
މި މައްސަލާގައި ރައީސް ނަޝީދު ތަމްސީލް ކުރައްވާ އިނގިރޭސިވިލާތުގެ ލޯ ފާމެއް ކަމަށްވާމ ޑޯޓީ ސްޓްރީޓް ޗޭމްބާޒްގެ ކާސްޓީ ބްރިމްލޯ ކިއުސީ އަދި ރާއްޖޭގެ ލޯ ފާމް ކަމަށްވާ ލިޓިގެންސް އެލްއެލްޕީއިން ވަނީ މިއަދު ބަޔާނެއް ނެރެފައެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގެ ޝަރީއަތް ނިންމާނެ ތާވަލެއް ކޯޓުން ކަނޑައަޅާފައި ނުވާތީ، އެ ބަޔާނުގައި ކޯޓު ތަކާއި ޕްރޮސެކިއިޓާ ޖެނެރަލްގެ އޮފީހަށްވެސް ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި މި މައްސަލާގައި ހިމެނޭ ބައެއް ފަރާތްތަކަށް ޕީޖީ އިން ދައުވާ ނުކުރާ ކަމަށްވެސް ނެރެފައިވާ ބަޔާނުގައި ވަނީ ބުނެފައެވެ.
ބަޔާނުގައި ބުނެފައިވަނީ، މި މައްސަލައިގެ ތާވަލެއް އެކުލަވާލުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭ ޕީޖީ އޮފީހުގައި އެދުނު ކަމަށާއި، އެހެން ނަމަވެސް މިއަދާއި ހަމައަށް އައި އިރުވެސް އެފަދަ ތާވަލެއް އެކުލަވާލެވިފައި ނުވާކަމަށެވެ. އެހެން ނަމަވެސް މިފަދަ ތާވަލެއް އެކުލަވާލެވިއްޖެނަމަ މި މައްސަލައާއި ގުޅިގެން ހެކިބަސްދޭ ފަރާތްތަކަށްވެސް ފަސޭހަވެގެން ދާނެ ކަމަށެވެ.
އަދި ރާއްޖެއިން ސޮއި ކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގައި ވަކި މުއްދަތެއް ތެރޭ މައްސަލައިގެ ޝަރީއަތްތައް ހިންގައި އެ މައްސަލަތައް ނިންމަން އޮން ކަމަށެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މި މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދާނެ ތަވާލެއް ކަނޑައަޅާ ދިނުމަށާއި، މި މައްސަލައިގައި ހިމެނޭ އެހެން މީހުންނާއި ދެކޮޅަށް ދައުވާ ކޮށްދިނުމަށެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މިހާތަނަށް ހުކުމް ކޮށްފައިވަނީ، ބޮން ގޮއްވާލަން ރިމޯޓަށް ފިތާލި އަދުހަމް އަހުމަދަށެވެ. އޭނާގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް ކޯޓުން ވަނީ އިއްވާފައެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއަށް އަހަރެއް ވެފައި ވާއިރު، އެ މައްސަލައިގެ ތަހުގީގު އަވަސްކޮށް، މިކަމަށް ފަންޑު ކުރި މީހުން ހޯދުމަށް އެމަނިކުފާނުގެ އާއިލާ އާއި އެމްޑީޕީއިންވެސް ވަނީ ގޮވާލާފައެވެ.