
އިންސާނުންނަށް ނޭނގޭނެ އެތައް ކަމެއް ދުނިޔެ މަތީގައި ވާއިރު އޭގެ ތެރެއިން އެއް ކަމަކީ ބަލިމަޑުކަމަކާއި އިންސާނާ ކުރިމަތިލާން ޖެހޭނީ ކޮންއިރަކު ކޮން ވަގުތެއްގައި ކަމެއް ނޭނގުމެވެ. ދުފުމާއި ސިގިރޭޓް ބުއިމަކީވެސް ގިނަ ދިވެހީންގެ އާދައެކެވެ. ބައެއް މީހުން ބުނަނީ އެއީ އެޑިކްޓުވާ ކަމެއް ކަމަށެވެ. ހުއްޓާނުލެވެނީ ކަމަށެވެ.
ލ. އިސްދޫ ފޮނިތުޅާގޭ އުމުރުން 49 އަހަރުގެ އަބުދުލްޝަކޫރު މުސާ އަކީވެސް ވަރަށް ގަދަ އަށް އެކަމުގެ ފޯރި ގެންގުޅުނު މީހެކެވެ. ބަލިވުމުގެ ކުރީގެ ޝަކޫރުގެ ދިރިއުޅުމަށް ބަލާއިރު، އޭނާ އަކީ އޭނާގެ އަނބިދަރިންގެ ކަންތައް ބެލެހެއްޓުމާއި އަމިއްލަ ފުދުން ތެރި ދިރިއުޅުމަކަށް ބޯޓު ދަތުރު ކުރި ހިތްވަރުގަދަ މާލިމީ އެކެވެ.
ޝަކޫރަކީވެސް ދަތުރު މަތީގަޔާއި ބިޒީ ވަގުތު ތަކުގައި އަނގަ މީރު ކޮށްލުމަށް އާންމު އެހެން ގިނަ ދިވެހިންނެކޭ ވެސް އެފަދައިން ސިގްރެޓް ބުއިމުމާއި ދުފުމަށް ފޯރި ހުރި މީހެކެވެ. ނޭނގިހުރެ ނުރައްކާތެރި ކެންސަރުގެ ތެރެއަށް އޭނާ ވެއްދީ ދުފުމާއި ސިގިރޭޓު ބުއިމުގެ ނުރަނގަޅު އާދަ ކަމަށް ޝަކޫރު ގަބޫލުކުރެއެވެ.
ޝަކޫރު އޭނާގެ ބަލީގެ ހާލަތު "ސީއެންއެމް" އަށް ހިއްސާކުރަމުން ބުނީ، ނުރައްކާތެރި ކެންސަރު ބަލީގެ އަޅަކަށްވާން މަޖުބޫރު ވެފައިވަނީ ނޭނގިހުއްޓާ މީގެ ދެތިން އަހަރު ކުރިން ކަމަށެވެ.
ޝަކޫރު ބުނީ އޭނާ ކައްޕިކަމުގައި ދުއްވި ބޮޑު ދޯންޏެއް (ކަމުގައިވާ ދޮންދޫނި 2) ދުއްވި ދުވަސްވަރު އަގައިގައި ގަދަޔަށް ފާރު ހުންނާތީ ޑޮކްޓަރަށް ދައްކަން މާލެ ދިޔަކަމަށެވެ. އެގޮތުން އެއްފަހަރަކު މާލޭގެ ކުލިނިކަކަށް ދެއްކި ކަމަށް ޝަކޫރު ބުންޏެވެ.
ލ. އިސްދޫ ފޮނިތުޅާގޭ އަބުދުލްޝަކޫރު މުސާ ބަލިވުމުގެ ކުރިން..( މީގެ ދެތިން އަހަރު ކުރި)
ދެރަވިޔަސް ކުރާނެ ކަމެއް ނެތް ކަމަށް ބުނެ ޝަކޫރު ބުނީ ބޭސް ފަރުވާ އަށް ޓްރީޓޮޕް ހޮސްޕިޓަލަށް ދިޔަކަމަށާއި، ސާމްޕަލް ނެގުމަށްފަހު އިންޑިއާއަށް ފޮނުވައިގެން 14 ދުވަހުން ނަތިޖާ ލިބުނު އިރު، ކެންސަރު ޖެހިފައި ހުރި ކަން ކަށަވަރުވި ކަމަށެވެ. ދެން އެހާ ހިސާބުން ޑޮކްޓަރުގެ ލަފާގެ މަތިން އިންޑިއާއަށް ދިޔަ ކަމަށެވެ. ނަމަވެސް އެކޮޅުންވެސް ލިބުނީ ހަމަ އެއްޖަވާބެއް ކަމަށް ޝަކޫރު ބުންޏެވެ.
