ނަސްލީ ތަފާތުކުރުން ބޮޑުކުރާނަމަ "ރާއްޖެތެރެ މީހުން" މާލެ ހިފަންޖެހިދާނެ ކަމުގެ އިންޒާރު ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ދެއްވައިފި އެވެ.
ސައުދު މިފަދަ އިންޒާރެއް ދެއްވާފައި މިވަނީ ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި އެމްޑީޕީހެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ދެއްކެވި ވާހަކަތަކަކަށް ރައްދުދެއްވާ ކުރެއްވި ޓްވީޓެއްގަ އެވެ.
މިޕްރޮގްރާމުގައި ހުސައިން ޝަހީމް ސިފަކުރެއްވީ މާލެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަކީ ފަލަސްތީނު ރައްޔިތުންގެ އަތުން އެމީހުންގެ ބިންތައް އެހެން ބަޔަކު ފޭރިގަނެފައިވާ ފަދަ މައްސަލައެއްގެ ގޮތުގަ އެވެ.
"އަށްޑިހަ، ނުވަދިހަ އަހަރުވީ އަޅުގަނޑުމެންގެ [މާލޭ ރައްޔިތުންނަށް] ފްލެޓްގަނޑެއް ބިންކޮޅެއް ނުލިބިދާތާ. މުޅި މާލެ ހިއްކާ، ކޮންމެ ސަރުކާރަކުން ހައްގުވެރިންނަށޭ އޭގެ އެންމެ ބޭނުން ޖެހިފައި ތިބި މީހުންނަށޭ، ކިޔާފައި ބަހައްޓާފާ ހިއްކާލަ ބިންކޮޅު ހިތުހުރި ގޮތަކަށް ބަހާލަފައި. މީއީ މާލޭ މީހުންގެ ރަށެއް،" އޭނާ ވިދާޅުވި އެވެ.
ހުސައިން ވިދާޅުވީ މާލޭ ރައްޔިތުންގެ ދިފާއުގައި އޭނާ ވާހަކަދައްކަވަނީ ރާއްޖެތެރެ ރައްޔިތުންނާ މާލޭ ރައްޔިތުން ތަފާތު ކުރަން ނޫން ކަމަށާއި، ނަމަވެސް މާލޭ ރައްޔިތުންގެ ހައްގުގައި އަބަދުވެސް ވަކާލާތު ކުރައްވާނެ ކަމަށެވެ.
ހުސައިންގެ މިވާހަކަތައް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ހޫނުވެފައި ވަނިކޮށް ސައުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެއަކީ ވަކި ބައެއްގެ ތަރިކަ މުދަލެއް ނޫން ކަމަށެވެ. ގްރޭޓާ މާލެ ތަރައްގީކުރުމަށް ނެގި ލޯންތަކާއި ކުރަމުންދާ ހަރަދުތަކަކީ ދިވެހި ރައްޔިތުންގެ އެސެޓް ކަމަށްވެސް ސައުދު ވިދާޅުވި އެވެ. އެހެންކަމުން ނަސްލީ ތަފާތު ކުރުން ބޮޑުކުރާނަމަ ރާއްޖެތެރެ މީހުން މާލެ ހިފަންޖެހިދާނެ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ސައުދު ވަނީ މާލެ ދަފްތަރުގައި ޖެހިފައިވާ އެންމެން ރަށު ރަޖިސްޓްރީއަށް ބަދަލުވުމަށްވެސް ގޮވާލާފަ އެވެ.
މެންބަރު ހުސައިން ޝަހީމްގެ ވާހަކަތަކަށް އެމްޑީޕީގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވެސް ވަނީ ރައްދުދެއްވާފަ އެވެ. އެގޮތުން ޔައުގޫބް ވިދާޅުވީ އިޒްރޭލުގެ ނުލަފާ މީހުންނާއި ރާއްޖެތެރޭ މީހުންނާ އެއްހަމައަކުން މިނެކިރުމުން ލަދުވެތިވާ ކަމަށެވެ.
"އިޒްރޭލުގެ ނުބައި ނުލަފާ މީހުންނާއި އެއް ހަމައަކުން މި ރާއްޖޭގެ "ރާއްޖެތެރޭ މީހުން" މިނެކިރާތީ އެކަމާ ލަދުވެތިވެ، ކަންބޮޑުވެ، ދެރަވޭ. އަޅުގަނޑުވެސް ގަބޫލުކުރަން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަން ކަށަވަރު ވާން ޖެހޭނެ ކަމަށް. އެކަމަކު ތަފާތުކުރުން ނައްތާލަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
މެންބަރު ހުސައިން އަށް ރައްދު ދެއްވަމުން ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު އަދި ގެދޮރު އިމާރާތްކޮށްދޭ ކުންފުންޏެއްގެ ވެރިއެއް ކަމަށްވާ ސައުދުﷲ ހިލްމީ ވިދާޅުވީ ވެރިކަން ކުރާ ރަށް "ކޮންމެ ފަސް އަހަރަކުން ނުވަތަ 20 އަހަރުން" ބަދަލުވާ ގޮތް ހެދުމުން މާލެއަށް މީހުން ނާންނާނެ ކަމަށެވެ.
މާލެ އާއި ރާއްޖެތެރޭގެ މީހުންގެ މެދުގައި ތަފާތުތަކެއް ހުންނަ ފަދަ މޭރުމަކުން މީގެކުރިން މަޖިލީހުގެ ތަޅުމުގައިވެސް ބައެއް މެންބަރުން ވާހަކަދައްކަވާފައިވާތީ މިމައްސަލަ ދޭތެރެދޭތެރެއިން ދަނީ ބަހުސްކުރެވޭ ބޮޑު މައްސަލައަކަށް ވަމުންނެވެ.