ads
ރައީސް ނަޝީދު މިއަދު ވޯޓުލައްވަނީ
ފޮޓޯ އިން ކިޔާދޭ ވާހަކަ: ލައިގެން ހުންނެވި ގަމީހުގައި އޮތް ސިއްރު!
ސިލޯނުގެ ކޮޅުނބުގައި އަރުވާލެވިގެންތިބެ، ނޮވެންބަރު 2003 ވަނަ އަހަރު އުފެއްދި، ޕާޓީ ރަޖިސްޓްރީ ކުރުމުގެ މަސައްކަތުގައި ދޫނުދީ، އެކަން ހަމަނުޖެހެނީސް ހޯމް މިނިސްޓްރީ އޭރު ހިންގި ހުރަވީ ބިލްޑިންއިން ނުނިކުމެ، އިށީނދެތިބެ ކުރި ހިތްވަރުން، 23 ޖޫން 2005 ގައި ރާއްޖޭގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީގެގޮތުގައި އެމްޑީޕީ ރަޖިސްޓްރީކުރެވުނެވެ.

ތިރީސް އަހަރުވަންދެން ވެރިކަން ކުރަމުން އައި ރައީސް މައުމޫންގެ ވެރިކަން ނިމުމަކަށް ގެންނަން ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު އިދިކޮޅު ޕާޓީގެ ގޮތުގައި އޮވެ، އެމްޑީީޕީން 2008 ވަނަ އަހަރު ކުރި ވަރަގަދަ ކެމްޕެއިންތަކުގައި ރައްޔިތުންގެ ހިތާއި، ލޭނާރުތަކާއި ގުޅުވި، ދެތިން އެއްޗެއް ފާހަގަކުރެވިގެންދިޔައެވެ. 

ތިރީސް އަހަރުގެ ދިގު ވެރިކަމެއް ނިމުމަކަށް ގެނެސް އެމްޑީޕީން ވެރިކަމަށް އައި އެންމެ ބޮޑު ސަބަބެއްގެ ގޮތުގައިވެސް ވެފައި އޮތީ ރަންރީދޫ ކުލައިން ފަވާލި ކެމްޕެއިންގައި އެ ޕާޓީން ގެންގުޅުނު މި ތަފާތު ދެ ތިން އެއްޗެއްގެ ސަބަބުންނޭ ބުނުން ދޮގަކަށް ނުވާނެ އެވެ.

"ނަނާ ހުވަފެން ދުށީމޭ، ދަރަވާ ހިނދު ދުނިޔޭން ބާރަކަށް މީހަކުގެ ނުމެލާ، އާރަކަން މާމުއި ފެތޭތީޔޭ، ނަނާހުވަފެން ދުށީމޭ.....،" ހިތާކުޅެލިއެވެ. 

ދިދައިގައި ޖެހި ބޮޑު ތިލަފަތް ފާހަގަ ކުރެވުނެ އެވެ. "އަނެއް ދިވެހިރާއްޖެ" ދިވެހީންގެ ވިސްނުންތަކާއި ކުޅެލި އެވެ. ވަކިން ހާއްސަކޮށް އެމްޑީޕީގެ ފަސް ވައުދެއް ރަމްޒުކޮށްދޭން ގެންގުޅުނު ހުދާއި ރީނދުލުގެ ފަސް ފިޔާގެ "ގުލް ޗަންޕާ" ފަހުގެ ޖީލަށް އެނގި މަޝްހޫރުވެގެން ދިޔައީ އެމްޑީޕީގެ ކެމްޕެއިންތަކުގެ ތެރެއިން ނެެވެ.

ނަމަވެސް "ގުލްޗަންޕާ" ގެ ގޮތުގައެެއްް ނޫނެވެ. އެ މާ ވެގެން ދިޔައީ، އެމްޑީޕީގެ ވަރުގަދަ ލީޑަރު މުހައްމަދު ނަޝީދު ރަމްޒުކޮށްދޭ "އަންނި މާ" އަށެވެ. އެމްޑީޕީގެ މެނިފެސްޓޯތަކުގެ ތެރެއިންނާއި، ކެމްޕެއިން ޕޯސްޓަރުތަކުން ވެސް މި މާ ބޮޑުކޮށް ފެނެ އެވެ. ކަރުގައި އެޅުވި މާފަތިތައް ވެސް ގަތާ ޖަރީކޮށްފައި ހުންނަނީ އެ މަލުން ނެވެ.

މިއަދު މިވާހަކަ ދައްކަން މިޖެހުނީ ވެސް ސަބަބެއް ނެތިއެއް ނޫނެވެ. ވަރަށް ދުވަސް ވެއްޖެ އެވެ. އެމްޑީޕީ މިހާ ހިސާބަށް އާއިރު، ވަރުގަދަ "އެއް ލޭގެ ރީނދޫ ގުޅުން" ހީނަރުވެ މަރު ވެއްޖެ އެވެ. ނޭވާލަނީ ވެސް ކިރިޔާ އެވެ. މިދަނޑިވަޅުގައި އެމްޑީޕީ ސަލާމަތް ކުރުމަށް ދެބައިވެ ފަޅިވެފައި އޮތް މި ޕާޓީގެ އެންމެ މުހިންމު އެތެރޭގެ އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު، މި މާ އަލުން ފާޅުވެއްޖެ އެވެ. ޕޯސްޓަރަކުން ނޫނެވެ. ސީދާ ރައީސް ނަޝީދުގެ ގަމީސްކޮޅުން ނެވެ. 

މިއަދު 10:00 ޖެހިއިރު، ރައީސް ނަޝީދު ޖަމާލުއްދީންގައި ވޯޓުލާން ވަޑައިގެން އިންނެވީ، ރީނދޫ ގަމީހެއް ތުރުކުރައްވައިގެންނެވެ. އެއްގޮތަކަށް ވެސް ގަމީހަށް ފާޑުކިޔަނީއެއް ނޫނެވެ. އެހެން މީހަކަށް ފާހަގަވި ކަމެއް ނުވަތަ ނުވާކަމެއް ވެސް ނޭނގެއެވެ. ނަމަވެސް އަޅުގަނޑުގެ ލޯ އެންމެ ފުރަތަމަ ވެސް އަޅައިގަތީ ރީނދޫ ކުލައިން ދިއްލިފައިވާ ގަމީހަކަށް ނޫނެވެ. އެ ގަމީހުގެ ޖީބުގައި ފަނޑުފަނޑުކޮށް އެ އިނީ އެއްކަލަ "އަންނި މާ" ނުވަތަ ގުލްޗަންޕާ މަ އެވެ. 

ފޯރިގަދަ ރިޔާސީ އިންތިހާބުތަކާއި، އެހެނިހެން އިންތިހާބުތަކުގައި ވެސް ރައީސް ނަޝީދު ވޯޓުލާން ވަޑައިގަންނަވަ އެވެ. ރީނދޫ ގަމީހެއް ތުރުކުރައްވާފައި ހުރެދާނެ އެވެ. ނަމަވެސް ޖީބުގައި އެމަނިކުފާނަށް ނިސްބަތްކުރި މާ ޖަހައިގެން އާ މިއީ ފުރަތަމަ ފަހަރެވެ. 

އަންނި، އަނބުރާ އައީ ބާ؟

ހަމަގައިމު ވެސް މިއަދު ވޯޓުލާން ވަޑައިގެންނެވިއިރު، އެ މާ ޖީބުގައި ޖައްސަވައިގެން އަންނަވާނީ ވަރުގަދަ މެސެޖަކާ އެކު އެވެ. ސުވާލު މި އުފެދެނީ އެ މެސެޖާ މެދު އެވެ. 

ރައީސް ނަޝީދު ދޭން މިއުޅުނީ ކޮން މެސެޖެއް ބާ އެވެ؟ އިޝާރާތް އެ ކުރައްވަނީ ކޮން ކަމަކަށް ބާވަ އެވެ. 

މި ސުވާލުގެ ޖަވާބު ހޯދުމަށް އެމަނިކުފާނަށް ގުޅާލަން ނުހަނު ބޭނުންވި އެވެ. ސުވާލަށް ސާފު ޖަވާބެއް ލިބޭނީ ވެސް އޭރުން ކަމަށް ވުމުންނެވެ. ނަމަވެސް....، އެމަނިކުފާނުގެ ބަހެއް ނުލިބުނެ އެވެ.

ފަސް ފިޔައިން ފަސް ވައުދު!

އެމްޑީޕީގެ މި މާ 2008 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބަށް ފަހު ލޮލުކޮޅަށް ފެންނަނީ ވަރަށް މަދުންނެވެ. 

ރައީސް ނަޝީދު މިއަދު މި މާ ޖެހި ގަމީހެއް ތުރުކުރައްވި "ސިއްރު" ނޭނގުނަސް އެންމެ ފުރަތަމަ އެމްޑީޕީން މި މާ ބޭނުން ކުރަމުން އައި ގޮތް ހަނދާން ކޮށްލުން މުހިންމު ކަމަށް ދެކެމެވެ. 

މިއީ 2008 ވަނަ އަހަރު ރައީސް ނަޝީދު ވެރިކަމަށް އައުމަށް މުޅި އެމްޑީޕީ ވީވައުދުތައް ރަމްޒުކޮށްދޭ މަލެކެވެ. ކަރުގަނޑުގައި ރީނދޫ ކުލަ، ފިޔަތަކުގައި ހުދު ކުލަ ހުންނަ މި މަލުގެ ފަސް ފަތަކީ ރައީސް ނަޝީދުގެ ވައުދުފުޅުތަކެވެ. 

  1. ރަށްތައް ދަތުރުފަތުރުން ގުޅާލުން
  2. އަތްފޯރާ އަގުގައި ބޯހިޔާ ވަހިކަން
  3. ދިރިއުޅުމުގެ އަގު ތިރިކުރުން
  4. މަސްތުވާތަކެއްޗަށް ހުޅުވި ދޮރު ބަންދުކުރުން
  5. ބޭސްފަރުވާއަށް ސަލާންޖެހުން ހުއްޓާލުން

your imageފަސް ފިޔައިން ފަސް ވައުދު

އެމްޑީޕީގެ ސަރުކާރު އިންތިހާބު ކުރެވުނީ އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ބޭސްފަރުވާއަށް ސަލާންޖެހުން ނައްތާލުމާއި، މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރުމާއި، ދިރިއުޅުމުގެ އަގު ތިރިކުރުމާއި، ދިވެހިރާއްޖެ ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމުގެ ވައުދާ އެކުގަ އެވެ. 

ފެބްރުއަރީ 2012 ގައި ފުލުހުންނާއި، ސިފައިން އިސްވެ ބަގާވާތުން ވެރިކަން ފުރޮޅާލި ކަމަށް ރައީސް ނަޝީދު ސިފަކުރައްވާ ސަރުކާރުގައި، އެވައުދުތައް ފުއްދުމަށް ކުރާންޖެހޭ ގިނަ މަސައްކަތްތައް ވަނީ ކުރެވިފަވާ ކަމަށް ރައީސް ނަޝީދު މިއަދު ވެސް ވިދާޅުވެ އެވެ.

އެމްޑީޕީން ބުނާގޮތުން "އެމްޑީޕީއިން އެދުވަހުއްސުރެން ވެސް މަސައްކަތް ކުރަމުން ދިޔައީ ބަގާވާތުގެ ސަރުކާރުން ހަނި ކުރުމަށް ފައި ނެގި ނުހަނު ދަތިކަމާއި، ހިންމަތުން ހޯދުނު ޑިމޮކްރެޓިކް ހައްގުތަކާއި، މިނިވަން އިންސާފުވެރި އިންތިހާބުތަކުގެ ފުރުސަތު ހިމާޔަތްކުރުމަށް" ކަމަށެވެ. 

ފަހަރުގައި ރައީސް ނަޝީދުގެ ގަމީހުން މިއަދު ދެއްވި މެސެޖަކީ އެއީ ކަމަށް ވުން އެކަށީގެންވެ އެވެ.

ވީޑިއޯ ރިޕޯޓު ބެއްލެވުމަށް:  ލައިގެން ހުންނެވި ގަމީހުގައި އޮތް ސިއްރު!

56%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
19%
ވަރަށް ސަލާމް
ކޮމެންޓްސް