
ސެބަސްޓިއަން ޕޮލިސް ޑިޕާޓްމަންޓުން ބުނާ ގޮތުގައި މާރިސް ހޮސްކިންސް ނަމަކަށް ކިޔާ މި އަންހެން މީހާގެ ހަށިގަނޑު ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ވެލްފެއާ ޗެކެއް ހެދުމަށް ފުލުހުން އޭނާގެ ގެއަށް ދިޔަ ފަހުންނެވެ.
ދިގު މުއްދަތެއް ވަންދެން ހޮސްކިންސް ނުފެންނާތީ އަވަށްޓެރިން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ސެބަސްޓިއަން ގެ ފުލުހުން ބުނީ އެ އަންހެން މީހާ އަށް ގުޅަން ކުރި މަސައްކަތް ނާކާމިޔާބުވުމުން، އޮފިސަރުން ވަނީ ރަށުން ބޭރުގައި ހުރި އާއިލީ މެމްބަރެއްގެ އަތުން ގޭގެ ތަޅުދަނޑި އެއް ހޯދައިފައި ކަމަށެވެ.
އެ ގޭގެ އެތެރެއިން ފުލުހުންނަށް ހޯސްކިންސްގެ 64 އަހަރުގެ އަންހެން ދަރިފުޅު ފެނިފައިވާ ނަމަވެސް އޭނާ އަށް މަންމަ ނުފެންނަ ކަމަށް ބުނެފައިވެއެވެ.
މިސިޒް ހޮސްކިންސް ގެ ހާލު ބެލުމަށް ޓަކައި އޮފިސަރުން ގޭގެ ބާކީ ބައި ޗެކް ކުރިއިރު، މަރުވެފައިވާ މީހެއްގެ ހަށިގަނޑު ގަރާޖު ތެރޭގައި ހުރި ބޮޑު ފްރީޒަރެއްގެ ތެރޭގައި އޮތް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ އެ އަންހެން މީހާގެ އަންހެން ދަރިފުޅު އަމިއްލަ އިހުތިޔާރުގައި ފުލުހުންގެ ޑިޕާޓްމެންޓަށް ސުވާލުތައް ކުރުމަށް ދިޔަ ކަމަށެވެ. އޭގެ ފަހުން ފުލުހުން ވަނީ ވޮރަންޓެއް ހޯދައި ހަށިގަނޑު ގެއިން ނެރެ، އެހެނިހެން ހެކިތައް ވެސް އެއްކޮށްފައެވެ.
އެ އަންހެން މީހާ މަރުވި ސަބަބެއް އަދި ހާމަކޮށްފައި ނުވާއިރު ހޯމަ ދުވަހުގެ ރެއާ ހަމައަށް އެއްވެސް ދައުވާއެއް އުފުލާފައެއް ނުވެއެވެ.