މީގެ އިތުރުން ޝަކޫރު ބުނީ، އިންޑިއާގެ އާރުސީސީ ހޮސްޕިޓަލުން ރޭޑިއޭޝަން ދިނުމަށްފަހު، ތިންމަސް ފަހުން އަންނަން ބުނެ، ރާއްޖެ އަނބުރާ ފޮނުވާލި ކަމަށާއި، ނަމަވެސް ހަމަ އެފާރުގަނޑު ދިޔައީ ބޮޑުވަމުން ކަމަށެވެ. ދެން އާސަންދަ ނުލިބުމާއި ހުރި އެހެނިހެން ދަތިތަކާއި ހެދި އަނބުރާ އިންޑިއާ އަށް ނުދެވި އައިޖީއެމްއެޗް އިން ފަރުވާ ހޯދަމުން ދިޔައީ ކަމަށް އޭނާ ބުންޏެވެ.
ފަރުވާ ހޯދަމުން ދިޔައިރުވެސް މާބޮޑު ކުރިއެރުމެއް ބައްޔަށް ނުލިބުނެވެ. އެހެން ނަމަވެސް ޑޮކްޓަރުންގެ ލަފާގެ މަތިން ފަރުވާގެ ކަންކަން ކުރިއަށް ގެންދިޔަ އިރުވެސް ފާރުގަނޑު ދިޔައީ ބޮޑުވަމުންނެވެ.
ލ. އިސްދޫ ފޮނިތުޅާގޭ އަބުދުލްޝަކޫރު މުސާ..
ޝަކޫރު ބުނީ، އެދުވަސްކޮޅު ކޮވިޑުގެ ކަންތަކާއި ހެދި އަނެއްކާވެސް އިންޑިއާ އަށް ނުދެވި ތާށިވި ކަމަށާއި، މާލޭގައި ވެސް މަޑުކުރެވެން ނެތިގެން ރަށަށް ދިޔައީ ކަމަށެވެ.
ކެންސަރަށް ފަރުވާ ހޯދުމަށް މިވަގުތު އިންޑިއާގައި ހުރި ޝަކޫރާއި ވައިބާއިން ވާހަކަދައްކަމުން ދިޔައިރު އަޅުގަނޑަށްވެސް ޝަކޫރުގެ ހާލަތު ވަރަށް ސާފުކޮށް ފެނުނެވެ. ދަތްތަކާއި ތައްޔާއި، ހިރުގަނޑާއި، ލޯ ކަށިގަނޑު އެކޮށް އޮޕަރޭޝަނަށް ނަގާފައިވާއިރު، މޫނުގެ އޮޕަރޭޝަނަށް ފައިގެ ފަލަމަސްގަނޑުންވެސް ވަނީ މަސް ނަގާފައެވެ.
ލ. އިސްދޫ ފޮނިތުޅާގޭ އަބުދުލްޝަކޫރު މުސާ.. ވައިބާ ވީޑިއޯ އިން ދެއްކި، މޫނުމަތީގެ ހާލަތު
ޝަކޫރު އިންޑިއާގައި ހުންނަން ޖެހިފައިވާތާ އަހަރަކާއި ގާތް ވެއްޖެއެވެ. ނިމިދިޔަ އަހަރު ރަމަޟާން މަސް ނިމި ހަރޯދައިގައި އިންޑިއާ އަށް ދިޔަގޮަތަށް އިންޑިއާގައި މަޑު ކުރަން ޖެހިފައިވާ ޝަކޫރު ބުނީ އިތުރަށް ފައިސާ ލިބޭނެ މާބޮޑު ގޮތެއް ވެސް ނެތް ކަމަށެވެ. އާސަންދަ ލިބުުނު ނަމަވެސް ބައެއް ބޭސްތައް ގަންނަންވެސް ޖެހޭ ކަމަށެވެ. އިންޑިއާގައި ގިނަ ދުވަހަށް ހުންނަން ޖެހުމުގެ ސަބަބުން މާލީހާލަތު ވަރަށް ދަށްވެފައިވާ ކަމަށް ވެސް އޭނާ ބުންޏެެވެ.
ޝަކޫރުގެ އޮޕަރޭޝަން ނިމި ރާއްޖެ ދިއުމުގެ ހުއްދަ ޑޮކްޓަރު ދެއްވާފައިވީނަމަވެސް ތިންމަސް ފަހުން ޓެސްޓްތަކެއް ހެދުމަށް އަންނަން ޖެހޭތީ އޭނާ އަދިވެސް ހުރީ އިންޑިއާގައެވެ. ހުންނަ ތަނުގެ ހަރަދާއި، ނަގަންޖެހޭ ބޭސްފަރުވާގެ ހަރަދަށް ބަލާއިރުވެސް މާލީ އެހީތެރިކަން ޝަކޫރަށް ވަނީ ވަރަށް ބޮޑަށް ބޭނުންވެފައެވެ. ޝަކޫރު އެދެނީ ފައިސާގެ ގޮތުން އެހީ ދެވެން ނެތް ފަރާތްތަކުން ވެސް އެނާ އަށް ހެޔޮ ދުއާ ކޮށް ދިނުމަށެވެ.
ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅައިގެން އެހީގެ ކަންކަން ކުރިއަށް ގެންދިއުން އެދެމެވެ.
- ގުޅޭނެ ނަމްބަރު: 7447706(އަބުދުއް ޝަކޫރު)
- އެކައުންޓް ނަމްބަރު: ބީއެމްއެލް ދިވެހި (7730000050785) އައިމިނަތު ޒުމްރާ