އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިހާބު ކޮމިޓީގެ މުގައްރިރު މަނިކު ވިދާޅުވީ، އިންތިހާބުގައި ވޯޓުލާ މަރުކަޒުގައި ކުރުން މަނާ ކަންތައްތައް މިހާރު އާންމުކޮށްފައިވާނެ ކަމަށެވެ.
އޭގެ ތެރޭގައި ވޯޓު ކަރުދާސް ދެއްކުމާއި އެ ކަރުދާހުގެ ފޮޓޯ ނެގުމަކީ މަނާ ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
މި އިންތިހާބަކީ ވޯޓަށް ރަޖިސްޓްރީކޮށްގެން ބާއްވާ އިންތިހާބަކަށް ނުވާތީ، ބައެއް ފަރާތްތަކުގެ ކަންބޮޑުވުން ހުރިކަން ފާހަގަކުރައްވައި މަނިކު ވިދާޅުވީ ވޯޓުލާ މީހުންގެ އިނގިލީގައި ފާހަގައެއް ޖަހާނެ ކަމަށެވެ. އަދި ދެވަނަ ފަހަރަށް އެމީހަކު ވޯޓުލާ އެހެން މަރުކަޒަކަށް ދިޔަ ނަމަވެސް އެރަށެއްގެ ވޯޓު ލިސްޓު ބެލުމަށްފަހުގައި ނޫނީ ވޯޓު ލާން ފުރުސަތު ނުދެއްވާނެ ކަމަށެވެ.
މި އިންތިހާބުގައި ވޯޓު ކަރުދާހުގެ ފޮޓޯއެއް ނަގައިފިނަމަ ނުވަތަ ވޯޓު ކަރުދާސް އެހެން މީހުންނަށް ފެންނަ ގޮތަށް ދައްކައިފިނަމަ އެ ވޯޓެއް ބާތިލް ކުރެވިދާނެ ކަމަށް މަނިކު ވިދާޅުވި އެވެ.