މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބޭ ޤައިދީންނާއި ބަންދު މީހުންނަށް ޢާއިލާގެ ފަރާތުން ފޯރުކޮށްދޭން ބޭނުންވާ އަންނައުނު ފޮނުވުން މެދުކަނޑާލި އުސޫލަށް ބަދަލު ގެނެސް، މިއަދުން ފެށިގެން އެ ފަރާތްތަކަށް އަންނައުނު ފޯރުކޮށްދެވޭނެ ގޮތް ހަމަޖައްސައިފިއެވެ.
އަލުން އަންނައުނު ފޮނުވޭގޮތް ހަމަޖެހުނީ، 'ޖަލުތަކުގައި ތިބޭ ޤައިދީންނާއި ބަންދު މީހުންނަށް ބޭނުންވާ އަންނައުނު އާއިލާގެ ފަރާތުން ފޯރުކޮށްދިނުމުގެ އުސޫލް' އަށް މިއަދު އަމަލުކުރަން ފަށުމުންކަމަށް ޕްރިޒަންސް އިން ބުނެއެވެ.
އަދި މި އުޞޫލައަށް އަމަލުކުރަން ފެށުމާއިގުޅިގެން އަންނައުނު ފޮނުވުން މެދުކަނޑާލި ޚާއްސަ އުޞޫލު 'ޖަލުތަކުގައި ތިބޭ ޤައިދީންނާއި ބަންދު މީހުންނަށް ބޭނުންވާ އަންނައުނު ހޯދުން' މި އުސޫލަށް އަމަލުކުރުން ހުއްޓާލާފައިވާކަމަށް އެ ސާވިސް އިން ބުނެއެވެ.
މިބަދަލަކީ “ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓް 2019” ގައިވެސް އިސްލާހުކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމެކެވެ.
އެ ސަރވިސް އިން 15 އޮކްޓޯބަރ 2017 ން ފެށިގެން އަންނައުނު ފޮނުވުން މެދުކަނޑާލާފައިވަނީ ގައިދީންނަށް އަންނައުނު މެދުވެރިކޮށް މަސްތުވާތަކެތި ޖަލަށް ވެއްދުމަށް މަސައްކަތްކުރުމުގެ ހާދިސާތައް ގިނަވަމުން ދިއުމުގެ ސަބަބުންނެވެ.
މިގޮތުން ޢާއިލާއިން ގެންނަ އަންނައުނު ބަލައިގަންނާނީ މާލެ ޖަލުގެ ރިސެޕްޝަނުން ކޮންމެ ހޮނިހިރު ދުވަހެއްގެ 9:00 އިން 14:00 އަށްކަމަށް ކަރެކްޝަނުން ބުނެއެވެ.