
ސީއެންއެމްއަށް މައުލޫމާތުދެއްވައި ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ޕީޕީއެމްގެ އޮފީހަށް ފުލުހުން ދަންވަރު ވަންނަންޖެހޭ އެއްވެސް ސަބަބެއް އޮތްކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި މިކަމަކީ އިންޑިޔާ ހައިކޮމިޝަނަރު އަޑީގައި ހުރެގެން ހިންގާ ޖަރީމާތެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ހީނާ ވިދާޅުވީ އެޕާޓީން ކުރިއަށްދާ"އިންޑިޔާ އައުޓު" ހަރަކާތް ހުއްޓުވައި އެކަން ވީޓޯ ކުރުމަށް ސަރުކާރާއި، އިތުރު ފަރާތެއްގެ އިންޒާރުވެސް ލިބެމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ މިކަންކަން ނުހުއްޓާނެ ކަމަށޭވެ.
ހީނާ ވިދާޅުވީ ރައީސް އަބުދުﷲ ޔާމީން ސައިޒު ކުރާނެކަމުގެ ވަރުގަދަ އިންޒާރެއް މޯލްޑިވްސް ޔޫތު ފޯސް އިން ދީފައިވާތީ އެކަން ބަލައިދިނުމަށް ފުލުހުންނަށް ހުށައެޅުމުން ފުލުހުންގެ ޓީމަކުން ކޯޓު އަމުރެއްގެ ދަށުން އެޕާޓީގެ އޮފީހަށް ވަދެ އޮފީހުގައި ދަމާފައިހުރި ބެނާވެސް ނަގާފައިވާ ކަމަށެވެ.
ހިޔާލު ފާޅުކުރުމުގެ މިނިވަންކަންވެސް ނެތްކަން ފާހަގަކުރައްވަމުން ތަރުޖަމާން ވިދާޅުވީ މީގެ ކުރިންވެސް ދެފަހަރެއްގެ މަތިން ރައީސް ޔާމީނަށް އިންޒާރުދިން މައްސަލަ ފުލުހުންނަށް ހުށައެޅި ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް މި އިން އެއްވެސް މައްސަލައެއް ބަލައިދީފައި ނުވާ ކަމަށެވެ.
ސީއެންއެމްއަށް ކޮޕީ ލިބިފައިވާ މި ކޯޓު އަމުރުގައި ބުނެފައިވަނީ " ހ.ހުރަފަ ގޭގެ އިމާރާތުގެ ބޭރުގައި އާންމުކޮށް ފެންނާނެހެން އިންޑިޔާ އާއި ދެކޮޅަށް ހާމަވާފަދަ ގޮތަކަށް އިންޑިޔާގެ ގައުމީދިދައިގެ ކުލަތަކާޢި، ނިޝާންތައް ބޭނުންކޮށްގެން އިންޑިޔާގެ ގައުމީ ދިދަ އާއި ދާދި އެއްގޮތަކަށް ތައްޔާރުކޮށްފައިވާ ބެނާއެއްގައި "Out" ލިޔެ ހަރުކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެއް" ކަމަށެވެ.