ads
ފޮޓޯ: ފޮރިން މިނިސްޓްރީ
ކުރިން ވިސާ ނެގުމެއް ނެތި ދިވެހިންނަށް ކަޒަކްސްތާނަށް ދަތުރުކުރެވޭނެ
ކުރިން ވިސާ ނެގުމެއް ނެތި ދިވެހިންނަށް ކަޒަކްސްތާނަށް ދަތުރުކުރެވޭ އެއްބަސްވުމުގައި ދެގައުމުގެ މެދުގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް ސޮއި ކުރެއްވިއިރު، ކަޒަކްސްތާނުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ނޫރްލާން ޝަލްގަސްބަޔޭވް އެވެ.

ފޮރިން މިނިސްޓްރީން މިކަމާއި ގުޅިގެން ބުނީ، މިއަދު ސޮއި ކުރެވުނު "އެގްރިމެންޓް އޮން މިއުޗުއަލް އެގްޒެމްޝަން އޮފް ވިސާ ރިކުއަޔަރމަންޓްސް"ގެ ދަށުން ދެގައުމުގެ ރައްޔިތުން އަނެއް ގައުމަށް ދަތުރުކުރުމުގައި، ވިސާ ނެތި 30 ދުވަހަށް އެތެރެވެވޭނެއެވެ. 

ފޮރިން މިނިސްޓްރީގައި މިއަދު އޮތް ރަސްމީޔާތުގައި ވާހަކަ ދައަކަމުން ސްޓޭޓް މިނިސްޓަރ ހަލީލް ވިދާޅުވީ، ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކަޒަކްސްތާނުގެ ސަރުކާރުން ދެއްވާ އެއްބާރުލުމަށް ހާއްސަ ޝުކުރެއް އަދާކުރައްވާ ކަމަށެވެ. 

އަދި މިއަދު ސޮއިކުރެވުނު ވިސާ ވެއިވާ އެގްރިމެންޓްއާއެކު ދެގައުމުގެ ރައްޔިތުން އެއް ގައުމުން އަނެއް ގައުމަށް ދަތުރުކޮށް، ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށްވެސް ހަލީލް ވިދާޅުވިއެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރާއްޖޭގެ ވެރިކަމާއި ހަވާލުވި ފަހުން ތައިލެންޑް، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ރަޝިޔާ، މޮރޮކޯ އަދި ޗައިނާ، ބަންގްލަދޭޝް، ތުރުކީ އަށް ވިސާ އާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް