މި މައްސަލަ އާއި ގުޅިގެން އޭނާ ހައްޔަރުކޮށް އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މަޑިފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އޮތީ އަމުރު ކޮށްފަ އެވެ.
ގަޔަށް ވަޅި ޖެހުމުގެ ކުރިން އެދެމީހުން ތިބީ މަގުމަތީގައި ވާހަކަދައްކާށެވެ. ރަޝީދު ބައިސިކަލްގައި އިން އިރު ބައިސިކަލްގެ ހުއްޓުވައިގެން އިނީ އެމީހަކާއި ވާހަކަދައްކަން ކަމަށް ބެލެވެެއެވެ.
އިރުކޮޅެއް ނުވެ ކުއްލިއަކަށް ރަޝީދަށް ހަމަލާދޭ މަންޒަރު ފެނެއެވެ. ހަމަލާދޭން ފެށުމުން އެމަގުގެ އެއްއަރިމަތީ ހުރި ފާރުބުޑަށް ރަޝީދު ވެއްޓި ސަލާމަތްވާން މަސައްކަތް ކުރާތަން ފެނެއެވެ. ނަމަވެސް އެއްވެސް ރަހުމެއްނެތި ތަކުރާރުކޮށް އެތައް ފަހަރަކު ބިންމަތީ އޮތް ރަޝީދުގެ އެތައް މިތަނަށް ބާރަށް ވަޅި ހަރާތަން އެ ވީޑިއޯއިން ފެނެއެވެ.
މި މައްސަލަ އާއި ގުޅިގެން ދައުލަތުން އޭނާގެ މައްޗަށް ގަސްތުގައި މީހަކު މަރަން އުޅުނު ކަމުގެ ދައުވާ އުފުލާފައި ވާއިރު، އެ މައްސަލަ އޭނާގެ މައްޗަށް ސާބިތު ވެއްޖެނަމަ 15 އަހަރާއި 25 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެއެވެ.
ރަޝީދުގެ އާއިލާއިން މީގެ ކުރިން ބުނެފައިވަނީ، ރަޝީދުގެ 13 ތަނަކަށް ސާމިދު ވަޅިން ހަމަލާ ދީފައި ވާކަމަށެވެ.
މުދިމަށް އެތައް ފަހަރަކު ހަމަލާ ދިނުމަށްފަހު އޭނާ ހިނގައިގަންނަތަން ސީސީޓީވީ ވީޑިއޯއިން ފެނެއެވެ. ނަމަވެސް އަނެއްކާވެސް ގޮސް ރަޝީދުގެ ބުރަކަށްޓަށް ތަކުރާރުކޮށް ވަޅިން ހަމަލާދޭތަންވެސް ވީޑިއޯ އިން ފެނެެއެވެ.
ހަމަލާދިނުމަށްފަހު ރަހުމެއްވެސް ނެތި އަތުގައި އޮތް އެއްޗެއް ރަޝީދުއާއި ދިމާލަށް ހޫރާލާފައި ބަލަމުން ގޮސް ރަޝީދަށް ހަމަލާދިން ވަޅީގައި ހުރި ލޭތައް އެމަގުގައި ބަހައްޓާފައި ހުރި ވެލި ގޯންޏަކުން ފޮހެލާތަންވެސް އެ ވީޑިއޯއިން ފެނެއެވެ. އަދި އެއަށްފަހު ރަޝީދު ފާރުބުޑުގައި އޮއްވާ އޭނާ ގޮސް އޮބާލާތަން ފެނެއެވެ.