ads
ހަގީގީ ހާދިސާ
ހަގީގީ ހާދިސާ: އިންސާނެއްގެ ސިިފައިގައި ހުރި މަހްލޫގް
މިއީ މީގެ އަހަރުތަކެއް ކުރިން ހިގި ހަގީގީ ހާދިސާ އެކެވެ. ވެލާ ބިސްނަގަން ފޯރިގައި ދަންވަރު ރަށުގެ ތުޑީކޮޅަށް ދިޔަ ފިރިހެނަކަށް ދިމާވި ބިރުވެރި ހާދިސާއެއްގެ ވާހަކަ އެކެވެ.

އެއީ ދެހާހުގެ އަހަރުތަކުގެ ކުރީ ކޮޅެވެ. ޒާހިރު އާއި އޭނާގެ އެކުވެރި އިދުރީސް ދެމީހުން ދޯންޏެއް ބަނެވެ. އެދޯނީގައި އެދެ މީހުން، ރަށުގެ އިތުރު މީހުން ގޮވައިގެން މަހަށް ދާން ފެށިއެވެ. ކަނޑުމައްޗަށް ފޯރި ހުންނަ މި ދެމީހުން އަނބަދު މަސައްކަތަކީ މަސްބޭނުމާއި ދޫނި ހިފުމެވެ. މަސްވެރިކަން ރަނގަޅު ނޫން ދުވަސްކޮޅެއް ވެއްޖެ ނަމަ ފަޅު ރަށް ރަށް ދޫނި ހިފަން މިދެމީހުން ދެއެވެ.

މަސްވެރިކަން ކުރުމުގެ އިތުރުން ރަށުގައި ތިބޭ ދުވަސްވަރު ދޫނި ހިފުމާއި، ވެލާ ބިސް ނަގަން ހޭލާ އުޅުމަކީ ދެމީހުންގެ އާންމު ކަމެކެވެ. އެގޮތަށް ބައްޕަ އުޅުމުގެ ތެރޭގައި ދިމާވި ބިރުވެރި ހާދިސާ އެއް "ސީއެންއެމް" އަށް ޒާހިރުގެ ދަރިއަކު ކިޔައިދިނެވެ.

އަޒުހާން ބުނީ ބައްޕަ އެގޮތަށް ބޭރުގައި އުޅޭ މަންމަ ހުންނަނީ ބައްޕަގެ އެކުވެރި އިދުރީސް ދެކެ ރުޅި އައިސްފަކަމަށެވެ ސަބަބަކީ ބައްޕަ އަށް މަންމަޔާއި އަހަރުމެންނާއެކު ހޭދަވާ ވަގުތުވެސް ކުޑަކަމުންނެވެ. ހަފްތާގެ ކޮޅަށް މަހަށްގޮސްފައި އައިސް ގެއަށް ވަދެ ފެންވަރައިގެން، އެއްޗެއް ކާކަށް ވެސް ބައްޕަ ގިނަދުވަސް ދުވަހު ގޭގައި މަޑު ނުކުރާ ކަމަށެވެ.

"ގެއަށް އައިސް ވެސް ވަދެވުމާއެކު ދެންދާނީ އިދުރީހާ އެކު ދޫނި ހިފަން. ގެންނަ ދޫނި ބަހައްޓަނީ ބަދިގޭގެ އަސްކަނި ދަށުގައި ކޮއްޓެއް ހަދާފް. ބައްއެއް ދޫނިތައް ވިއްކާވެސް ހަދާ. ބައްޕަ ގޭގައި މަޑުނުކޮށް އަނބަދު ބޭރު ތެރޭގައި އުޅެމުންދާތީ އެންމެ ފަހުން ބައްޕައާި ވަރަށް ޒުވާބު ވެސް ކުރާނެ،" ޒާހިރުގެ ދަރިފުޅު އަޒުހާން ބުންޏެވެ.

މި ބުނާ ހާދިސާ ހިނގިރޭ މަންމަ ހުރީ ބައްޕަ ގެއަށް އަންނަން ދެން ނުނިދާ މަޑު ކޮށްގެން ކަމަށާއި، ނަމަވެސް ކުދިންގެ ކަންތައަތަކުގައި އަވަދި ނެތި އުޅެމުން ދަނިކޮށް އެރޭ ނިދުނު ކަމަށް އަޒުހާން ބުންޏެވެ. ގޭގެ އަސްކަނި ދަށުގައި ހުރި އުނދޯލީގައި އޮއްވާ މަންމަ އަށް ލޯ މަރާލެވުނެވެ. ލޯމަރާލެވުނުތަނާ މީހެއްގެ ހިޔަންޏެއް އުނދޯލި ކުރިމަތިން ހުރަސް ކޮށް ދިޔަ ހެން މަންމަ ހީވި ކަމަށް މަންމަ ބުންޏެވެ.

ފުރަތަމަ އެގޮތަށް ފެނުމުން މަންމަ ފުންމަައިގެން  ތެދުވިއެވެ. އެއީ ހީވި ހީވުމެއް ކަމަށް ނިންމާފައި އަނެއްކާވެސް މަންމަަ އޮށޯތެއެވެ. ކުއްލިއަކަށް އެހެން އޮއްވާ މަންމަ ބުނީ މަންމަ އަށް ފެނުނީ  ބަދިގޭ އަސްކަނި ދަށުގައި ބަހައްޓާފައި ހުރި ދޫނިތައް ކޮށި ކައިރިން އަންހެނަކު ދިޔަ ތަން ކަމަށެވެ.

