ads
އައިޝަތު އަމްސޫދާ: ށ. ގޮއިދޫ
ނުކުޅެދޭ އަންހެނެއްގެ ހިތުގެ އާދޭސް: އަސާސީ ހައްގުތައް ނުލިބެނީ ކީއްވެ؟
ދުނިޔެއަށް ލޯހުޅުވުނު ދުވަހުން ފެށިގެން ށ. ގޮއިދޫ (އަބްހަރީގެ) އައިޝަތު އަމްސޫދާއަކީ ނުހިނގޭ ބަލި މީހެކެވެ. ނަމަވެސް އާންމު އެހެން އަންހެނުންނެކޭ އެއްގޮތަށް ދިރިއުޅުމުގެ ހުރިހާ ކަމެއް އޭނާ ދަނީ އަމިއްލަ އަށް ކުރަމުންނެވެ. އަމްސޫދާގެ އުމުރުން 42 އަހަރުވެފައިވާ އިރު އަމްސޫދާއަކީ މީހެއްގެ އަންބެކެވެ. ލޯބި ލޯބި ކުއްޖެއްގެ މަންމަ އެކެވެ.
Advertisement

އަމްސޫދާ އޭނާގެ ހިތުގައި އުފެދިފައިވާ އިހުސާސް ތަކާއި ހިތުގައި ކެކެމުންދާ ޝުއޫރުތައް "ސީއެންއެމް" އާ ހިއްސާ ކުރަމުން ބުނީ އޭނާގެ އެންމެ ބޮޑު ޝަކުވާ އަކީ އާންމު އެހެން މީހުންނަށް ކަަށަވަރުވެފައިވާ އަސާސީ ބައެއް ހައްގު ތަކުންނާއި، މުޖުތަމައު ދެކޭގޮތުގެ ސަބަބުން އޭނާގެ ހަޔާތަށް ކުރިމަތި ވަމުން އަންނަ ނިކަމެތި ކަން ކަމަށެވެ.

މީގެ 15 ވަރަކަށް އަހަރު ކުރިން އަމްސޫދާ ވަނީ އޭނާ ދެކެ ލޯބިވާ މީހަކާއި ކައިވެނި ކޮށްފައެވެ. އެއީ އޭނާގެ މުޅި ހަޔާތް އަލި ކޮށްދޭ، އޭނާ އަށް ހުރިހާ ދޮރަކުން މަގުކޮށައިދޭ ފިރިއެއް ކަމަށް އަމްސޫދާ ބުންޏެވެ. އޯގާތެރި ފިރިއެއްގެ އަޅާލުމާއި ލޯބި ލިބިފައިވާ އަމްސޫދާ ބުނީ ފިރިމީހާގެ ޒިންމާތައް އޭނާ އެންމެ ފުރިހަމަ އަށް އަދާކުރަމުން ދާކަމަށެވެ.

"ލިބުނު އެންމެ ބޮޑު އުފަލަކީ ބަލި ހާލަތު އެނގިހުރެ ވެސް ފިރިމީހާ އައްޔަ ހަގީގީ ލޯބި އިންތިހާއަށް ވާތީ." އަމްސޫދާ ބުންޏެވެ.

ދެމީހުންގެ ކައިވެންޏަށް ލިބިފައިވާ ދަރިފުޅުގެ ވާޖިބުތައް އެންމެ ފުރިހަމައަށް އަދާކުރަމުންދަނީ އެހެން ކުދިންގެ ވެސް މަންމައިންފަދައިން އެއްވެސް ކަމަކުން ކުއްޖާ އުނިކުރުމެއް ނެތިކަމަށެވެ. ނަމަވެސް އަމްސޫދާ ބުނީ ދުނިޔޭގެ ދިރިއުޅުމަކީ ހަނގުރާމައެކޭ ބުނާ ގޮތަށް އަމްސޫދާ ވެސް އެ ހަނގުރާމަޔާއި ކުރިމަތިލާން ވަނީ ޖެހިފަ ކަމަށެވެ. ނަމަވެސް އޭނާގެ އުފާވެރި ދިރިއުޅުމުގައެއް ނޫނެވެ. ލިބެން ޖެހޭ އަސާސީ ހައްގުތަކާއި މަހުރޫމް ވެފައިވާތީ ކުރަން ޖެހިފައިވާ ހަގުރާމަ އެއް ކަމަށެވެ.

