
އައްބާސްގެ މަސައްކަތަކީ، ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅޭ ތަހުގީގު ގާތުން ބެއްލެވުމާއި، އެއާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅާއި، ރަނގަޅު ކުރަންޖެހޭ ކަންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް އެރުވުމެވެ.
މެއި ހަމަލާއަށް އަހަރެއް ފުރުމުން އައްބާސް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، އެ ހަމަލާގެ ތަހުގީގުތައް ކޮށްފައިވަނީ ދެ ދާއިރާއަކަށް އިސްކަން ދީގެން ކަމަށާއި، އެއީ ރައީސް ނަޝީދަށް ދިން ހަމަލާއާއި އެ ހަމަލާއަށް ކުރި ފައިނޭންސް، އަދި ފުޅާދާއިރާއެއްގައި ހަމަލާއާއި ގުޅުންހުރި މީހުން ހޯދުމާއި، ފުޅާދާއިރާއެއްގައި ފައިނޭންސް ކުރި މީހުންގެ މޯޓިވް ކަމަށެވެ.
އެގޮތުން އޭނާ މިހާތަނަށް މަސައްކަތްކޮށްފައިވަނީ، އެހަމަލާގެ ތަހުގީގާއި، ހަމަލާ ދިން ކަމުގެ ތުހުމަތުކޮށްފައިވާ މީހުންނާއި ފަންޑުކުރި މީހުންނާއި އޮތް ގުޅުން ހޯދަން ފުލުހުން ތަހުގީގު ކުރީ، ބެސްޓް ޕްރެކްޓިސްއާއި އެއްގޮތަށްތޯ ބެލުމަށް ކަމަށެވެ. އަދި ފުލުހުން ޕްރޮސިކިއުޓާ ޖެނަރަލް(ޕީޖީ) އޮފީހަށް އެމައްސަލަ ފޮނުވަން ބޭނުންވާ މައުލޫމާތު އެއްކޮށް ރަނގަޅު ތަހުގީގެއް ހިންގުމުގައި ކާމިޔާބު ހޯދާފައިވާ ކަމަށް އައްބާސް ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ދައުވާކުރެވޭ ވަރަށް ތަހުމަތުކުރެވޭ މީހުންނާއި ދެކޮޅަށް ރަނގަޅު ހެކިތަކެއް ދައުލަތައް ލިބުނުކަން އޭނާ ފާހަގަކުރެއްވިއެވެ.
އަދި ބެސްޓްޕްރެކްޓިސްއާއި އެއްގޮތްވާގޮތުގެ މަތިން ތަހުގީގުގެ ހުރިހާ މަރުހަލާއެއްގައި ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ދެއްވި އެއްބާރުލުން އޭނާ ވަނީ ފާހަގަކޮށްފައެވެ.
ނަމަވެސް ދައުވާކޮށް ހުށަހަޅާފައިވާ މީހުންގެ ޝަރީއަތްތައް ލަސްކަމުގެ ކަންބޮޑުވުން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެކަންބޮޑުވުން އުއްތަމަ ފަނޑިޔާރާއި ޖޭއެސްސީގެ މެމްބަރުންނާ ވެސް ހިއްސާކޮށްފައިވާނެ ކަމަށް އައްބާސް ވިދާޅުވި އެވެ.
ޝަރީއަތުގެ މަރުހަލާ އަވަސް ކުރުން މުހިންމުވަނީ ޖިނާއީ އަދުލުގެ ނިޒާމަށް އޮންނަ އިތުބާރު ދެމެހެއްޓުމަށް ކަން އޭނާ ފާހަގަކުރައްވާފައިވެއެވެ.