
މިއަދު ހަވީރު އެސަރަހައްދަށް ގަދަވަޔާއިއެކު ވެހުނު ވާރޭގައި، ޕާކުކޮށްފައިވާ ގިނަ އަދަދެއްގެ ސައިކަލުތަކެއް ވަނީ ވެއްޓިފައެވެ.
ވިއްސާރަ މޫސުމުގައި ޖެހޭ ވަރުގަދަވައި އެއްވެސް ހުރަހެއްނެތި ދެވަނަ ފިޔަވައްސަށް ވަންނާތީ މީގެ ކުރިންވެސް ވައިގަދަވާ ދުވަސްވަރު އެފަދަ ހާދިސާތައް ހިނގާކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ބުނެއެވެ.
ރާއްޖެއަށް މިވަގުތު ކުރަމުންދަނީ ހުޅުނގު މޫސުމުގެ ވިއްސާރައެވެ. އާއްމުކޮށްވެސް މިދުވަސްވަރު ރާއްޖެއަށް ވަރަށް ގަދައަށް ވިއްސާރަކުރެއެވެ.
މެޓުން ލަފާކޮށްފައިވާ ގޮތުގައި މިއަހަރުގެ ސެޕްޓެމްބަރާއި ހަމަޔަށް ދެކުނާއި މެދުރާއްޖެތެރެއަށް އާއްމުކޮށް ވެހޭ ވަރަށް ވުރެ ވެހޭ ވާރެ އިތުރު ވާނެއެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ގަދަވާނެ ކަމަށް ލަފާކޮށް ހުދު ސަމާލުވެސް ވަނީ ނެރެފައެވެ.
ރާއްޖެއަށް މޫސުން ގޯސްވާ މި ދުވަސްވަރު ހިޔާ ފްލެޓުތަކަށްވެސް ވަރަށް ބޮޑެތި ގެއްލުންތަކެއްް ވެއެވެ.
އެގޮތުން ވިއްސާރަ މޫސުމުގައި އިމާރާތުގެ ފަހަތުންނާއި ކުރިމަތިން ކޮރިޑޯތަކާއި، އިމާރާތުގެ މެއިން އޭރިއާތަކަށް ވަރަށް ބޮޑަށް ފެން ވަދެއެވެ.
އެކަން ހައްލުކުރުމަށް މިދިޔަ އެޕްރީލް މަސްތެރޭ އެޗްޑީސީން ވެދާ ގްރިލިންގެ މަސައްކަތް ފަށައިގެން ދަނީ ކުރަމުންނެވެ.
އެޗްޑީސީން ބުނީ އެމަަަސައްކަތް ނިމުމުން ވިއްސާރަ މޫސުމުގައި ކޮރިޑޯއަށް ފެންވަނުން ހުއްޓުވިގެން ދާނެ ކަމަށެވެ.