އަހަރެން އަސާސީ ހައްގު ތަކުން މަހުރޫމް ވަމުން ދަނީ ނުކުޅެދޭވީމަ ހެއްޔެވެ؟

އަމްސޫދާގެ އުމުރުން ހަތް އަހަރުގައި މަންމަ ނިޔާވެއްޖެ އެވެ.  އަމްސޫދާ އަކީ ފޫޅުން ތިރީގައި (ފައިގައި) ވާގި ނުހުންނަ މީހެކެވެ. އެހެންކަމުން އޭރު ވެއްޓެމުން ހިނގުނަސް ފަރުވާ ކުރެވޭނެ ގޮތެއް ނެތި، އުމުރަށް ފޮރޮޅުލީ ގޮނޑީގައި އިށީނާން ޖެހުނީއެވެ. ދުވަސް ކޮޅަކީ ދެހާހުގެ އަހަރު ތަކުގެ ކުރީ ކޮޅު ކަމަށާއި، އޭރު މަންމަ ވެސް ނިޔާވުމާއެކު މާބޮޑު ފަރުވާއެއް ނުލިބުނީ ކަމަށް އަމްސޫދާ ބުންޏެވެ. ނަމަވެސް ފަހުން އިންޑިއާ އަށް ވެސް ދިޔަ ކަމަށާއި އަދި ރާއްޖޭގެ ބައެއް ހޮސްޕިޓަލު ތަކަށްވެސް ޑޮކްޓަރަށް ދެއްކުނު ކަމަށް އަމްސޫދާ ބުންޏެވެ.

"ބައްޕަ ބުނޭ ކުޑައިރު ކުޑަކޮށް ވެއްޓެމުން ހިނގުނޭ. އޭގެ ފަހުން ނުއެއް ހިނގޭ. ހަދާން ހުންނަން ފެށީއްސުރެ އަބަދުވެސް އިންނަނީ ފުރޮޅުލީ ގޮނޑީގައި." އަމްސޫދާ ބުންޏެވެ.

your imageއައިޝަތު އަމްސޫދާ: ބޭންކް އޮފް މޯލްޑިވްސް އިން އޭނާ އަށް ދެއްވި ފުރޮޅުލީ ގޮނޑީގައި އިށީދެގެން 

އަސާސީ ހައްގު ތަކުން މަހުރޫމް ވަމުން ދަނީ ނުކުޅެދޭވީމަ ހެއްޔެވެ؟

މިއީ އަބަދުވެސް އަމްސޫދާގެ ހިތުގައި އުފެދިފައިވާ ޖަވާބު ނުލިބޭ ބޮޑު ސުވާލު މާކެކެވެ. އަމްސޫދާ ގަބޫލު ކުރަނީ ސަބަބުތައްވެސް ބައިވަރު ކަމަށެވެ. ނަމަވެސް އަމްސޫދާ ބުނީ އޭނާގެ އަމިއްލަ ދިރިއުޅުމުން އުނިނުވި ކަމެއް، ނުހިނގި ގޮޑީގައި އިންނަން ޖެހުނަސް ގާނޫނުން ލިބެންޖެހޭ އަސާސީ ހައްގަކުން އުނިވެގެން ނުވާނެ ކަމަށެވެ.

އެންމެނަށް ކަށަވަރުވެފައިވާ ގާނޫނީ ބައެއް ހައްގުތަކުން އޭނާ އުނިވެގެންދާއިރު، އޭނާ ވަނީ އެތައް މުއައްސަސާ އަކަށް އޭނާގެ ހިތުގެ ޝަކުވާ ހުށައަޅާފައި ކަމަށް އަމްސޫދާ ބުންޏެވެ.

ޖެންޑާމިނިސްޓްރީން އެރަށަށް ވަޑައިގެންނެވި ޓީމަކަށްވެސް އަމްސޫދާ ވަނީ އޭނާ އަށްބޭނުންވާ ހައްގުތަކުން މަހުރޫމް ވިޔަ ނުދިނުމަށް އެދިފައި ކަމަށް އަމްސޫދާ ވަނީ "ސީއެންއެމް" އަށް ކިޔައިދީފައެވެ.

"ރަށު ކައުންސިލާއި، ރަށު ސުކޫލާއި، ސިއްހީމަރުކަޒުގެ އިތުރުން އިންޖީނުގެއަށް އަށް ނުވަދެވޭ. އެހެން މީހުން ފަދައިން ކީއްވެ އަހަންނަށް ސަރުކާރުގެ މުއައްސަސާ އަށް ނުވަދެވެނީ." އަމްސޫދާ އޭނާގެ ހިތުގެ ޝަކުވާ ބަންޑުން ކުރިއެވެ.

ގޮއިދޫ ސިއްހީމަރުކަޒު:

އަމްސޫދާ ބުނީ އޭނާ އަށް ބަލިވެ ޑޮކްޓަރަށް ދައްކަން ސިއްހީ މަރުކަޒަށް ނުވަދެވޭ ކަމަށެވެ. ބައެއް ދުވަސް ދުވަހު ނުވަދެވި މަރުކަޒުން މުއައްޒަފަކު ބޭރަށް ނުކުންނަންދެން ބޭރުގައި މަޑުކުރަން ޖެހޭ ކަމަށާއި، އެގޮތަށް ބަލިވެ ގޮސް މަޑުކޮށްގެން އިންނަން އެތައް ވަގުތެއް ބޭރުގައި ހޭދަވާ ކަމަށެވެ.

"ދެން މުއައްޒަފަކު ނުކުތީމަ ކިޔައިދެނީ ބަލި ހާލަތު. އެތެރެއިން އަންނަ ކުއްޖާ ވީ ގޮތް ބަލާފައި ޑޮކްޓަރަށް ކިޔާދިނީމައި ޑޮކްޓަރު ބޭސްސިޓީ ލިޔެފައި ދެނީ. މިހެން ބުންޏަސް ބައެއް ދުވަސް ދުވަހު ވަދެވޭ. ބޭރުގައި ބަޔަކު ތިބިއްޔާ އެއީ ވެސް "އަމްސޫދާ ބުންޏެވެ.

ގޮއިދޫ ކައުންސިލް އިދާރާ:

ދެން އަމްސޫދާ ބުނީ އެ ރަށު ކައުންސިލް އިދާރާ އަށް ވަދެވުނީ އުމުރުން 42 އަހަރު ފުރިފައިވި އިރު، އެންމެ ދެ ފަހަރު ކަމަށެވެ. އެއީވެސް އައިޑީކާޑް ހަދަން ބަޔަކު ގޮސް ވެއްދީ ކަމަށެވެ. އެހެނިހެން ބައެއް ހިދުމަތްތައް ހޯދަން ވެއްޖެ ނަމަ ގޮސް ހުންނަން ޖެހެނީ ކައުންސިލް އިދާރާގެ ބޭރުގައި މީހަކު އެތެރެއިން ނުކުންނަން ދެން އިންތިޒާރުގައި ކަމަށެވެ. އެގޮތަށް އެތައް ދުވަހަކު ހުންނަން ޖެހިފައިވާ ކަމަށެވެ.

ގޮއިދޫ ސުކޫލް:

އެރަށު ސުކޫލަށް ވެސް ކުރިން ނުވަދެވޭ ކަމަށާއި ދަރިފުޅު ގޮވައިގެން ގޮސް ހުންނަން ޖެހެނީ ބޭރުގައި ކަމަށްވާތީ އެތައްފަހަރަކު ޕްރިންސިޕަލް ކައިރީގައި އެދިގެން މިއަހަރު ސްކޫލުގެ މީޓިން ރޫމާއި ހަމަޔަށް ދެވޭގޮތް ހަދާފައިވާ ކަމަށެވެ. އަދި ކުލާސް ރޫމާއި ހަމަޔަށް ދެވޭގޮތަށް ފަސް އަޅާފައިވާ ކަމަށެވެ. 

" ދަރިފުޅުގެ ބަރު ދަބަސް ދީފައި ކުއްޖާ އެެންމެ ކުޑައިރުން ފެށިގެން ފޮނުވީ ކުލާސް ރޫމާއި ހަމަޔަށް. ކުރިއަށްވުރެ މިހާރު ރަނގަޅު. އެކަމަކު ކުލާސްތެރޭގައި ބާއްވާ ބައެއް މީޓިން ތަކަށް އަދިވެސް ނުވަދެވޭ. އިންނަން ޖެހެނީ ބޭރުގައި." އަމްސޫދާ ބުންޏެވެ.

 

ގޮއިދޫ އިންޖީނުގެ:

އިންޖީނުގެ އެ ރަށުގައި ހުންނަން ފެށީއްސުރެ އަމްސޫދާ ބުނީ އެއްވެސް ގޮތަކަށް އެރަށުގެ އިންޖީނުގެ ތެރެއަށް ނުވަދެވޭ ކަމަށާއި، އެތަން ހުންނަނީ ކިހިނެއް ކޮންގޮތަކަށް ކަމެއްވެސް ނޭނގޭ ކަމަށެވެ. ކަރަންޓް ބިލް ދައްކަން ގޮސްވެސް އިންނަން ޖެހެނީ ގަދަ ހޫނުގައި ކުޑަ ނަގައިގެން ބޭރުގައި ކަމަށެވެ. 

" އެ ގޮތަށް އެތައް ދުވަހަކު އިންނަން ޖެހިފައިވާއިރު ތިންމަސް ވަންދެންވެސް ކަރަންޓްބިލް ނުދެއްކޭ ފަހަރު ދޭ. އެތެރެއިން ކުއްޖަކު އަންނަންދެން ގަދަ ހޫނުގައި ކުޑަ ނަގައިގެން އިންނަނީ. ބައެއް ދުވަސް ދުވަހު ގުޅައިގެންވެސް ކުދިން ނެރެން." އަމްސޫދާ ކަރަންޓް ބިލް ދައްކަން ގޮސް އުޅެން ޖެހޭ ހާލަތު ކިޔައިދެމުން ބުންޏެވެ.

މިސްކިތަށް އޭނާ އަކަށް ނުވަދެވެއެވެ. ބޮޑު ޖަމާއަތުގައި ކުރާ ތަރާވީސް ނަމާދާއި އީދު ނަމާދު ފަދަ ނަމާދު ތަކުން ވެސް އަންސޫދާ ވަނީ މަހުރޫމްވެފައިވާ ކަމަށް އަންސޫދާ ބުންޏެވެ. މިއީ ހުރިހާ ކަމަކަށްވުރެ ބޮޑަށް އޭނާގެ އެންމެ ބޮޑު ޝަކުވާ އެވެ.

މިހުރިހާ ތަކުލީފަކާއި އެކު އުޅެމުން އަންނަ އަމްސޫދާ ބުނީ ރައީސް ނަޝިދު ވެރިކަމަށް އައި ފަހުން މިއަދާ ހަމަޔަށް މިވީ ހުރިހާ ދުވަހަކުވެސް އޭނާ ހުންނަނީ ވަޒީފާ އެއްގެ އިންތިޒާރުގައި ކަމަށެވެ. އޭގެ ފަހުން އަންނަ ކޮންމެ ކައުންސިލަކުން ވެސް އޭނާ އަށް ވަޒީފާ ލިބޭނެ ކަމުގެ ޔަގީން ކަންދޭ ކަމަށެވެ.

އެގޮތުން މިދިޔަ އަހަރު މެދުތެރޭގައި ޖެންޑާ މިނިސްޓްރީގެ ޓީމެއް އެ ރަށަށް ވަޑައިގެން ސްކޫލުގެ ބެލެނެވެރިންނާއި ބައދަލު ކުރި ކަމަށެވެ. އެ ބައްދަލުވުމަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މައުލޫމާތު ދޭން ބޭއްވި ބައްދަލުވުމެއް ކަމަށް އަމްސޫދާ ބުންޏެވެ.

" ބައްދަލުވުން ނިންމުމަށްފަހު ބުނި ވަކިން ބައްދަލު ކުރަން ބޭނުންވާ މީހަކު ހުރި ނަމަ އެފުރުސަތު އެބައޮތޭ. އަޅުގަނޑު ބައްދަލު ކުރަން ދިޔައިން. އަޅުގަނޑު ހުރި އުދަނގޫތަކާއި ވަޒީފާ އެއް ނެތި އުޅެން ޖެހޭ ދަތި ކަމުގެ ވާހަކަ ދެއްކިން. އެކޮޅުން ވަޑައިގެންނެވި ޓީމުގެ އިސްފަރާތުން ބުނީ ވަޒީފާ ވަރަށް އަވަހަށް ލިބޭނެޔޭ. ލިޔެކިޔުން ކައުންސިލަށް ހުށައަޅާށޭ. އަޅުގަނޑާ އެކު ކައުންސިލް އަންހެން ދެ މެމްބަރުންގެ ތެރެއިން އެއް މެންބަރަކުވެސް ހުންނެވި. އަމްސޫދާ ބުންޏެވެ.

އެދުވަހު އެ ބައްދަލުވުން ނިމި ޖެންޑާއިން އެރަށަށް ދިޔަ ޓީމް ފުރައިގެން ދިޔަ ކަމަށާއި، އޭގެ ފަހުން އަހަރަކާއި މިހާރު ގާތް ވެފައިވާ އިރު އަދި އަދަށްވެސް ހަބަރެއް ނުވާކަމަށް އަމްސޫދާ ބުންޏެވެ. 

"ލީވިން ސެޓްފިކެޓް ނަގަން ބުނެގެން ވަރަށް އުދަގުލުން އެކަން ވެސް ކުރީ. މުއައްސަސާ ތަކުން އެކަން ކުރަން އެހާ އުދަނގޫ އެކަމަކު ވެސް ގަދައަވީގައި ބޭރުގައި އިދެން އެކަންވެސް ކުރީ. އަހަރެއް ވާން ކައިރި ވެފައިވާ އިރު އަދިވެސް ވާގޮތެއް ނޭނގޭ. ޖެންޑާއިން ވާހަކަ ދެއްކި ކުއްޖާ އާއި ގުޅޭނެ ގޮތެއް ނޭނގިގެން މެސެންޖާއިން ވާހަކަ ދެއްކީމައި މެސެޖް ބަލާވެސް ނުލާ. އަމްސޫދާ ބުންޏެވެ.

ގާނޫނުން އެތަކެއް ހައްގެއް ކޮންމެ ރައްޔިތަކަށް ކަށަވަރު ވެފައިވާއިރު، ނުކުޅެދުން ތެރި ކަން ހުންނަ މީހުންވެސް އެމީހުންގެ ހައްގުތަށް ކަށަވަރު ކުރުމަށް އަޑު އުފުލަން ބޭނުން ވެއެވެ. ނަމަވެސް އަމްސޫދާ ބުނީ އަޑު އަހާނީ ކާކު ހެއްޔެވެ؟ ހައްގުތަކުން ކަށަވަރުވާ މުއައްސަސާ ތަކަށް ވަނުމުގެ ހައްގުން ވެސް އޭނާ މަހުރޫމް ވެފައިވާ ކަމަށް އަމްސޫދާ ތަކުރާރު ކޮށް ބުންޏެވެ. އަޑު އުފުލަން ނުކެރި، އަމްސޫދާ ފަދަ އެތަކެއް ފަރާތެއް މި ކުޑަކުޑަ ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ވާނެ ކަން ޔަގީނެވެ.

މީގެ ކުރިން ރާއްޖޭގެ މުއައްސަސާ ތައް ހިންގާ ތަންތަނުގެ އިމާރާތް ކޮށްފައިވަނީ ހިނގުމުން މަހުރޫމްވެފައިވާ ނުކުޅެދޭ ފަރާތްތަކަށް ފުރޮޅުޅުލީ ގޮނޑީގައި އަމިއްލަ އަށްވަދެ ނުކުމެ ގޮތަކަށް ނޫނެވެ. ނަމަވެސް މި ފަހަކަށް އައިސް އެފަދަ ބައެއް އިމާރާތްތައް އާ ކުރަމުންދާ އިރު، އިމާރާތު އޮޅިގަނޑު އެންމެނަށް ވަދެވޭ ގޮތަށް ހަދާފަ އެބަ ހުއްޓެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
30%
ވަރަށް ސަލާމް
ކޮމެންޓްސް