މަންމަ ބުނީ އެހާ ހިސާބުން ރަނގަޅަށްވެސް ބިރުގަތް ކަމަށެވެ. ކުޑަމަންޖެ ކިހިލީގައި ޖަހައިގެން މަންމަ ގޭތެރެއަށް ވަނެވެ. ކޮޓަރިއަށް ވަދެ އެނދުގައި އޮށޯނަން އުޅުނުތަނާ ބައްޕަ ގެއަށް އައެވެ.

ބައްޕަ ގެއަށް އައިސް ވަނުމުން މަންމަ ހިންހަމަ ނުޖެހިގެން ސުވާލުކުރިއެވެ. "ކޮންތާކު އުޅެފައި ތި އައީ. އެއްކަލަ އިދުރީހާއި އެކު ދޫނި ނަގަން ގޮއްސަދޯ،" ބައްޕަ ބޭރަށް ނުކުމެ ގިއްފިއްޔަށް ވަނެވެ. ފެންވަރައިގެން އައިސް ނިދަން އޮށޯތެވެ. 

"މަންމަ އަޑުގަދަ ކުރަން ފެށުމުން ބައްޕަ ބުނީ ކީއްވެހޭ އަޑުގަދަތި ކުރަނީ މިރޭ މީ ވެލާ އަރާ ރެއޭ އިރުކޮޅަކުން އިދުރީސް އަންނާނެޔޭ ހޯދަން. އެކަމަމު އޭނަ ކައިރީގައި ނުވެސް ބުނަމޭ މިރޭ ހޯދަން އަންނާށޭ." އެހެން ނަމަވެސް ދޮރުގައި ޓަކި ދީފިއްޔާ ދޭނީ އޭނަ ކަމަށްބުނެފައި ބައްޕަ ނިދީ ކަމަށެވެ.

އެހެން ބުނުމަށްފަހު ބައްޕަ ގަދަޔަށް ނިދީއެވެ. އޭގެ ބައި ގަނޑި އިރު ފަހެވެ. ކުއްލިއަކަށް ދޮރުގައި ބާރަށް މީހަކު ޓަކި ޖަހާލިވެ. ބައްޕަ އެއަޑަށް ފުންމައިގެން ތެދުވެ ދޮރު ހުޅުވިއެވެ. "އާ އިދުރީސްދޯ،" އޭ ބުނެ ބައްޕަ ކޮޑުގައި ގަމީސް އަޅުވައިގެން އިދުރީހާ އެކު ވެލާ ބިސްނަގަން ދިޔައެވެ.

ހެދުނު އިރު އެރި އިރުވެސް ބައްޕަ ގެއަކަށް ނާދެއެވެ. ބައްޕަ ދިޔަ ސަރަހައްދު ހޯދަމުން ދަނިކޮށް ބައްޕަ ފެނުނެވެ. ރަށުގެ ތުޑިމަތީގައި ބައްޕަ އޮތީ ހޭނެތިފައެވެ. ބައްޕަ ގެއަށް ގެނެސް ފެން އަޅާ ފަންޑިތަ ކިޔަވާ ބައްޕަ ހޭވެރިކަން ވުމުން ކަންވެގެން ދިޔަ ގޮތް ކިޔައި ދިނެވެ. 

ބައްޕަ ބުނީ ރަށުގެ ތުޑީކޮޅާ ހަމަޔަށް ދެވުނު އިރުވެސް އިދުރީސް އަގައިން ބަހެއް ނުކިޔާ ކަމަށެވެ.

"މިއަދު ވަރިހަމަ އޭ ދުވަހަކު ކަލޭ ބަހެއް ނުކިޔަސް ބިސް ނެގުނީމަ ނިމުނީއޭ. މާދަމާ ވެލާބިސް ފޮޅި ވެސް އަޅާނަމޭ. ވެލާބިސް ބޯކިބާ ވެސް އަޅާނަމޭ. ވެލާ ބިހުން ބިސްގަނޑުވެސް އަޅާނަމޭ،" ބައްޕަ ބުންޏެވެ.

ވެލާ ބިސް ވަޅުގަނޑު ކޮންނަމުން ބިސް ނަގަމުން، ވާހަކަ ދައްކަމުން ދިޔައިރުވެސް އިދުރީސް ހުރީ ބަހެއް ނުކިޔާ ކަމަށެވެ.

ހުރިހާ ބިހެއް ނެގުމަށްފަހު ބައްޕަ ބުނީ ކޮޅަށް ތެދުވި ކަމަށާއި، ފެނުނު މަންޒަރުން މޭގަނޑު އަތަށް އައި ކަމަށެވެ. 200 ބިސް ވަޅުގަނޑުން ނެގިކަމަށާއި، ބައްޕަ ބަލަން ހުއްޓާ ފަހަރަކު ބިހެއް ބޯލަމުން ގޮސް އިދުރީސް 200 ބިސް ބޯލި ކަމަށެވެ.

އެހާ ހިސާބުން އެއީ އިންސާނެއް ނޫން ކަން ޔަގީން ކުރެވުނު ކަމަށް ބައްޕަ ބުންޏެވެ. އެއީ ކަނޑު ފުރޭތައެއް ކަމަށެވެ. ބިސްތައް ބޯލުމަށްފަހު ބައްޕަ ބަލަން ހުއްޓާ އިދުރީސްގެ ސިފައިގައި ހުރި ފުރޭތަ މޫދަށް އެރި ދިޔަ ގޮތަށް ކަނޑަށްގޮސް ފުރޭތަ ގެއްލުނު ކަމަށެވެ.

ބައްޕަ އަށް ފަންޑިތަ ހެދިމީހާ ބުނީ ކަނޑު މައްޗަށް ނޭރުމަށެވެ. އެދުވަހަށްފަހު ބައްޕަ ކަނޑު މައްޗަކަށް ނާރައެވެ.

25%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް