަ ކުރި ގޮތަށް ތައުލީމީ ދާއިރާ ހީނަރު ވަމުން ސަރުކާރަކަށްފަހު ސަރުކާރެއް ބަދަލު ވަމުން ދިޔައެވެ. މުސާރައިގެ ކަންކަމަށް މާބޮޑު އަޅާލުމެއް ދެވިފައެއް ނެތެވެ.
ނަމަވެސް މޭ އެކެއް 2022 ވީ އާދިއްތަ ދުވަސް ވެގެން ދިޔައީ ދިވެހި ޓީޗަރުންނަށް ބަހާރު މޫސުމެއް އައިފަދަ ދުވަހަކަށެވެ. ކުޑައީދު ދުވަހާ ވެސް ދިމާކޮށް ދިވެހި ރާއްޖޭގެ ރައީސް ވަނީ ދިވެހި އެންމެހާ ޓީޗަރުންނާއި، ތައުލީމީ ދާއިރާގައި އުޅުއްވާ އެންމެހާ ފަރާތްތަކަށް އީދު ހަދިޔާ އެއް ދެއްވާފައެވެ. މުސާރަޔާއި އިނާޔަތްތަކަށް ގެނައި ބޮޑުބަދަލެވެ.
ޓީޗަރުން އުވާވެރި މޫނަކާއި އެކު:
ރައީސް ދެއްވި އީދު ހަދިޔާ ޓީޗަރުން އުފަލާއި އެކު ބަލައިގަތެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފޭސްބުކު ޕޭޖުގައި ޓީޗަރުންނާއި ޕްރިންސިޕަލުންވަނީ އެބޭފުޅުންގެ ހިތުގެ ޝުއޫރު ތައް ހިއްސާ ކޮށްފައެވެ. ޓީޗަރަކު ވިދާޅުވިއެވެ.
"ޓީޗަރުންނަކީ ލިބޭ މުސާރަ އަކަށް ބެލުމެއްނެތި އުނގަންނައި ދިނުމުގެ މަސައްކަތާއިގެން ގިނަވަގުތު ތަކެއް ހޭދަ ކުރަމުންދާބައެއް. މުދައްރިސުންގެ މުސާރައިގެ އޮނިގަނޑަށް މި ގެނެވުނު ހެޔޮ ބަނދަލަށްޓަކާ އިއްޒަތްތެރި ރައީސަށް ނުހަނު އިހުލާސް ތެރި ކަމާއެކު ޝުކުރު ދަންނަވަން. މިގެނައި ހެޔޮ ބަދަލުގެ ސަބަބުން ޝައުުގުވެރިވާ ހުނަރުވެރި ޒުވާނުންތަކެއް އިތުރުވެގެންދާނެ ކަމަށް ގަބޫލު ކުރެވޭ" މިއީ ޓީޗަރެއްގެ ޝުއޫރެވެ.
އަދި ހަމަ އެއާއެކު އެހެން ޓީޗަރަކު ވިދާޅުވެފައި ވެއެވެ. " މިއަދަކީ އަޅުގަނޑުގެ ޓީޗިން ކެރިއާ އަށް އައި ވަރަށް އުފާވެރި ދުވަހެއް. މިއަދު އަޅުގަނޑަށް އިހުސާސް ކުރވެނީ އަޅުގަނޑުމެންގެ އިހުސާސް އަޑު އަހާ އަޅުގަނޑު މެންގެ އަގު ބަޔަކު ވަޒަން ކޮށްފިކަން." ބާރަށު ސުކޫލްގެ ޓީޗަރެއް ވިދާޅުވިއެވެ.
ތައުލީމީ ދާއިރާގެ މުއައްޒަފުންގެ މުސާރައަށް އައި ހެޔޮ ބަދަލާއި ގުޅިގެން އައްޑޫ ހައި ސުކޫލުގެ ލީޑިން ޓީޗަރު ހައްވާ ލީޝާ ފަހުމީގެ ޝުއުއޫރު ތައް ވެސް ހަމަ އެހާ ފުރިހަމައެވެ.
ހަމަ މި އުފާވެރި ކަމުގައި އެތައް ޓީޗަރުންނާއި އެތައް ޕްރިންސިޕަލުންނެއް އެބަތިއްބެވެ. ޓީޗަރުންނާއި ތައުލީމީ ދާއިރާގެ އެތައް ބައެއް ރައީސްގެ މި އުފާވެރި އީދު ހަދިޔާ އުފަލާ އެކު ބަލައިގަތް އިރު، އައްޑޫ ސިޓީ ހިތަދޫ ސުކޫލުގެ ޕްރިންސިޕަލް ޑރ. އާސިޔަތު މުހައްމަދު ދީދީގެ ޝުއޫރުވެސް ތަފާތެވެ. އުއްމީދީ އޮއިވަރެއްގެ މަލަތިން އުފާވެރިކަން ލިބިގަންނަ ކަމުގެ އިހުސާސް ތަކާއި އެކުގައެވެ.
ޓީޗަރުންނާއި ތައުލީމީ އިދާރާ ތަކަށް އުފާވެރި ކަމުގެ ބަހާރު މޫސުމެއް އަތުވެއްޖެއެވެ. ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ތިބި ޓީޗަރުންގެ ހިތުގެ ޝުއޫރަކީ އެއް ޝުއޫރެކެވެ.
ރާއްޖޭގައި އެންމެ ބުރަ ޒިންމާއެއް އަދާ ކުރާ ބަޔަކީ ޓީޗަރުން ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ޓީޗަރުންނަށް މިއަދާ ހަމައަށް ވެސް ލިބެނީ އެކަށީގެންވާ އުޖޫރައަށް ވުރެ ކުޑަ އުޖޫރައެއް ކަމަށެވެ. އަދި މުސާރައަށް ގެނައި ބަދަލަކީ މުވައްޒަފުން ބަލައިގަންނާނެ ބަދަލަކަށް ވާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ތައުލީމީ ދާއިރާއަށް ބޮޑު ސަމާލުކަމެއް ދެނީ ވިސްނުން ތޫނު، އިލްމީ، ހެޔޮ ލަފާ ޖީލެއް ބިނާ ކުރުމަށް ކަމަށެވެ. މި ކަމުގައި ޓީޗަރުންނާއި އެ ދާއިރާގެ އެންމެހާ މުވައްޒަފުންގެ އަގު ސަރުކާރުން ވަޒަން ކުރާ ކަމަށް ވެސް ރައީސް ވިދާޅު ވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގައި އިންސާނީ ވަސީލަތް ބިނާ ކުރުމަށް އެންމެ ބުރައެއް އުފުލަނީ ޓީޗަރުންނެވެ.