ads
ޔުނިވާސިޓީތަކުން މިއަދުގެ އިހްތިޖާޖްގައި
ވަގުތު ޖެހުމުން ޔުނިވާސިޓީތަކަށްވެސް މުސާރަ ބޮޑުވާނެ: ޕޭ ކޮމިޝަން
ޔުނިވާސިޓީތަކުގެ ތައުލީމީ ދާއިރާގެ މުވައްޒަފުންނަށްވެސް މުސާރައިގެ ކުރިއެރުުން ލިބޭނެ ކަމަށާއި، އެހެންނަމަވެސް އެކަން ސަރުކާރުން ދަނީ ދިރާސާ ކުރަމުން ކަމަށް ނެޝަނަލް ޕޭ ކޮމިޝަނުން ބުނެފިއެވެ.

ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ސަރުކާރުން ގެނައި އިރު ޔުނިވާސިޓީތަކުގެ މުވައްޒަފުންގެ މުސާރައަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާތީ މިއަދު ޔުނިވާސިޓީތަކުން ވަނީ ހަމަހިމޭން އިހްތިޖާޖެއް ކޮށްފައެވެ. 

މިކަމާގުޅޭ ގޮތުން ޕޭކޮމިޝަނުގެ މީޑިޔާ އޮފިޝަލް މުހައްމަދު ޝަނޫނު މިއަދު ސީއެންއެމްއަށް ވިދާޅުވީ ސަރުކާރުން މިވަގުތަށް މުސާރަ ބޮޑުކޮށްފައިވަނީ ހަމައެކަނި އެޑިއުކޭޝަން މިނިސްޓްރީގެ ދަށުގައިވާ ތައުލީމީ ދާއިރާގެ މުވައްޒަފުންނަށް އެކަނި ކަމަށެވެ. އަދި ޔުނިވާސިޓީތަކުގެ ލެކްޗަރައިންގެ މުސާރައިގެ ކަންކަން ވެސް ސަރުކާރުން ބަލަމުންގެންދާކަމަށާއި، އަދި އެކަން ތަންފީޒުވާނެ ވަގުތެއް ނޭނގޭ ކަމަށެވެ. 

"އެކަން ނިންމާނީ ސަރުކާރުން. ވަގުތު ނަގައިގެން ކުރީމަ ޓީޗަރުންގެ މުސާރައިގެ ކަންކަންވެސް އެހާ ރަނގަޅަށް ނިމިފަ އެއޮތީ. ބަދަލު އަންނާނެ . އެންމެނަށް ވެސް ރަނގަޅުވާނެ" ޝަނޫނު ވިދާޅުވިއެވެ.

ޔުނިވާސިޓީތަކުގެ ކަންބޮޑުވުމަކީ ރައީސް ސޯލިހް މިދިޔަ ފެބްރުއަރީގައި، ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމަށް ވިދާޅުވެފައި އޮވެމެ، ޔުނިވާސިޓީ މުވައްޒަފުންގެ މުސާރައަށް ބަދަލު އައިސްފައި ނުވުމެވެ. އެހެންވެ، ޔުނިވާސިޓީތަކުން ބުނީ އެކަން އެހެން ހިނގާ ސަބަބުތައް އޮޅުން ފިލަންދެން އެކަމާގުޅޭ ހަރަކާތްތައް ހިންގާނެ ކަމަށެވެ. 

އެހެން ނަމަވެސް ޕޭ ކޮމިޝަނުން ބުނީ، އެއުސޫލުން ބަލާކަމަށްވާނަމަ ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ ޕްރައިވެޓް ތަންތަންވެސް މީގެ ތެރެއަށް ވަންނާނެ ކަމަށެވެ. އަދި ބުނީ އަބަދުވެސް ޔުނިވާސިޓީތަކާއި، ޓީޗަރުންނަކީ ދެ އޮނިގަނޑެއްގެ ދަށުން މަސައްކަތް ކުރާ ދެބައެއް ކަމަށެވެ. 

ޔުނިވާސިޓީތަކުން ބުނީ މިމައްސަލައިގައި ރައީސްއާވެސް ބައްދަލު ކުރާނެ ކަމަށާއި، އަދި ޔުނިވާސިޓީ ކައުންސިލާވެސް ބައްދަލު ކުރާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް