ads
ލައިލީ : ތިނަދޫ ސްކޫލްގައި ކިޔަވާ ހަމައެކަނި ދަރިވަރު
އެއް ކުއްޖަކު ކިޔަވަމުންދިޔަ ސްކޫލަށް ކިޔަވަން އަންނަ ކުދިން އިތުރުވާން ފަށައިފި
އެންމެ ކުއްޖަކު ކިޔަވަމުންދިޔަ ވ. ތިނަދޫ ސްކޫލަށް އިތުރު ކުދިން ކިޔަވަން އަންނަން ފަށާފައިވާ ކަމަށާއި ކިޔަވައިދެވޭނެ ގޮތެއް ނެތިގެން އެހެން ރަށްރަށަށް ދިރިއުޅުން ބަދަލުކޮށްފައިވާ މީހުން ކިޔަވައިދިނުމަށް އަލުން ރަށަށް ބަދަލުވުމަށް ތިނަދޫ ކައުންސިލުން އެދިއްޖެ އެވެ.
Advertisement

އާބާދީ ކުޑަވުމުގެ ސަބަބުން ކްލާސްރޫމެއްގެ އަދަދުވެސް ހަމަނުވެ، ވޭތުވެދިޔަ 18 ވަރަކަށް އަހަރުގައި ތިނަދޫ ސްކޫލުގެ ކިޔަވައިދިނުން މުޅިން އޮތީ ހުއްޓާލާފައެވެ. ނަމަވެސް ތައުލީމު ދިނުމަށް ކައުންސިލުން އެތައް ދުވަހު ކުރި މަސައްކަތައް ފަހު މިހާރު އަލުން ކިޔަވައިދޭން ފަށާފައިވަނީ އާބާދީ މަދު ރައްރަށުގައި ސަރުކާރުން ގާއިމުކުރި ސެޓެލައިޓް ސްކޫލުތަކުގެ ސަބަބުންނެވެ.

"ސީއެންއެމް"އިން އެރަށަށް މިމަހު ކުރި ދަތުރުގައި އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވުނީ، އެ ސްކޫލުގައި އެންމެ ކުއްޖަކު ކިޔަވަމުން ދިއުމެވެ. "ތިނަދޫ ސްކޫލްގައި ކިޔަވާ ހަމައެކަނި ދަރިވަރު: ކިޔަވަނީ މަންމައާއެކު!" މި ސުރީހީގައި މިދިޔަ ހުކުރު ދުވަހު ސީއެންއެމް އިން ގެނެސްދިން ރިޕޯޓުގައި އެރަށު ސްކޫލުގައި ހަމައެކަނި ކިޔަވަމުންދިޔަ ލައިލީ ޖިނާހު އަބްދުއް ޝުކޫރުގެ ވާހަކަ ގެނެސްދީފައިވެސް ވާނެއެވެ.

އޭރު ތިނަދޫ ކައުންސިލުން "ސީއެންއެމް" އަށް ބުނީ އެރަށުގެ ސްކޫލުގެ މަސައްކަތް ނިންމުމުގެ ކުރިން އަށެއްކަ ކުދީން ރަޖިސްޓްރީ ކުރި ނަމަވެސް ސްކޫލުގެ ކިޔެވުން ފެށުމުން އެކުދީން ކިޔެވުމަށް އެރަށަށް ދިއުމުގެ ބަދަލުގައި އިހްތިޔާރު ކުރީ އެހެން ރަށްރަށް ކަމަށެވެ. ސަބަބެއްކަމުގައިވީ ކުދީންގެ ތެރޭގައިތިބެ ކުދީންނާއެކު ކިޔެވުމެވެ. 

އެހެންކަމުން އޭރު އެ ސުކޫލުގައި ކިޔަވަމުންދިޔައީ ހަމައެކަނި ލައިލީ އެކަންޏެވެ. އެ ރިޕޯޓު ސީއެންއެމް އިން ގެނެސްދިންތާ ދެދުވަސް ފަހުން މިއަދު ކައުންސިލްގެ ރައީސް ޝިފާގު ހުސެއިން ސީއެންްއެމްއަށް ވިދާޅުވީ، މިއަދު އިތުރު ތިން ކުއްޖަކު އެ ސްކޫލާއި ގުޅިފައިވާ ކަމަށެވެ.

" މިދިޔަ 18 ވަރަކަށް އަހަރު މި ސުކޫލުގައި ކިޔަވައެއްނުދޭ. މީދެރަކަމެއް ދެއްތޯ. މިހާރު ސުކޫލުގެ ދަރިވަރުން އަލުން އައުމަށް މި ގޮވާލަނީ. މިދިޔަ ހަފްތާގައި އެންމެ ކުއްޖަކު ހުރީ މި ސުކޫލުގަ. މިއަދު ޖޮއިންކޮށްފި އިތުރު ތިން ކުއްޖަކުވެސް. މީ ސެޓެލައިޓް ސްކޫލަކަށްވިޔަސް ލިބުނު ހިތްވަރެއް." ޝިފާގު ވިދާޅުވި އެވެ.

your imageތިނަދޫ ސްކޫލަށް މިއަދު އަލަށް ޖޮއިންކުރި 3 ކުދިންނާއިއެކު ޖުމްލަ 4 ކުދިންނަށް ކިޔަވައިދެނީ---ފޮޓޯ:ސީއެންއެމް

ޝަފީގު  ވިދާޅުވީ އެ ލިބުނު ހިތްވަރާއިއެކު އިތުރަށް ސްކޫލުގެ ކިވައިދިނުމުގެ މަސައްކަތް ހަރުދަނާ ކުރުމާއި، އަލުން މި ސްކޫލަކީ ޓީޗަރުންނާއި ދަރިވަރުންވެސް ތިބެގެން ގިނަ ކުދިންތަކަކާއިއެކު ކިޔަވައިދޭ ސްކޫަލަކަށް ހެދުމުގެ އުންމީދުގައި މަސައްކަތްކުރައްވަމުންދާ ކަމަށެވެ. 

