ވ.އަތޮޅު ކައުންސިލްގެ ރައީސް ހިމެނޭ ގޮތަށް އެއަތޮޅު އަތޮޅު ކައުންސިލްގެ ޓީމާއި، ވ.ތިނަދޫ ރަށު ކައުންސިލްގެ ޓީމުން މިއަދު އަންބަރާއަށް އަރާފައިވަނީ އެރަށް ހަވާލުކޮށްފައިވާ ފަރާތުގެ އެގުރިމެންޓު ބާތިލް ވެފައިވާތީ އެރަށުގެ ހާލަތު ކައުންސިލުން ބައްލަވާލެއްވުމަށެވެ.
ކައުންސިލްގެ މި ޓީމާއެކު ސީއެންއެމްގެ ނިއުސްޓީމުން ބައިވެރިވެފައިވެ އެވެ.
އަންބަރާއާއި ބެހޭގޮތުން އަތޮޅު ކައުންސިލްގެ ރައީސް ސުޖާއު ވިދާޅުވީ އެރަށަކީ ރިސޯޓެއް ތަރައްގީކުރަން މީގެ ކުރިން ބަޔަކާއި ހަވާލުކޮށްފައިވާ ރަށެއްކަމަށެވެ. އަދި ވިދާޅުވީ މި އެގުރިމެންޓު މިހާރު ބާތިލް ވެފައިވާތަން ގިނަ ދުވަސްތަކެއ ވެފައިވާ ކަމަށާއި ނަމަވެސް އެގުރިމެންޓުގެ މުއްދަތު އާނުކޮށް މިރަށް އެފަރާތުން ބޭނުންކުރަމުންދާ ކަމަށެވެ.
" އަޅުގަނޑު މިއައީ ވ.އަތޮޅު ރައްޔިތުންގެ ހައިސިއްޔަތުން މިތަނަށް. މިރަށުގެ އެގުރިމެންޓު ހަމަވީމަވެސް މިރަށް ދޫޚޮށްފައިވާ ފަރާތުން މިރަށް މިހާރުވެސް އެ ބޭނުންކުރަމުން ގެންދަނީ. މިކަން އެބަޖެހޭ އަޅުގަނޑުމެންނަށްވެސް ސާފުވާން. " ސުޖާއު ވިދާޅުވި އެވެ.
ސުޖާއު ވިދާޅުވީ ވ. އަންބަރާ އާއި، އެއަތޮޅު ހުޅިދޫގެ އެގުރިމެންޓް މިހާރު މުއްދަތު ހަމަވެ ބާތިލްވެފައިވާކަމަށާއި، މިކަން ޓޫރިޒަމް މިނިސްޓްރީގެ ސަމާލުކަމަށްވެސް ގެނެސްފައިވާ ކަމަށެވެ.
" އަޅުގަނޑު ވާނީ މިކަން ޓޫރިޒަމް މިނިސްޓްރީގެ ސަމާލުކަމަށްވެސް ގެނެސްފަ. އަންބަރާ އާއި ހުޅިދޫގެ އެގުރިމެންޓެއް ނެތް މިހާރަކު. ކުއްޔަށް ދީފައިވާ މުއްދަތު ހަމަވެގެން މިހާރު އެ ވަނީ ބާތިލް ވެފަ. " ސުޖާއު ވިދާޅުވި އެވެ.
ފަތުރުވެރިކަމަށް ދޫކޮށްފައިވާ މި ރަށުގެ ގުދުރަތީ ރީތި ކުޅިއެއްވެސް މީގެ ކުރިން ހުރިކަން ފާހަގަކޮށް މިހާރު އެސަރަހައްދު އެއްކޮށް ހަލާކުކޮށްފައިވާކަން ކައުންސިލުން ވަނީ ސީއެންއެމްގެ ނިއުސްޓީމަށް ދައްކާލާފަ އެވެ.
" މި އޮތީ މި އަތޮޅުގައި އޮތް އެންމެ ބޮޑު ކުޅި. މުޅިތަނުގެ ހުރިހާ ގަހެއް ކަނޑައި މި މުޅިތަން ބަޔަކު ހަލާކުކޮށްފަ މި އޮތީ. މީކީ ބަލައިގަނެވޭނެ ކަމެއް ނޫން. "
ސުޖާއު ވިދާޅުވީ މިރަށުގެ އެގުރިމެންޓް ބާތިލް ވުމުން މިހާރު މިރަކީ އަތޮޅު ކައުންސިލްގެ އިހްތިސޯސްގެ ތެރޭގައި ހިމެނޭ ތަނެއް ކަމަށެވެ. އެހެން ކަމުން މި ރަށުގައި ބަޔަކު ގަވައިދާ ޙިލާފަށް ކުރަމުންގެންދާ ފަތުރުވެރިކަމުގެ ވިޔަފާރި އާއި އެނޫންވެސް ކަންކަން ހުއްޓުވައި ގަވައިދާ އެއްގޮތަށް މިކަންކަން ބެހެއްޓުމަށް ކައުންސިލުން މަސައްކަތްކުރާނެ ކަމަށެވެ.
" މީ މިހާރު ވ.އަތޮޅު ރައްޔިތުންގެ ތަންތަން. އެގުރިމެންޓް ބާތިލްވީމަ ލާމަރުކަޒީ ގާނޫނުން އަޅުގަނޑުމެންނަށް އެބަ ލާޒިމުކުރޭ މިތަންތަން ބަލަން. " ސުޖާއު ވިދާޅުވި އެވެ.