ރައީސް ނަޝީދަށް ދިން ހަމަލާއަށް އަހަރެއް ފުރުމާއި ގުޅިގެން އެމްޑީޕީއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓު ހަމަލާއަށްފަހު އެ މަނިކުފާނުގެ ފުރާނަފުޅު ސަލާމަތްވިކަމަށްޓަކައި މާތްﷲ އަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި އެމަނިކުފާނަށް ދިން ހަމަލާއިން އެމަނިކުފާނު ސަލާމަތްވުމަކީ ރާއްޖޭގެ ޑިމޮކްރެސީއަށް ލިބުނު ނަސްރެއްކަމުގައި އެ ޕާޓީއިން ދެކޭ ކަމަށެވެ.
އެ ޕާޓީއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ހަމަލާއަށްފަހު ރައީސް ނަޝީދުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ޕާޓީއިން މަރުހަބާ ކިޔާ ކަމަށާއި، ނަމަވެސް އެފިޔަވަޅުތަކާމެދު އިދިކޮޅުފަރާތްތަކުން ކިޔަމުންދާ ފާޑުކިޔުންތަކަކީ ކަމުގެ ނުރައްކާތެރިކަމާއި، ބިރުވެރިކަން އެނގިތިބެ، ހަމައެކަނި ސިޔާސީ މަގުސަދެއްގައި ރައީސް ނަޝީދުގެ ނަންފުޅު ކިލަނބުކުރުމަށް ކުރަމުން ގެންދާ މަސައްކަތެއް ކަމަށް އެޕާޓީއިން ދެކޭ ކަމަށެވެ.
އެމްޑީޕީއިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއަށް އެއް އަހަރު ފުރުނުއިރު، އެމައްސަލައާއި ގުޅިގެން ކުރަމުން ގެންދާ ތަހުގީގު އަވަހަށް ފުރިހަމަކުރުމަށް އެ ޕާޓީއިން ގޮވާލާ ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ރައީސް ނަޝީދަށް ދެވުނު ހަމަލާއަކީ ދިވެހިރާއްޖޭގައި ރައީސްކަން ކުރެއްވި ބޭފުޅަކު އަވަހާރަކޮށްލުމަށް އެފަދަ ގޮތަކަށް ދިން ފުރަތަމަ ހަމަލާ ކަމަށާއި، މިއީ ރާއްޖޭގެ އަމާންކަމާމެދު ސުވާލު އުފެދުނު ހަމަލާއަކަށްވާއިރު، އެހަމަލާގެ ފުރިހަމަ ތަހުގީގަކުން މެނުވީ، އެފަދަ އިތުރު ހަމަލާތައް ނުހުއްޓުވޭނޭކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.
އެމްޑީޕީއިން ނެރުނު ބަޔާން ނިންމާލަމުން ބުނެފައިވަނީ، ރައީސް ނަޝީދަށް ދިން ހަމަލާއަކީ ދުރާލާ ރާވައިގެން ބަޔަކަ ހިންގި އަމަލެއް ކަމަށް އެ ޕާޓީއިން ގަބޫލުކުރާ ހިނދު އެ އަމަލުގެ ފަހަތުގައި ތިބެގެން ހަރަދުކުރި ބަޔަކު މިއަދާހަމައަށްވެސް ހޯދިފައި ނުވާކަމީ އެ ޕާޓީން ނުހަނު ކަނބޮޑުވާކަމެއް ކަމަށެވެ. އަދި އެހަމަލާ ދިނުމަށް ބަޔަކު ހަރަދުކޮށްފައިވާނަމަ ހަރަދުކުރި މީހުންނާއި، އެހަމަލާގެ ކުރިންނާއި ފަހުން އެކަމަށް ވާގިވެރިވެ ހިތްވަރު ދިން މީހުންނާ ހަމައަށް ތަހުގީގު ފުޅާކޮށް، އަވަސް ނަތީޖާއެއް ނެރެވޭނޭ ގޮތަށް އިންތިޒާމުތައް ރޭވުމަށް އެ ޕާޓީން އިލްތިމާސް ކުރާ ކަމަށެވެ.