ކަލްކީ، އޭނާގެ ލޯބިވެރިޔާ ހާރްޝްބާގް އާ ރައްޓެހިވިތާ މާގިނަ ދުވަސް ނުވަނީސް ފުރަތަމަ ދަރިފުޅަށް ބަލިވެއިން ހަބަރު އިއުލާންކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. ކަލްކީގެ ބަނޑަށް ފަސް މަހުގައި އޭނާ އެކަން އިންސްޓަގްރާމު މެދުވެރިކޮށް ސަޕޯޓަރުންނަށް ހިއްސާކުރީ ބަނޑުބޮޑު ފޮޓޯތަކާއެކު ވެސް މެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ކަލްކީ ވިހާފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ނަމަވެސް ކަލްކީގެ އިތުރުން އޭނާގެ ލޯބިވެރިޔާ ވެސް އެކަން ހިއްސާއެއް ނުކުރެ އެވެ.
އިންޑިއާގެ މަޝްހޫރު މެގަޒިން އަކަށް ދިން އިންޓަވިއުއެއްގައި ކަލްކީ ކުރިން ބުނީ އޭނާއަށް ލިބެނީ ފިރިހެން ކުއްޖެއް ކަމަށެވެ. އަދި ކިޔާނެ ނަން ވެސް މިހާރު ވިސްނާފައި ވާނެ ކަމަށް ކަލްކީ ވަނީ ބުނެފަ އެވެ.
ކަލްކީ ވަނީ އޭނާ ބޮލީވުޑަށް ތައާރަފުވި ފިލްމު "ދޭވް ޑީ" ގެ ޑައިރެކްޓަރު، އަނުރާގް ކަޝްޔަޕްއާ ދެ އަހަރު ލޯބިގެ ގޮތުން ގުޅިގެން އުޅުމަށް ފަހު 2011 ވަނަ އަހަރު ކައިވެނިކޮށްފަ އެވެ. އެކަމަކު ކައިވެންޏަށް ހަތަރު އަހަރުވީ ފަހުން އެމީހުން ވަނީ ވަކިވެފަ އެވެ.
އެ ކައިވެންޏަށް ދަރިއަކު ލިބިފައި ނުވާއިރު މިއީ ކަލްކީއަށް ލިބުނު ފުރަތަމަ ދަރިފުޅެވެ.
ޔޭ ޖަވާނީހޭ ދީވާނީގައި މަސައްކަތް ކޮށް ގިނަ ބައެއްގެ ލޯބި ހޯދި ކަލްކީ ވަނީ ސައިފް އަލީހާން އާއެކު "ހެޕީ އެންޑިން" ގައި ވެސް މަސައްކަތް ކޮށްފައެވެ. އަދި ކާމިޔާބު ފިލްމު "ގަލީ ބޯއީ" އިން ވެސް ސަޕޯޓިން އެކްޓްރެސްއެއްގެ ރޯލުން ކަލްކީ ފެނިފައި ވެއެވެ.