މި ބިލަކީ، މި އަހަރުގެ އޭޕްރީލް 25 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 35 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
މި ޤާނޫނަށް ގެނައި މައިިގަނޑު އިސްލާހަކީ، ސިވިލް ސަވިސް ކޮމިޝަން(ސީއެސްސީ)ގެ ރައީސްގެ މަސްއޫލިއްޔަތުތައް ބަޔާންކުރުމެވެ. ސިއެސްސީގެ ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވަނީ ސީއެސްސީގެ ރައީސް މުހައްމަދު ނާސިހް އެވެ.
އެގޮތުން، ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތުގެމަތިން، ނަތީޖާ ނެރެދެވޭ ގޮތުގައި ހަރުދަނާ އުސޫލުން، ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ލަފައާއި އިރުޝާދުދިނުމާއި، ކޮމިޝަނުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުމާއި، ކޮމިޝަނުން ނިންމާ ނިންމުންތައް ތަންފީޒުކުރުން ކޮމިޝަނުގެ ރައީސްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ.
މި ޤާނޫނު ތަޞްދީޤުކުރުމާއެކު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެވި އަމަލުކުރަން ފަށާފައެވެ.
ސީއެސްސީ އުފެދިފައިވަނީ 2007ވަނަ އަހަރުގެ އޮކްޓޫބަރު 23 ވަނަ ދުވަހު އެވެ. ދިވެހި ސިވިލް ސަވިސްގެ ޤާނޫނުގެ 73 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެ ޤާނޫނަށް އަމަލުކުރަން ފަށާފައިވަނީ 1 މޭ 2008 އިން ފެށިގެން ނެވެ.
މިއަދު ޖުމްލަ ހަތަރު ބިލެެއް ރައީސް ވަނީ ތަސްދީޤުކުރައްވާފައެވެ. އެއީ ސިވިލް ސަވިސްގެ ޤާނޫނަށް ހަތް ވަނަ އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލާއި، ފެނާއި ނަރުދަމާގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލްގެ އަދި ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލެވެ.