އަބުދުﷲ ރިޔާޒު މިފަދައިން ވިދާޅުވެފައިވާއިރު ކުރީގެ ރައީސް އަބުދުﷲ ޔާމީން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ޖަލަށްލާންޖެހޭކަމަށް ބުނެ އިންޒާރެއް ވެސް ދެއްވާފަ އެވެ.
ވިލިމާލެ ދާއިރާގެ އަންހެނުން ކޮމެޓީއަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓު ފާތިމަތު ނާޒިމާގެ ކެމްޕެއިން ޖަލްސާގައި ރައީސް ޔާމީން ދެއްކެވި، ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ޖަލަށްދާންޖެހޭ ވާހަކަ އާއި، ޖަލުތައް ބޮޑުކުރަންޖެހޭ ވާހަކައަށް އިޝާރާތްކުރައްވައި އަބުދުﷲ ރިޔާޒު ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގައި ސިޔާސީ ފަރާތްތައް ޖަލަށްލާފައިވަނީ އެމަނިކުފާނުގެ (ޔާމީންގެ) އަމުރަށް ކަމަށެވެ.
ރައީސް ޔާމީނުގެ ވެރިކަމުގައި ގާނޫނާ ހިލާފަލަށް ސިޔާސީ މީހުން ހައްޔަރުކޮށް ޖަލަށްލާފައިވާ މައްސަލަ އަލުން ރިވިއުކޮށް ބެލުމަށް ސުޕުރީމް ކޯޓުން ކޮށްފައިވާ އަމުރުތައް ތަންފީޒު ނުވުމަކީ މުއައްސަސާތަކުގެ ޒިންމާއެއް ކަމަށް ރިޔާޒް ވިދާޅުވިއެވެ.
އިއްޔެ ބޭއްވި ނާޒިމާގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޖަލުތައް ބޮޑު ކުރަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ އަލީ ރަޝީދަށް ސުޕްރީމް ކޯޓުގެ ބެންޗުގައި ނީދެވޭނެކަން އަލީ ރަޝީދު ގަބޫލު ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށާއި، އަލީ ރަޝީދު ސްޕްރީމް ކޯޓުގެ ބެންޗަށް އައިސްފައި ހުރީ ރައީސް ޔާމީނަށް ޖަލުގެ ހުކުމެއް އިއްވަން ކެރުނީތީ ކަމަށެވެ.