އެހެންކަމުން ދަރިންނަށް އުފާވެރި މާހައުލެއްގައި އެހެން ކުދިންނާއިއެކު ކިޔަވައިދިނުމުގެ ފުރުސަތު ނެތިގެން އެހެން ރަށްރަށަށް ބަދަލުވި ފަރާތްތަކުން އަނބުރާ ރަށަށް އައިސް އެކަމަށް އެއްބާރުލުން ދެއްވުމަށް ޝަފީގު މިއަދު ވަނީ އެދިފައެވެ. 

"އަޅުގަނޑު މި ގޮވާލަނީ ހުރިހާ ރައްޔިތުންނަށްވެސް މާލެ ދޫކޮށްލާފަ ރަށަށް އަންނާށޭ. މިހާރު ސްކޫލުގެ ކިޔެވުން ފުޅާކުރުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަމޭ ބޭނުންވަނީ" ޝިފާގު ވިދާޅުވި އެވެ.

your imageތިނަދޫ ކައުންސިލްގެ ރައީސް ޝިފާގު ހުސެއިން ސީއެންއެމް އަށް އިންޓަވިއު ދެއްވަނީ---ފޮޓޯ:ސީއެންއެމް

ތިނަދޫގައި ވަރަށް ފަހަކާއި ޖެހެންދެން އެކަނި ކިޔަވަމުންދިޔަ ލައިލީ ކިޔަވަމުންދިޔަ ގޮތާއި ބެހޭގޮތުން ސީއެންއެމްއިން ހެދި ރިޕޯޓަށް މައުލޫމާތު ދެމުން ލައިލީގެ ބައްޕަ އޭރު ބުނީ، އެރަށުގައި ތިބެގެން މިހާރު ކިޔަވާ ގޮތަށް ކިޔެވިއަސް ނަތީޖާ ރަނގަޅު ކަމަށާއި، ދަރިފުޅު މާ ހިތްހަމަޖެހިގެން ކިޔަވާ ކަމަށެވެ. އެހެންވެ، ޖީނާހު އެއްގޮތަކަށްވެސް މާލެއަށް ނުވަތަ އެހެންރަށަކަށްވެސް ދަރިފުޅު ގޮވައިގެން ނުދާނެ ކަމަށާއި، ކުޑަކުޑަ އެރަށުގައި ހިތްހަމަޖެހުމާއެކު ރަނގަޅު އާމްދަނީ އެއް ލިބޭތީ މާލޭގެ ހަލަބޮލި މާހައުލަށް ދާން ބޭނުން ނުވާ ކަމަށް ޖިނާހު ބުނެއެވެ.  

ސީއެންއެމް އާއި ވާހަކަދައްކަމުން ލައިލީ އޭރު ބުނީ ކިޔެވުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި، އެންމެ ފަހުން ދިން ފިލާވަޅުތަކުން ވެސް ފުލް މާކްސް ލިބުނު ކަމަށެވެ. އެހެންނަމަވެސް ޗުއްޓީއަށް އެރަށަށް ކުދިން އައިސްފައި ދިއުމުން އެދުވަސްކޮޅު ވަރަށް ބޮޑަށް އެކުދިންމަތީން ހަނދާން ވާކަމަށް ބުންޏެވެ.

އެކަމަކު ކިޔަވަނީ ކިޔަވާ ހިތުން ކަމަށާއި، ސެޓެލައިޓް ސްކޫލްގައި ކިޔެވިއަސް އުނދަގޫތަކެއް ނެތް ކަމަށް ލައިލީ ބުންޏެވެ.

ރާއްޖޭގެ ބައެއްރަށްރަށުގައި ދާދި ފަހުން ވަނީ ސެޓެލައިޓް ސްކޫލް ގާއިމު ކޮށްފައެވެ. އެއީ ކިޔަވާ ކުދީންގެ އަދަދު މަދު ރަށްރަށުގައެވެ. އެގޮތުން ބ.ފެހެންދޫ ސްކޫލާއި، ވއަތޮޅުގެ ބައެއް ރަށްރަށުގެ ސްކޫލްތައް ހިމެނެއެވެ. މިސްކޫލްތަކަށް ކިޔަވައިދޭ މައި މަރުކަޒަކީ ހުރަވީ ސްކޫލެވެ. އެސްކޫލްގައި ކިޔަވައިދެމުންދާއިރު އެހެންސްކޫލްތަކުގައި ދަރިވަރުންނަށް އެހީތެރިވުމަށް ޓީޗަރުން ތިއްބަވާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. 

އެހެންނަމަވެސް ތިނަދޫ ކައުންސިލުން އޭރު ބުނީ އެރަށުސްކޫލަށް ޓީޗަރުން ހޯދުމަށް ކުރެވުނު އިއުލާނަށް އެއްވެސް ޓީޗަރަކު ކުރިމަތި ލާފައިނުވާތީ އެސްކޫލްގައި ޓީޗަރަކު ނެތް ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް