ފައްޔާޒް އިސްމާއިލްގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ވަހީދު
ފެނިގެން މިދިޔައީ އެމްޑީޕީ ހިންގާލަން ބޭނުންވާ ވަރު: އިބުރޭ
Share
މިއަދު ނެގިގެން މިދިޔަ އެމްޑީޕީގެ ޗެއާޕާސަންގެ ވޯޓުން ފެނިގެން މިދިޔައީ އެމްޑީޕީ ހިންގާލަން އެ ޕާޓީގެ އާއްމު މެމްބަރުން ބޭނުންވެފައި ތިބި މަންޒަރު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެ އެވެ.
Advertisement

ވާދަވެރިކޮށް ކުރިއަށްދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާގޮތުން މި އިންތިހާބު ކާމިޔާބު ކޮށްފައިވަނީ ފައްޔާޒް އެވެ. ފައްޔާޒް އަށް 28،520 ވޯޓު ވަނީ ލިބިފައެވެ. 

ތަފާތުބޮޑުކޮށް އިންތިހާބު ކާމިޔާބު ކޮށްފަ ވާއިރު، ފައްޔާޒްގެ ކެމްޕެއިން މެނޭޖަރު އިބުރޭ ވިދާޅުވީ، ފެނިގެން މިދިޔައީ އެ ޕާޓީގެ އާއްމު މެމްބަރުން ފައްޔާޒް އާއި އެކު ޕާޓީ ހިންގާލަން ބޭނުންވެފައި ތިބި މަންޒަރު ކަމަށެވެ. އަދި ފައްޔާޒް ކެމްޕެއިންގައި ހުށަހެޅި ކަންކަމަށް އާއްމު މެމްބަރުން ތާއީދު ކުރާ ކަން މިއަދު ނެގި ވޯޓުން އެނގިގެން ހިނގައްޖެ ކަމަށްވެސް އިބުރޭ ވިދާޅުވިއެވެ. 

އިބުރޭ އިތުރަށް ވިދާޅުވީ، މި އިންތިހާބުގެ ނަތީޖާ މުޅިން އިއުލާން ކޮށް ނިމޭއިރު، 62-65 އިންސައްތައިން ފައްޔާޒް ކުރި ހޯއްދަވާނެކަން މިހާރު ފެންނަ މަންޒަރުތަކުން އަންދާޒާ ކުރެވޭ ކަމަށެވެ. އަދި މި ނަތީޖާއާއި އެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ދިފާއު ކުރެވޭނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. 

ފައްޔާޒްގެ އިތުރުން މި އިންތިހާބުގައި ދެން ވާދަ ކުރެއްވީ އިމްތިޔާޒް ފަހުމީ އެވެ. އިމްތިޔާޒް އަށް ލިބިފައިވަނީ، 20،855 ވޯޓެވެ. 

ދެ ކެންޑިޑޭޓުންގެ ފަރާތުންވެސް ވާދަވެރި ކެމްޕެއިންތަކެއް ކޮށްފައިވާއިވާއިރު، ދެފެކްޝަނެއްގައި އޮތް އެމްޑީޕީން ފާހަގަކުރަނީ ޕާޓީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އޮންނާނެ ގޮތެއް ނިންމުމަށް ވަރަށް މުހިންމު ރޯލެއް އަދާކުރާނެ އިންތިހާބަކަށް މި އިންތިހާބު ވެގެން ދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް