ads
ފޮޓޯ: އަލްއަރަބިއްޔާ
ޔޫއޭއީގެ ރައީސް ފަސްދާނު ލައްވައިފި
ޔުނައިޓަޑް އަރަބި އެމިރޭޓްސްގެ ރައީސް ހަލީފާ ބިން ޒާއިދު އަލްނަހުޔާން ފަސްދާނު ލައްވައިފި އެވެ.

ހުކުރު ދުވަހުގެ ވަގުތެއްގައި ޔޫއޭއީގެ ރައީސް އަވަހާރަވެފައި ވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޔޫއޭއީގެ ރައީސްގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް މާދަމާ ޔޫއޭއީއަށް ވަޑައިގަންނަވަން ނިންމަވާފަ އެވެ. 

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް މީގެ ކުޑައިރުކޮޅެއް ކުރިން މީޑިއާތަކަށް ވިދާޅުވީ، ރައީސް ވަޑައިގަންނަވަނީ ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވަން ނޫން ކަމަށާއި، އެމަނިކުފާނު ވަޑައިގަންނަވަނީ ތައުޒިޔާ ދެންނެވުމުގެ ދަތުރުފުޅެއްގައި ކަމަށެވެ. 

މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ޔޫއޭއިން ވަނީ، އަވަހާރަވި އެ ގައުމުގެ ކުރީ ރައީސް ހަލީފާ ބިން ޒާއިދު އަލް ނަހުޔާނަށް ތައުޒިޔާ ވިދާޅުވުމަށް އެކުވެރި ގައުމުތަކުގެ ވެރިންނަށް ދައުވަތު އަރުވާފައެވެ. 

ޝައިހް ހަލީފާ ބިން ޒައިދު އަލް ނަހްޔާން އަވަހާރަވީ، އިއްޔެގެ ވަގުތެއްގަ އެވެ. އެމަނިކުފާނު އަވަހާރަވި އިރު އުމުރުފުޅަކީ 73 އަހަރެވެ. ޝައިހް ހަލީފާ ބިން ޒައިދު އަލް ނަހްޔާން ވެރިކަމާއި ހަވާލުވެ ވަޑައިގަތީ އެ މަނިކުފާނުގެ ބައްޕާފުޅު އަވަހާރުވުމުންނެވެ.

އެމަނިކުފާނު އަވަހާރަ ވުމާއި ގުޅިގެން ޔޫއޭއީގެ އާ ރައީސް ކަމުގެ މަގާމަށް އިންތިހާބު ކުރީ ހަލީފާ ބިން ޒައިދު އަލް ނަހްޔާންގެ އެއްބަފާ ކޮއްކޯފުޅު މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އެވެ މުހައްމަދު ބިން ޒައިދް ޔޫއޭއީގެ ރައީސް ކަމަށް އިންތިހާބު ކުރީ އެގައުމުގެ ފެޑެރަލް ސުޕްރީމް ކައުންސިލްގެ މެމްބަރުންގެ އިއްތިފާގުންނެވެ.

އެގައުމުގެ ފެޑެރަލް ސުޕްރީމް ކައުންސިލް އެކުލެވިގެންވަނީ ޔޫއޭއީގައި ހިމެނޭ ހަތް އެމިރޭޓްސްގެ ގަވަރުނަރުންގެ މައްޗަށެވެ. އެ ގައުމުގެ ގާނޫނު އަސާސީ ބުނާގޮތުން އެ ގައުމުގެ ރައީސް އަވަހާރަވާތާ 30 ދުވަހުގެ ތެރޭގައި އާ ރައީސަކު އިންތިހާބު ކުރަން ޖެހެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް